ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

އަހްމަދިއްޔާ ސްކޫލްގެ ކްލާހެއްގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވަނިކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދެވަނަ ޓާމަށް ސްކޫލްތައް ހުޅުވައިފިއެވެ.

ދިރާސީ އަހަރަށް ގެނައި ބަދަލާ އެކު ދެވަނަ ޓާމްގެ ޗުއްޓީއަށް 21 ދުވަސް ދިނުމަށްފަހު މިއަދު ހެނދުނު ދެވަނަ ޓާމްގެ ކިޔެވުން ވަނީ ފަށައިފައެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ މާލޭ ސްކޫލުތަކުގެ ގްރޭޑް 8-1 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފުރަތަމަ އެންގިއެވެ.

ނަމަވެސް ފަހުން ވަނީ އެކަން ސްކޫލްތަކަށް އިހްތިޔާރެއްގެ ގޮތުގައި ދޫކޮށްލައި، ސުކޫލުތަކުން ބޭނުން ނަމަ ހުރިހާ ދުވަހަކު ވެސް ދަރިވަރުން ހާޒިރުކޮށްގެން ކިޔެވުން ކުރިއަށް ގެންދިއުމަށް ދީލާލާފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭނެއެވެ.

ސުކޫލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރެވޭނަމަ ދެ ދުވަހަށް ވުރެ އިތުރަށް ވެސް ސުކޫލަށް ދަރިވަރުން ހާޒިރު ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.

އެގޮތުން، ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުން ބަލައި، ސެނިޓައިޒް ކުރަން ޖެހޭނެއެވެ. އަދި ސްކޫލުގައި ކިޔަވައިދޭ ދަންފަޅި އާންމު ހާލަތަށް ވުރެން ކުރު ވާންޖެހޭނެއެވެ.

މީގެ އިތުރުން، ކްލާސްރޫމުގައި ދަރިވަރުން ތިބެން ޖެހޭނީ ތިން ފޫޓު ދުރުގައި ކަމަށާއި ކޮވިޑުން ރައްކާތެރި ވުމަށްޓަކައި އެޗްޕީއޭއިން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު، މިފަހުން ދުވާލެއްގެ މައްޗަށް މާލޭއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 500އަށް އަރާފައެވެ. އަދި މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 1000 އާ ވަނީ ގާތްކޮށްފައެވެ.

comment ކޮމެންޓް