ކުރީގެ ސަރުކާރުގައި އަތޮޅުތެރެ އޮތީ ވަރަށް ބޮޑަށް ބާކީކޮށްލާފައި: ނައިބު ރައީސް

އެމްޑީޕީން ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ކުރީގެ ސަރުކާރުގައި އަތޮޅުތެރޭގެ ރަށްތައް އޮތީ ވަރަށް ބޮޑަށް ބާކީ ކޮށްލާފައި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ށ. ކޮމަންޑޫގައި މިރޭ ބޭއްވި އެމްޑީޕީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ވަކި ސަރަހައްދެއްގައި އެކަނި ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ ގިނަ ރަށްރަށުގައި އަސާސީ ޚިދުމަތްތައް އަދިވެސް ގާއިމުވެފައި ނެތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގިނަ ރަށްތަކުގައި އަދިވެސް ނަޖިސް ފެނުން ފެންވަރަން މި ޖެހެނީ. އަޅުގަނޑުމެންނަށް މި ތިބެވެނީ ތާހިރު ނުވެވިފަ. އާދެ. މި ކަންތައްތައް، ރާއްޖޭގެ ހުރިހާ ރަށެއްގަ ވެސް، ޚާއްސަކޮށް ނަރުދަމާގެ ނިޒާމު ބަލައިފިކަމަށް ވަންޏާ، ރާއްޖޭގެ ގިނަ ރަށްތަކެއްގައި [މިހާރު] މި މަސައްކަތް ކުރިއަށް އެބަދޭ،" ފައިސަލް ވިދާޅުވިއެވެ.

ސިއްހީ ޚިދުމަތް ހޯދުމަށްޓަކައި މީގެ ކުރިން ޖެހެނީ ކޮންމެ ފަހަރަކު މާލެއަށް ދާން ކަމަށާއި ނަމަވެސް މި ސަރުކާރުން ރަށާ ކައިރިން އެ ޚިދުމަތްތައް ދޭން ފަށާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން ސަރުކާރަށް ވަރަށް ބޮޑަށް ފަސޭހަވާ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ރައްޔިތުންނަށްވީ ފަސޭހައެއް އޮތްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

"އޭރުވެސް މެޖޯރިޓީއެއް އޮތް. ޕާޓީ އަކަށް މެޖޯރިޓީއެއް އޮތް. މެޖޯރިޓީ އޮވެގެން އެދުވަހު އެ މީހުން ކުރީ ކޮންކޮން ކަންތައްތަކެއްތޯ؟ ރައްޔިތުންނަށް ފައިދާވާ ގޮތަށް، ފަސޭހަވާ ގޮތަށް ކަންތައްތަކެއް ކުރިތޯ،" ފައިސަލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން އެންމެ ފުރަތަމަ ވެސް ކުރި މަސައްކަތަކީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކަމަށެވެ. އަދި އެ އިސްލާހުތަކާއެކު ކައުންސިލްތައް ބާރުވެރި ކުރެވި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެގޮތް މަގުފަހިވި ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެމްޑީޕީން ކޮމަންޑޫގައި ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ

މި ސަރުކާރުން ތަރައްގީގެ މަޝްރޫއު ނުހިންގާ އެއްވެސް ރަށެއް ނޯންނާނެ ކަމަށާއި އިގްތިސޯދީ ދަތިތަކާ އެކުގައިވެސް ރައްޔިތުންނަށް ބޭނުންވާ އެއްވެސް ކަމެއް ހުއްޓިފައި ނުވާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނީ ވެސް މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ކޮމަންޑޫއަށް ރިޔާސީ ވައުދެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދު. އާދެ. ކޮމަންޑޫ ރައްޔިތުން ކުރަމުން އައި އުއްމީދު. އެ މަސައްކަތް މިވަނީ ފެށިފަ،" ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވިއެވެ.

comment ކޮމެންޓް