ރައީސް ޔާމީން ކޮމަންޑޫ ދާއިރާއަށް ވަޑައިގަތީ ޖެއްސުން ކުރަން: ސަމީރު

އެމްޑީޕީން ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ސަމީރު ވާހަކަ ދައްކަވަނީ --- ފޮޓޯ/އެމްޑީޕީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮމަންޑޫ ދާއިރާގެ ރަށަކަށް ވަޑަނުގަނެ، މިއަދު އެ ދާއިރާއަށް ވަޑައިގަންނަވަނީ ޖެއްސުން ކުރަން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ށ. ކޮމަންޑޫގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުންނާ ބީރައްޓެހި ބޭފުޅެއްކަމަށެވެ. އަދި މަރުކަޒީ ތަރައްގީގެ ވިސްނުން އެމަނިކުފާނު ގެންގުޅުއްވަނީ ވެސް ރައްޔިތުންގެ ކައިރިއަށް ދާން ބޭނުން ނުވާތީ ކަމަށް ސަމީރު ވިދާޅުވިއެވެ.

"ކީކޭތޯ ރައީސް ޔާމީން ވިދާޅުވަނީ. އެމަނިކުފާނު ވިދާޅުވަނީ ހުރިހާ ރައްޔިތުން އަންނާށޭ ހުޅުމާލެއަށް. ދެން އައިމަ ކިހިނެތްތޯ ވަނީ. އެއީ އެމަނިކުފާނަށް ޑިގުކުޅެން އިނދެގެންވެސް އެތަނަށް [ހުޅުމާލެއަށް] ގޮސް ވޯޓު ހޯދަން ފަސޭހަވާނެތީވެ،" ސަމީރު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެންޕޭނަކީ މަސްތުވާތަކެތީގެ މައްސަލަ ފަދަ ކަންކަމުގައި މަތިޖެހުމަށް ކުރިއަށް ގެންދާ ކެންޕޭނެއް ކަމަށްވެސް ސަމީރު ތުހުމަތު ކުރެއްވިއެވެ.

"ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވަނީ ތިމަން މަނިކުފާނުގެ ދެން އޮތް ވައުދެއްގެ ގޮތުގައި، އެންމެ މުހިއްމު މަސައްކަތަކީ ކޮންކަމެއްތޯ. ދިވެހިރާއްޖެއަށް އެތެރެކުރާ ޑުރަގުތައް ނައްތާލުމަށް މަސައްކަތް ކުރާނަމޭ. ނައްތާލާނަމޭ. ދިވެހި ޒުވާނުންނަށް ޑުރަގު ދީގެން އެކުރާ ވަގު ވިޔަފާރިތަކާ ކަންތައްތައް ހުއްޓުވާނަމޭ. ހަމަ ބުނާއިރަށް [އިދިކޮޅު ފަރާތްތަކުން] މިބުނަނީ އިންޑިއާ އައުޓް،" ސަމީރު ވިދާޅުވިއެވެ.

އެމްޑީޕީން ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގެ ތެރެއިން--- ފޮޓޯ/އެމްޑީޕީ

ރައީސް ޔާމީނުގެ ޚާރިޖީ ސިޔާސަތައް ފާޑުވިދާޅުވަމުން ސަމީރު ފާހަގަކުރެއްވީ ކޮމަންވެލްތުން ވަކިވުން ފަދަ ކަންކަން ކުރެއްވުމުގެ ސަބަބުން ދިވެހިންނަށް އެތައް ގެއްލުމެއް ލިބިފައިވާ ކަމަށެވެ. ތައުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާއިން ލިބެން އޮތް އެތައް ފުރުސަތުތަކެއް އެކަމުގެ ސަބަބުން ގެއްލުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ރަށްތައް ތަރައްގީ ކުރެއްވުމުގައި ރައީސް ޔާމީނުގެ ރޭވުންތެރި ކަމެއް ނެތްކަމަށް ވެސް ސަމީރު ތުހުމަތު ކުރެއްވިއެވެ.

"ހަމަ ދޭތެރެއަކުން ފެންނަ އިރަށް ބުނާނެ މިތާނގަ އެއާޕޯޓެއް އެތާނގަ އެއާޕޯޓެއް. އެހެން ގޮއްސަ ކޮންމެ ތަނަކު އެއާޕޯޓެއް އެޅީމަ އަޅުގަނޑުމެންނަށް މިޖެހުނީ އެކަންކަން ހަމައަކަށް އަޅުވައިގެން އަނެއްކާވެސް ޚިދުމަތް ދީ ކަންކަން ކުރަން،" ސަމީރު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ޝަރީއަތާ ބެހޭގޮތުން ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމުންވެސް އެމަނިކުފާނުގެ މައުސޫމްކަން ސާބިތު ނުވާކަމަށެވެ.

"އެ ކޯޓު [ސުޕްރީމް ކޯޓު]ން މި ބުނަނީ، އަދި މިކަން ނިމުނަކަސް ނުވެޔޭ. މިއޮތީއޭ ކަނޑައެޅިގެން އެއްމިލިއަން އެމެރިކާ ޑޮލަރު. ހަގީގަތް ހޯދާށޭ މި މައްސަލައަށް ބަލާއިރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރަކީ ކޮންގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަމެއް ކަށަވަރެއް ނުވެޔޭ،" ސަމީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ސަމީރު ވަނީ މީގެކުރިން ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސިނަމާލެ ބްރިޖްގެ ކްރެޑިޓް ރައީސް ޔާމީނަށް ނުނެގޭނެ ކަމަށް ވެސް އޭނާ ދާދިފަހުން ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް