މަތިކޮމަންޑޫގެ މަޝްރޫއު ހުއްޓުވުމަށް ބަޔަކު މަސައްކަތް އެބަކުރޭ: ފައްޔާޒު

ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާޅުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ފައްޔާޒު ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެމްޓީސީސީ

ކޮމަންޑޫއާ މަތިކޮމަންޑޫގެ ގުޅުވާލުމުގެ މަސައްކަތް ހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ތުހުމަތުކުރައްވައިފިއެވެ.

ށ. ކޮމަންޑޫއާއި އެ ރަށާ ޖެހިގެން އޮންނަ ފަޅު ރަށެއް ކަމަށްވާ މަތިކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދުއެވެ.

އެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، މަތިކޮމަންޑޫގެ ގުޅާލުމުގެ މަސައްކަތް ހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ އަޑީގައި އޮތީ ސިޔާސީ މަންފާއެއް ހޯދުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މިއަދު ސިޔާސީ ބޭނުމަކަށްޓަކައި މިއަދު ތިބޭފުޅުންނަށް ތިޔަ ލިބިގެންދާ ބޮޑު ހިތްހަމަޖެހުން ހުއްޓުވަން ބަޔަކު މިއަދު މަސައްކަތް ކުރާކަން. އޭސީސީއަށް މައްސަލަ ހުށަހަޅައި އަދިވެސް އެކިއެކި ދިމަދިމާލަށް ހުށަހަޅައިގެން މަތިކޮމަންޑޫގެ މަޝްރޫއު ހުއްޓުވުމަށް ބަޔަކު މަސައްކަތެއް އެބަކުރޭ. އޭގެ ބޭނުމަކީ ސަރުކާރަށް ކަމެއް ނުވާކަން ރައްޔިތުންނަށް ދެއްކުމަށްޓަކައި. އޭގެ ފަހަތުގައި އޮތްކަންތައް ތިބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" ފައްޔާޒު ވިދާޅުވިއެވެ.

މަތިކޮމަންޑޫ މަޝްރޫއަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ، މީގަ ހަފްތާއެއް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަތުމުން ކައުންސިލުން ވެސް އެންމެ އިސްކަމެއް ދީފައިވަނީ އެ މަޝްރޫއު އަވަސް ކުރުމަށް ކަމަށެވެ.

"އަންނަ އަހަރުގެ ކުރީކޮޅުގައި ތިބޭފުޅުން ކޮމަންޑޫއަށް ގޮސް އުޅޭނީ ރީތިކޮށް ހިނގާލާފައި ނޫނިއްޔާ ތިބޭފުޅުންގެ ސައިކަލްތަކުގައި ނުވަތަ ވެހިކަލްތަކުގައި،" ފައްޔާޒު ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އެތައް އުދަނގުލަކާއެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ، ފަސް އަހަރުގެ ދައުރު ނިމޭއިރު ރައްޔިތުން އެދުން ކަންކަންކޮށްދީ ހިތްފުރާލަ ދެއްވާނެ ކަމަށެވެ.

މަތި ކޮމަންޑޫގެ ބިން ހިއްކާ، ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ, 730 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 249.9 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއު ނިމޭއިރު 16.7 ހެކްޓަރު ބިން މަތިކޮމަންޑޫގައި ހިއްކައި، 1،520 މީޓަރުގެ ބޮޑު ހިލައިގެ ތޮޓެއްލައި، ޖުމްލަ 353 މީޓަރުގެ ބޮޑު ހިލައިގެ ފައިކަށި ލުމުގެ އިތުރުން 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމްކުރާނެއެވެ.

މި މަޝްރޫއުގެ ދަށުން މި ދެ ރަށް ގުޅާލުމަށް 200 މީޓަރުގެ ބްރިޖެއް ވެސް ވަނީ އަޅަން ނިންމައިފައެވެ. މީގެ އިތުރުން ކޮމަންޑުގައި 1،690 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރެވޭނެއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ބޯމަތި ވެފައިވާ ދަނޑިވަޅުގައި ސަރުކާރުން ކުއްލިއަކަށް މި މަޝްރޫއު އިއުލާން ކުރުމުން އިދިކޮޅުން އަންނަނީ ފާޑު ކިޔަމުންނެވެ.

ނަމަވެސް ރައީސް ސޯލިހު ވިދާޅުވީ އެ މަޝްރޫއަކީ ކެމްޕެއިނާ ދިމާކޮށް ކުރާ ކަމެއް ކަމަށް ބުނިނަމަވެސް ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.

comment ކޮމެންޓް