މާލޭގެ ފާރުތަކުގެ ގްރެފިޓީތައް ފުހެ ފާރުތައް ސާފުކުރަނީ

ފުލުހުންނާ އެކު ސިޓީ ކައުންސިލުން ގްރެފިޓީ ސާފުކުރުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކު މާލޭގެ ފާރުތަކުގައި ކުރަހާފައިވާ ގްރެފިޓީތައް ފުހެ ފާރުތައް ސާފުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިރޭ "ސަން"އަށް ވިދާޅުވީ މާލޭގެ މަގުތަކުގައި ހުރި މުޖުތައުގެ އާންމު މިންގަނޑު ތަކާ ނުގުޅޭ ލިޔުންތަކާއި ކުރެހުންތައް މަތީގައި ކުލަލައި ފުހުމުގެ މަސައްކަތް ކުރަމުން އަންނަނީ ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފުލުހުން ސިޓީއެއް ފޮނުވާފަ އޮތީ މި މަސައްކަތް ކުރާނެ އަޅުގަނޑުމެންގެ މުވައްޒަފުން ފޯރުކޮށްދޭން،" ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ފުލުހުންގެ މި މަސައްކަތުގައި ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.

އޭނާ ވިދާޅުވީ މި މަސައްކަތް މިހާރު ވެސް ހަލުވި ދުވެލީގައި ކުރާކަމަށާއި މަސައްކަތް އަދި ނިންމުމަށް އިތުރު ދުވަސް ނަގާނެކަމަށެވެ.

މާލޭގެ މަގުތަކުގައި ގިނަ ގްރެފިޓީތަކެއް އެބަހުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ގްރެފިޓީތަކުގެ ތެރޭގައި ގޭންގުތަކުން ކުރަހާފައިވާ ގްރެފިޓީތަކާއި ސިޔާސީ ބައެއް ޕާޓީ ތަކުން ކުރަހާފައިވާ ގްރެފިޓީތައް ހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގޭންގުތަކުން ކުރަހާފައިވާ ގްރެފިޓީތައް ފުހުމުގެ މަސައްކަތް ފުލުހުންނާއި ސިޓީ ކައުންސިލުން ކުރާއިރު މި ހަފްތާ ތެރޭގައި ފުލުހުންނާއި ސިފައިން ވަނީ ގޭންގުތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.

ގޭންގުތައް އެއްވާ ސަރަހައްދުތަކުގައި ފޯރި މެރުމަށް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާތަން މަގުމަތިން މިހާރު ފެންނަމުނެދެއެވެ.

މި މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޭގްތައް ކޮންޓްރޯލްކޮށް ރާއްޖެއަކީ އަމާން ތަނަކަށް ހެދުމަށް އުފެއްދެވި ހާއްސަ ޓާސްކު ފޯހަކުން ފެށި މަސައްކަތެކެވެ.

comment ކޮމެންޓް