ފުނަދޫ ކައުންސިލް މެންބަރު ޒުލްފާ ޖޭޕީ ދޫކޮށް ޕީޕީއެމަށް

ށ.ފުނަދޫ ކައުންސިލް މެންބަރު ޒުލްފާ ހާމިދު ޕީޕީއެމަށް ސޮއި ކުރައްވަނީ --- ފޮޓޯ/ޕީޕީއެމް

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ށ. ފުނަދޫ ކައުންސިލް މެމްބަރު ޒުލްފާ ހާމިދު ޕީޕީއެމަށް ސޮއި ކުރައްވައިފިއެވެ.

ޒުލްފާ ޕީޕީއެމަށް ސޮއި ސޮއިކުރެއްވީ މިދިޔަ ހޮނިހިރުއެވެ. ޒުލްފާ ވަނީ އޭނާގެ މެންބާޝިޕް ފޯމް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލުކުރައްވާފައެވެ.

ޒުލްފާ "ސަން"އަށް މިރޭ ވިދާޅުވީ ޕާޓީ ބަދަލުކުރެއްވި ސަބަބު ހާމަކުރައްވަން ބޭނުން ނުވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސިޔާސަތުތަކަށް އަބަދުވެސް ތާއީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ސޮއިކުރެއްވުމާއެކު ފުނަދޫ ކައުންސިލްގައި މިހާރު ޕީޕީއެމްގެ ހަތަރު ކައުންސިލަރުން ތިއްބަވާނެއެވެ.

ށ.ފުނަދޫއިން ޖޭޕީ ބައެއް މެންބަރުން ޕީޕީއެމަށް ސޮއި ކުރައްވަނީ --- ފޮޓޯ/ޕީޕީއެމް

ރައީސް ޔާމީން ފުނަދުއަށް ކުރެއްވި ޒިޔާރަތުގައި އިތުރު ބޭފުޅުންތަކެއް ވެސް ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ. އެގޮތުން ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިޝަތު ނަސްރީނާ ވެސް ވަނީ ޕީޕީއެމަށް ސޮއިކުރައްވާފައެވެ. އޭނާ އަކީ ވެސް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިޚާބުވި ބޭފުޅެކެވެ.

ފުނަދޫ ކައުންސިލްގެ ކުރީގެ މެމްބަރު އަބްދުއްރަހްމާން އަހްމަދާއި ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެމްބަރު އަހްމަދު ފާއިޒު ވެސް ވަނީ ޕީޕީއެމަށް ސޮއިކުރައްވާފައެވެ.

comment ކޮމެންޓް