އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ރައީސް ޔާމީން ހައްޔަރުކުރަން ޖެހޭ: ހަސަން ލަތީފް

ހަސަން ލަތީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ޕީޕީއެމް/ޕީއެންސީއިން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރޭ ފޯކައިދޫގައި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އިންޑިއާ ހަރަކާތަކީ މިހާރު ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.

އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް އެހީވެދޭ ގައުމެއް ކަމަށާއި، ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް އިންޑިއާގައި ދިރިއުޅޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާ ޓީޗަރުންނާއި މަސައްކަތްތެރިންނާ ދެކޮޅަށް އެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އެ މީހުންނާ ކުރިމަތިލަމުން ދާކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

މިއީ ބިރުވެރި ކަމެއް ކަމަށާއި މިކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހޭނެ. އަޅުގަނޑުމެން ވަރަށް ނާޒުކު ފައްތަރެއްގައި ތިއްބާ އަދި އެއަށްވުރެ ބޮޑު އަނދަވަޅަކަށް އެ ވައްޓާލީ،" ހަސަން ލަތީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލެއް ވަޒަންކޮށްލަން ވެސް ނޭނގޭނެ ކަމަށެވެ. ދިވެހިންނާ މެދު ވިސްނާ ދިވެހިންނަށް ކުޑަ ވެސް ވަރަކަށް އަޅާލާ މީހެއްނަމަ މިފަދަ ކަންކަން ކުރުމަށް ފަސްޖެހޭނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ވުޒާރާތަކުގައި ރައީސް ޔާމީން ހައްޔަރުކުރުމަށް ބުނަން ބޭނުން ނުވާކަމަށާއި، އެ ފަރާތްތައް ވެސް އިހުލާސްތެރި ނިޔަތެއް އޮތްނަމަ މިހާރު ރައީސް ޔާމީން އެ ހިންގަވާ ކެމްޕޭނުގެ ތަހުގީގެއް ފަށަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގައި ފޮރުވިފައިވާ ކަންކަން ބަލަންޖެހޭ. ރައީސް ޔާމީން އިއްޔެ ރައީސްކަން ކުރެއްވި ބޭފުޅަކު މިއަދު ނިކުމެވަޑައިގެން އަވަށްޓެރި އިންޑިއާ އައުޓޭ ކިޔައިގެން އެ ކުރައްވާ ކެމްޕޭނުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުންނާނެ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ތާވަލްކޮށްފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ފޯރި އަންނަނީ އެ ދާއިރާގައި ގަދަވަމުންނެވެ.

ޕާޓީތަކުގެ މެދުގައި ހޫނު ބަހުގެ ހަމާލާތަކެއް ބަދަލުކުރެވެމުންދާ ޖަލްސާތަކުގައި ބައިވެރިވުމަށް ޕާޓީތަކުގެ އިސްވެރިންނާއި ސަރުކާރުގެ ވެރިން މިހާރުވެސް ތިއްބެވީ ދާއިރާގެ ރަށްރަށުގައެވެ.

އެގޮތުން ޕީޕީއެމްގެ ކެންޑިޑޭޓްގެ ކެމްޕޭނަށް ރައީސް ޔާމީން ވެސް ހުންނެވީ ކޮމަންޑޫ ދާއިރާގައެވެ. އަދި ސަރުކާރުގެ ހިންގާ ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕޭނަށް ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހުންނެވީ އެ ދާއިރާގައެވެ.

comment ކޮމެންޓް