ފުނަދޫ ސްކޫލް ފާރުގައި އިންޑިއާ އައުޓް ޖެހީ އެމްޑީޕީން ކަމަށް ތުހުމަތުކޮށްފި

ށ. ފުނަދޫ ސުކޫލު ފާރުގައި "އިންޑިއާ އައުޓް" ލިޔެފައި-- ފޮޓޯ/ މީސް މީޑިއާ

ށ. ފުނަދޫ ސްކޫލު ފާރުގައި "އިންޑިއާ އައުޓް" ސްޕްރޭކޮށްފައިވަނީ، ސަރުކާރުން އަންގައިގެން ވެރިކަން ހިންގާ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ކަމަށް ތުހުމަތުކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގެންނަވާ، ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު މިއަދު "ސަން"އަށް ވިދާޅުވީ ރަށު ސުކޫލު ފާރުގައި އެފަދަ އިބާރާތްތަކެއް ލިޔެފައިވާ ކަން ރަށު ރައްޔިތުންނަށް އެނގުމުގެ ކުރިން، އެކަން ސަރުކާރުގެ އިސް ބޭފުޅުންނަށް އެނގިވަޑައިގެން އެ ވާހަކަ މީސް މީޑިއާގައި ދައްކަވައިފައިވާ ކަމަށެވެ.

"މިކަމަކީ ހަމަ ސަރުކާރުން އަންގަވައިގެން އެމްޑީޕީ އެކްޓިވިސްޓުން ކޮށްގެން އުޅޭ ކަމެއް," އޭނާ ވިދާޅުވިއެވެ.

"މި ރަށު މީހުންނަށް އެނގުމުގެ ކުރިން ސަރުކާރު ތެރޭގައި ތިބި ބަޔަކު މީގެ ތެރެއަށް ވަދެގެން، އެކަން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ފެންނަ ފެނުމަށް މިހާރު."

އޭނާ ވިދާޅުވީ މިކަމަކީ ޕީޕީއެމްއިން ހަފްތާބަންދުގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތާ ގުޅުވައިގެން ޕީޕީއެމް މެންބަރުންގެ ބޮލުގައި އެކަން އެޅުވުމަށް ބަޔަކު ރާވައިގެން ހިންގައިފައިވާ އަމަލެއް ކަމަށެވެ.

ށ. ފުނަދޫ ސުކޫލު ފާރުގައި "އިންޑިއާ އައުޓް" ލިޔެފައި ހުރި ތަނުގައި ކުލަލާފައި -- ސަން ފޮޓޯ

ހަމައެހެންމެ ފުނަދޫއަކީ މީގެ ކުރިން މިފަދަ އެއްވެސް ކަމެއް ހިނގައިފައިވާ ރަށެއް ނޫން ކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ ބަޔަކު ރާވައިގެން، ދޮގު ތުހުމަތުތަކެއް އެޅުވުމަށް މިފަދަ ކަމެއް ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

"ފާރުތަކުގައި ލިޔުމާއި، މިފަދަ ކަންކަމަކީ ފުނަދޫގެ ތާރީހުގައި ވެސް މީގެ ކުރިން ހިނގައިފައިވާ ކަންކަމެއް ނޫން، ސިޔާސީ ކަމެއް އަދި ވަކީން ހާއްސަކޮށް ސުކޫލު ފާރުގައި ލިޔުމަކީ އަޅުގަނޑު ވަރަށް ކުށްވެރި ވެސް ކުރާ ކަމެއް،" އަހުމަދު ވިދާޅުވިއެވެ.

ފުނަދޫ ސުކޫލު ފާރުގައި އިންޑިއާ އައުޓް ޖަހައިފައިވާ ފޮޓޯ އެންމެ ފުރަތަމަ ހިއްސާކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. މަހުލޫފް އެ ފޮޓޯ ހިއްސާކުރައްވައި ވިދާޅުވީ އެ އަމަލަކީ އެ ސުކޫލުގައި މަސައްކަތް ކުރަމުން އަންނަ 40 އިންޑިއާ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން ކައުންސިލް ރައީސް ވިދާޅުވީ އިންޑިއާގެ 40 މުވައްޒަފުން ސުކޫލުގައި މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެ ސުކޫލުގައި މިވަގުތު މަސައްކަތް ކުރަމުން އަންނަނީ 17 އިންޑިއާ ޓީޗަރުން ކަމަށެވެ. އަދި ސުކޫލަށް ބޭނުންވާ ޓީޗަރުން ހަމަވުމުން ވެސް އުޅޭނީ 22 ޓީޗަރުން ކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ ބިރުވެރިކަމެއްގައި ތިބި ކަމަށް މިނިސްޓަރު ވިދާޅުވިނަމަވެސް އެ ޓީޗަރުންގެ ޝައުގުވެރިކަން އެ ކަމަށް ނެތް ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.

ފުނަދޫ ސުކޫލު މަގުގައި ދެމި އިންޑިއާ އައުޓް ބެނާ--

"އެ ބޭފުޅުން ތިބީ މިކަމަށް މާ ޝައުގުވެރި ވެގެން ނޫން، އެ ބޭފުޅުންނަށް ވެސް މިވަނީ ކިހިނެއް ކަމާއި، ވަނީ ކީއްކަން ވަރަށް ރަނގަޅަށް އެނގޭ، އިންޑިއާ އައުޓަކީ އެ ބޭފުޅުންނަށް މުހާތަބުކޮށް އަޅުގަނޑުމެން ކުރާ ކަމެއް ނޫން ކަން އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ،" އަހުމަދު ވިދާޅުވިއެވެ.

މީގެ އިތުރުން އަހުމަދު ވިދާޅުވީ ހަފްތާ ބަންދުގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ސުކޫލު ސަރަހައްދުގައި ދެމި ބެނާތައް ވެސް، ސުކޫލު ޕްރިންސިޕަލްގެ އެދުމުގެ މަތީން އެ ދުވަހު ނަގައިފައިވާނެ ކަމަށާއި އެ އެއްވުން ކުރިއަށް ގެންދިޔައީ ވެސް ކަމާ ބެހޭ އިދާރާތަކަށް އެއްބާރުލުން ދީގެން ކަމަށެވެ.

ފުނަދޫ ސުކޫލު ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންގެ އިދާރާއާ ގުޅިގެން ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވަނީ މިއަދު ބުނެފައެވެ.

comment ކޮމެންޓް