ދެ އަހަރަށްފަހު ކެނެރީފް ރިސޯޓު އަލުން ހުޅުވައިފި

ކެނެރީފް ރިސޯޓު: ދެ އަހަރަށް ފަހު މި ރިސޯޓު މިއަދު ވަނީ ހުޅުވާފައި

ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، ކެނެރީފް ރިސޯޓު މިއަދު ހުޅުވައިފިއެވެ.

އައްޑޫ ހެރެތެރޭގައި ހިންގާ އެ ރިސޯޓުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަދު ހުޅުވީ ރިސޯޓުގެ 142 ކޮޓަރިކަމަށެވެ. އޭގެތެރެއިން 140 ކޮޓަރި މިހާރުވެސް ބުކް ކުރެވިފައިވާކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.

މި ކޮޓަރިތައް ހުޅުވާފައި ވަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރި މަރާމާތުތަކަކަށް ފަހުއެވެ.

މިއަދު ހުޅުވި ކެނެރީފް ރިސޯޓުގެ ކޮޓަރިއެއް

އެ ރިސޯޓުގައި ޖުމްލަ 271 ކޮޓަރި ހުރެއެވެ. ބާކީ ހުރި ކޮޓަރިތައް ހުޅުވޭނެކަމަށް ލަފާކުރެވެނީ އަންނަ ފެބްރުއަރީ މަހާއި އޭޕްރީލް މަހާ ދެމެދުކަމަށް އެ ރިސޯޓުގެ ސޭލްސް އެންޑް އޮޕަރޭޝަންސް މެނޭޖަރު ސައިފް ޒަރީރު ވިދާޅުވިއެވެ.

މިއަދު ހުޅުވި ކެނެރީފް ރިސޯޓުގެ ކޮޓަރިއެއް

މިއަދު ރިސޯޓު ހުޅުވިއިރު، އެތަނުގައި 165 މުވައްޒަފުން ތިބޭނެ ކަމަށް ސައިފް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު 40 ވަޒީފާ އުފެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކެނެރީފް ރިސޯޓު ބަންދުކުރީ ކޮވިޑާއި ގުޅިގެން ވަރަށް ބޮޑަށް މާލީގޮތުން ދަތިވެގެންނެވެ. އެދުވަސްވަރު 21 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނުކަމަށް ރިސޯޓުގެ އޮފިޝަލަކު އޭރު ވަނީ ވިދާޅުވެފައެވެ.

ކެނެރީފް ރިސޯޓުން މިއަދު ނެރުނު ބަޔާނުގައި އެ ރިސޯޓު ހުޅުވުމަށް އެހީވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. އެގޮތުން، އެ ރިސޯޓުގެ ޕާޓްނަރުންނާއި، ބައެއް މިނިސްޓްރީ ތަކާއި، އައްޑޫ ސިޓީ ކައުންސިލުގެ އިތުރުން، މަޖިލީހުގައި އައްޑޫ ތަމްސީލުކުރައްވާ ބައެއް މެންބަރުންގެ ނަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް