ކޮވިޑުގެ މިސްރާބު ހުރީ ނުރައްކަލާ ދިމާލަށް، މާލެއިން އެކަނިވެސް މިއަދު 514 ޕޮޒިޓިވް

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވީ 24 ގަޑައިރު ތެރޭގައި ރާއްޖެއިން ޓެސްޓްކުރި 7،273 ސާމްޕަލްގެ ތެރެއިން 954 މީހަކުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 326 މީހެކެވެ.

މީގެ އިތުރުން ރިސޯޓުތަކުން 36 މީހަކު ޕޮޒިޓިވްވެފައިވާއިރު ސަފާރީތަކުން ޕޮޒިޓިވް އަދަދު އުޅެނީ ހައެއްގައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 102،372 އަށް އަރާފައެވެ. އެކްޓިވް ކޭސްތައް 4،877 ގައި ހުރިއިރު ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން 23 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 265 މީހުންނެވެ.

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ބޫސްޓާ ޑޯޒް ދޭން ފަށައިފައިވާއިރު، ހުރިހާ އެންމެން ވެސް ވެކްސިންގެ ތިން ވަނަ ޑޯޒު ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިލްތިމާސް ކުރައްވާފައެވެ.

comment ކޮމެންޓް