ގަލްފާއި މެދުއިރުމައްޗަށް ބޮޑެތި ބަދަލުތަކެއް : އީރާނުގެ މިސްރާބު ޗައިނާއާ ދިމާއަށް ބަދަލުކޮށްލައިފި

އީރާނާއި ޗައިނާގެ ރައީސުން

އީރާނާއި ޗައިނާ ސޮއިކޮށްފައިވާ ދިގުމުއްދަތުގެ ސްޓްރެޓީޖިކް އެއްބަސްވުން ތަންފީޒު ކުރުމުގެ ގޮތުން ހިންގަންޖެހޭ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް އެ ދެ ގައުމުން މިހާރުވަނީ ނިންމާފައެވެ.

މިގޮތަށް ނިންމީ އީރާނުގެ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން އިސްކޮށް ހުންނަވާ އީރާނުގެ އިސް ވަފްދެއް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައެވެ. މިދަތުރުފުޅުގައި އީރާނުގެ ވަފްދުވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ އާއި އެގައުމުގެ އެނޫން ބައެއް އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވައި އީރާނާއި ޗައިނާ ސޮއިކޮށްފައިވާ ދިގުމުއްދަތުގެ ސްޓްރެޓީޖިކް އެއްބަސްވުމުގެ ދަށުން ޗައިނާގެ ކުންފުނިތަކުން އީރާންގައި ކުރުމަށް ހަމަޖެހިފައިވާ އިންވެސްޓްމަންޓްތައް އަވަސްކުރުމާބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

25 އަހަރުގެ މިއެއްބަސްވުމުގެ ދަށުން ޗައިނާ އީރާންގައި މަދަނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއްގައި 100 އަށްވުރެ ގިނަ ބިލިޔަން ޑޮލަރު އިންވެސްޓްކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ޒަމާނީ ރޭލްވޭތަކާއި ހައިވޭތަކާއި މަގުތައް ބިނާކުރުމާއި ކާރުޚާނާތައް ހިމެނޭ ސިނާއީ ސަރަހައްދުތަކާއި ރިއަލް އެސްޓޭޓް ސަރަހައްދުތަކާއި ކަނޑުގެ ބަނދަރުތަކާއި އެއާޕޯޓްތައް ބިނާކުރުންފަދަ އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް ހިމެނެއެވެ. މިއީ ޗައިނާގެ އިގްތިސާދީ އިނިޝިއޭޓިވް ކަމަށްވާ ބެލްޓް އެންޑް ރޯޑު ޕްރޮގްރާމާ ގުޅިފައިވާ ކަންތައްތަކެކެވެ.

ޗައިނާއާއި އީރާނުގެ ވަފްދުގެ މަޝްވަރާތައް

އީރާންވަނީ ޗައިނާއާއި ދުނިޔެ (އެއްގަމާއި ކަނޑާ އަދި ވައިގެ މަގުން) ގުޅުވާލަދޭ އިގްތިސާދީ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވް ގައި ބައިވެރިވެފައެވެ. މިއީ ޗައިނާގެ ބާރާއި ނުފޫޒު މުޅި ދުނިޔޭގައި ވަރުގަދަވާނެ ސްޓްރެޓީޖިކް އިނިޝިއޭޓިވް އެއް ކަމަށްވާތީ އެމެރިކާ ދަނީ މިކަމާމެދު ކަންބޮޑުވެ ޗައިނާއަށް ފިއްތުތަކާއި ދުއްތުރާތައް ކުރުމަށް ކުރެވެންއޮތްހާ މަސައްކަތެއް ކުރަމުންނެވެ. އީރާނާއި ޗައިނާގެ ދިގުމުއްދަތުގެ ސްޓްރެޓީޖިކް އެއްބަސްވުމުގެ ދަށުން 25 އަހަރުވަންދެން އީރާނުން ޗައިނާއަށް ތެލާއި ގޭސް ތަންކޮޅެއް ހެޔޮ އަގެއްގައި ވިއްކުމަށް ވެސް އވަނީ ހަމަޖެހިފައެވެ.

އެމެރިކާއާއި ޔޫރަޕުން އީރާނާ ދެކޮޅަށް އަޅާފައިވާ ޒަމާންވީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާން މިހާރުވަނީ އެގައުމުގެ މުޅި މިސްރާބު ހުޅަނގުގެ ބަދަލުގައި ޗައިނާއާ ދިމާއަށް ބަދަލުކޮށްލާފައެވެ. މިކަން އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދާދިފަހުންވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރާ ބަދަލުކުރެއްވުމަށްފަހު ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި އިރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި 2015 ވަނައަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތައް ސޮއިކުރި އެއްބަސްވުމަށް އެމެރިކާ އެނބުރި އަލުން ރުޖޫއަވުމަށްވެސް ޗައިނާގެ ބަޔާނުގައިވަނީ އެމެރިކާއަށް ގޮވާލާފައއެވެ.

