ފުނަދޫ ސުކޫލު ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލަ ބަލަނީ

ށ. ފުނަދޫ ސުކޫލު ފާރުގައި "އިންޑިއާ އައުޓް" ލިޔެފައި-- ފޮޓޯ/ މީސް މީޑިއާ

ށ. ފުނަދޫ ސްކޫލު ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލަ ބަލަން ފަށައިފިއެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނަކީ އިދިކޮޅު ޕީޕީއެމް ކޯލިޝަނުން، ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި ހިންގަމުން އަންނަ ކެމްޕެއިނެކެވެ. މިދިޔަ ހަފްތާ ބަންދުގައި އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ށ. އަތޮޅަށް ވަޑައިގަތުމާ ގުޅިގެން ފުނަދޫގައި ވެސް ވަނީ އެ ކެމްޕެއިނުގެ މުޒާހަރާއެއް ކޮށްފައެވެ.

ފުނަދޫ ސުކޫލުގެ ފާރުގައި "އިންޑިއާ އައުޓް" އަދި "ސޭ ނޯ ޓު އިންޑިއަން" ޖަހައިފައިވާ ފޮޓޯއެއް މިހާރު މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ވެސް އެ ސުކޫލުގައި މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް، ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "ސަން"އަށް ވިދާޅުވީ މި މައްސަލަ ބެލުމަށް އެޑިއުކޭޝަން މިިނިސްޓްރީން މިހާރު ފުލުހުންގެ އިދާރާގައި އެދިފައިވާނެ ކަމަށެވެ.

"މިފަދަ މައްސަލަތަކުގައި ކަމާ ގުޅުންހުރި އިދާރާ މަޝްވަރާކުރުމަށްފަހު ހަމަ އެކަމަށް ފިޔަވަޅުތަކެއް އަޅަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.

މިފަދަ ކަންކަމަކީ ސުކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ މުސްތަގްބަލާ ވެސް ގުޅިފައިވާފަދަ ކަންތައްތައްކަން ފާހަގަކުރައްވައި އަހުމަދު އަލީ ވިދާޅުވީ އޭގެ ސަބަބުން ސުކޫލުތަކުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އެ މީހުންނަށް ސުވާލު އުފެދޭނެ ކަމަށެވެ.

"ރައްކާތެރިކަން ކަށަވަރު ކޮށްދިނުުމަށް އެ ބޭފުޅުން [އިންޑިއާ ޓީޗަރުން] ސުކޫލުތަކުގައި ވެސް އެދެމުން އެބަ ދޭ. ވަރަށް ބޮޑު ކަންބޮޑުވުމެއް މިއީ، އަޅުގަނޑުމެންގެ ދަރީންގެ މުސްތަގްބަލާ ގުޅިފައިވާ ވަރަށް ބޮޑު މައްސަލައެއް މި މައްސަލައަކީ،" އަހުމަދު އަލީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ބިދޭސީ ޓީޗަރުންގެ ރައްކާތެރިކަން ކަށަވަރު ނުވާނަމަ އެ ޓީޗަރުން ރާއްޖޭގައި މަސައްކަތް ކުރަން ބޭނުން ނުވާނެ ކަމަށެވެ. އަދި އެކަމުގެ ގެއްލުން ކުރާނީ ދަރިވަރުންނަށް ކަމަށެވެ.

comment ކޮމެންޓް