ވައިގެ މަގުން ބަލައިގެންވެސް ގެއްލުނު ފަތުރުވެރިޔާ ނުފެނޭ

ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފްގެ ޑައިވަރުން ހަރަކާތްތެރިވަނީ: ގެއްލިފައިވަނީ އިނގިރޭސި ވިލާތުގެ އުމުރުން ދުވަސްވީ ފަތުރުވެރިއެއް-- ފޮޓޯ: އެމްއެންޑީއެފް

އދ. މަންދޫ ކައިރިއަށް އިއްޔެ ޑައިވިންއަށް ފޭބި ފަތުރުވެރިންގެ ތެރެއިން ގެއްލިގެން ހޯދަމުން އަންނަ މީހާ އަދިވެސް ނުފެންނަ ކަމަށް ސިފައިން މިއަދު ބުނެފިއެވެ.

އިއްޔެ މެންދުރުން ފެށިގެން ގެއްލިގެން ހޯދަމުން ދަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ.

އެ ފަތުރުވެރިޔާ ޑައިވިންއަށް ދިޔައީ މަންދޫ ކައިރީ އޮތް ފަރަކަށް, "ގޮމަ" ނަމަކަށް ކިޔާ ދޯންޏެއްގައެވެ. އޭނައާ އެކު އިތުރު ފަތުރުވެރިންތަކެއް ވެސް ޑައިވިންއަށް ފޭބި ކަމަށާއި ނަމަވެސް ގެއްލުނީ އެމީހާ އެކަނި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ސިފައިން ކުރަނީ: ފޮޓޯ:އެމްއެންޑީއެފް

އެމްއެންޑީއެފްއިން މިއަދު ބުނީ ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް އިންޓަސެޕްޓާ ކްރާފްޓް "ވެލާނާ" ދަނީ ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

"ކަނޑުމަތިން ބެލުމުގެ އިތުރުން، ޑައިވް ކޮށްގެން ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"މި މަސައްކަތުގައި އެ ސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދޭ. އަދި މިއަދު ވައިގެ މަގުންވެސް ސާޗްކުރިއަށް ދާނެ."

އިއްޔެ ވަނީ އެ ސަރަހައްދުން ދަތުރުކުރި ސީޕްލޭންތައް މެދުވެރިކޮށް ވެސް އެ ފަތުރުވެރިޔާ ފެނޭތޯ ބަލައިފައެވެ.

އެހާ އާއްމު ނޫން ނަމަވެސް ދޭތެރެއަކުން ކަނޑުމަތީގެ ހާދިސާތަކުގައި ފަތުރުވެރިންނަށް ގެއްލުން ލިބެއެވެ. އޭގެ ބައެއް ހާދިސާތަކުގައި ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ.

comment ކޮމެންޓް