އެ އެއްބަސްވުމަށް ޢަމަލުކުރުން އީރާނުން ހުއްޓާލީ 2018 ވަނައަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސަރުކާރުން އެ އެއްބަސްވުމުން ވަކިވުމުންނެވެ. އެއާއެކު އީރާނުންވަނީ އެ އެއްބަސްވުމާ ޚިލާފަށް ނިޔުކްލިޔަރ ހަރަކާތްތައް އަލުން މެކުހަށް ޖަހައި ޔުރޭނިޔަމު ފައްކާކުރާ މިންވަރު 60 އިންސައްތައަށް މައްޗަށް ޖައްސާފައެވެ. މިކަމުގެ ސަބަބުން އީރާނުގެ ދުޝްމަނުންކަމަށްވާ އެމެރިކާއާއި އިސްރާއީލުވަނީ ކަންބޮޑުވެފައެވެ.

އެމެރިކާގެ ސްޓްރެޓެޖީ އަކީ މެދުއިރުމަތީގައި އެހެންގައުމުތަކަށް ހަމަލާދީ މުލައްދަނޑީގެ ބާރު ދައްކާލެވޭނެ ހަމައެކަނި ގައުމަކީ އިސްރާއީލު ކަމަށް ހެދުމެވެ. މިކަން އެމެރިކާވަނީ ކާމިޔާބު ކަމާއެކު ކޮށްފައެވެ. މިގޮތުން އިސްރާއީލުވަނީ އެމެރިކާގެ އެހީތެރިކަމާއެކު ނިއުކްލިޔާ ހަތިޔާރުވެސް އުފައްދާފައެވެ. އަދި އިސްރާއީލު ގެންދަނީ މި ބާރު ބޭނުންކޮށްގެން ފަލަސްތީނަށް ވެރިވެގެނެ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށާއި ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ދެކޮޅު ހަދަމުންނެވެ.

އީރާނާއި ޗައިނާގެ ޚާރިޖީ ވަޒީރުން ބެއިޖިންގައި ބައްދަލު ކުރައްވަނީ

އީރާން ދެކެ އެމެރިކާއާއި އިސްރާއީލު ރުޅިއަންނަނީ އިސްރާއީލުގެ ބާރުގެ ތިލަފަތަށް ގޮންޖަހާލެވޭވަރުގެ އަސްކަރީ ސިނާއަތު އީރާނުން އަމިއްލައަށް ތަރައްގީކުރުމުންނާއި އިސްރާއީލާ ކުރިމަތިލެވޭފަދަ އަސްކަރީ ޖަމާއަތްތައް ( ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ފަލަސްތީނުގެ ޖަމާއަތްތައް) ވުޖޫދަށް އައުމާއެކު އެޖަމާއަތްތަކަށް އީރާނުން މިސައިލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމުންނެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމާއި ޑްރޯން ޓެކްނޮލޮޖީގެ ޕްރޮގްރާމްތަކުގެ ސަބަނުން އިސްރާއީލަކީ ހަމައެކަނި ސަރަހައްދުގެ އަސްކަރީ ބާރުކަމަށް ހެދުމަށް އެމެރިކާ ގެންގުޅުނު ސިޔާސަތު ފޭލްވެއްޖެ ކަމަށް އެމެރިކާ މިހާރު ގަބޫލު ކުރެއެވެ. އަދި ލުބްނާނުގެ ހިޒްބުﷲ އާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ފަދަ ޖަމާއަތްތަކުގެ މިސައިލް ތަކަކީވެސް އިސްރާއީލުގެ މުލައްދަނޑީގެ ބާރު ސައިޒްކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރާ ސްޓްރެޓީޖިކް ބާރެއްކަމަށްވެސް އެމެރިކާ މިހާރު ދެކެއެވެ.

ނިޔުކްލިޔަރ އެއްބަސްވުމާ ޚިލާފަށް އީރާނުން ޢަމަލުކުރަން އީރާނަށް މަޖްބޫރުވީ އެމެރިކާއިން އެ އެއްބަސްވުމުން އެކަހެރިގޮތެއްގައި ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅުމުން ކަމަށާ އެކަމުގެ ޒިންމާ ނަގްނަޖެހޭނީ އެމެރިކާ ކަމަށްވެސް ޗައިނާގެ ޚާރިޖިއްޔާގެ ބަޔާން ބުނެއެވެ.

މީގެއިތުރުން ޗައިނާވަނީ ނިޔުކްލިޔަރ އެއްބަސްވުމަށް އެނބުރި އަލުން ރުޖޫއަވުމަށް އެމެރިކާއާއި އީރާނާ ދެމެދު މިހާރު ވިއެނާގައި ކުރިޔަށްދާ މަޝްވަރާތަކުގެ ތެރެއަށް އީރާނުގެ ދާޚީލީ ކަންކަން ހިމަނައިގެން އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށާއި އީރާނުގެ ސިޔާސަތަށް ނުފޫޒު ފޯރުވަން އެމެރިކާ ކުރާކަންކަން ބަލައިނުގަނެވޭނެކަމަށްވެސް ޗައިނާގެ ބަޔާން ބުނެއެވެ.

ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި ރުޖޫއަވުމާ ބެހޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ވިއެނާގައި މިހާރު ކުރިޔަށްދާ ވާހަކަތަކުގެ ތެރެއަށް އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުމާއި އީރާނުން ފަލަސްތީނުގެ މިނވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތާ އަދި ލުބްނާނުގެ ހިޒްބުﷲ ފަދަ ޖަމާއަތަކަށް ދޭ އަސްކަރީ އެހީތަކުގެ މައްސަލަ ހިމެނުމަށް އެމެރިކާ ކުރި މަސައްކަތްތަކަށް އީރާންވަނީ ފާޅުގައި ދެކޮޅު ހަދާފައެވެ. މިކަމުގައި އެމެރިކާގެ ބޭނުމަކީ އެމެރިކާއާއި އިސްރާއީލުގެ އަނިޔާވެރިކަމުގެ ކުރިމަތީގައި އީރާން އަސްކަރީ ގޮތުން ބަލިކަށިކޮށްލުމުގެ ނުބައި ޒަޔަނިސްޓް ރޭވުންކަމަށް އީރާން ދެކެއެވެ.

ވިއެނާގައި މިހާރު ކުރިޔަށްދާ ނިއުކްލިޔާ ވާހަކަތައް ހުއްޓުވުމަށާއި އެވާހަކަތަކުގައި ދޫދޭން އީރާނަށް މަޖްބޫރު ކުރުވުމަށްޓަކައި އިސްރާއީލުވަނީ އީރާނުގެ ނިއުކްލިޔަ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އެތަށް ފަހަރަކު ދީފައެވެ. ރައްދުގައި އީރާންވަނީ އީރާނަށް ހަމަލާދީފިނަމަ އިސްރާއީލަށް ދުރުރާސްތާގެ މިސައިލުން ހަމަލާދީ އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒު ބިމާ ހަމަކޮށްލާނެކަމުގެ އިންޒާރު ދީފައެވެ.

އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ އިސްރާއީލަށް ސަލާމަތް ނުވެވޭނެކަމާ އަދި މެދުއިރުމައްޗާއި ގަލްފުގެ މުޅި ސަރަހައްދުވެސް އެހަނގުރާމައިގެ ތެރެއަށް ވެއްޓި ގަލްފުގެ ތެލުގެ އިންޑަސްޓްރީ ހަލާކުވެ އެކަމުގެ ގެއްލުމުން އެމެރިކާއާއި އެމެރިކާއަށް ބަރޯސާވާ ގަލްފުގެ އަރަބި ގައުމުތައްވެސް ސަލާމަތް ނުވާނެކަން އެމެރިކާއަށް ކަށަވަރުވާތީ އެމެރިކާ ވަނީ ނިއުކްލިޔާ ވާހަކަތަކުގައި މިހާރު ކޮންމެވެސް ވަރަކަށް ދުދޭން ފަށާފައެވެ.

އެހެންކަމުން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ނިއުކްލިޔާ މައްސަލާގައި އީރާނާއި އެމެރިކާ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ. ނިއުކްލިޔާ ވާހަކަތައް ބިނާވެފައިވަނީ އީރާނުން ކުރިޔަށްގެންދާ ޔޫރޭނިޔަމް ފައްކާ ކުރުމުގެ މަސައްކަތް ހަމައެކަނި މަދަނީ ބޭނުންތަކަށް އެކަނި ބޭނުންކުރޭ ވަރަށް ދަށްކުރުމާއި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މައްޗަށެވެ. އީރާނުގެ މިސްރާބު ހުޅަނގުގެ ބަދަލުގައި ޗައިނާއާ ދިމާއަށް ބަދަލުކޮށްލުމުގެ ފަހަތުގައިވާ ސަބަބުތަކުގެ ތެރޭގައި ޗައިނާ ދުނިޔޭގެ ހައިިޕާ ޕަވަރެއްގެ ގޮތުގައި ފާޅުވާން ފެށުން ހިމެނެއެވެ.

މީގެއިތުރުން މުސްތަގްބަލްގައި ޗައިނާގެ ކުރިމަތީގައި އެމެރިކާ ހުރިހާ ގޮތަކުންވެސް ސައިޒް ވެގެންދާނެކަން އީރާނަށް ކަށަަވަރުވުމާއި އަދި އެމެރިކާއެކު ނިއުކްލިޔާ އެއްބަސްވުމަކަށް އައިސް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި ނަމަވެސް އެއްބަސްވުން އުވާލައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅާފާނެކަމުގެ ބިރު އޮތުމުން އެމެރިކާއާއި ޔޫރަޕަށް އީރާނުގެ އިތުބާރު ގެއްލިފައިވުމަކީވެސް މީގެ ސަބަބެކެވެ.

comment ކޮމެންޓް