އާދީއްތަ ދުވަހު ކިޔެވުން ފެށޭނެ، މާލޭ ސްކޫލުތަކަށް ހާއްސަ ފިޔަވަޅުތަކެއް

ރެހެންދި ސްކޫލުގެ ދަރިވަރުން -- ސަން ފައިލް ފޮޓޯ

ހަމަޖެހިފައި ވާގޮތަށް، އާދީއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފެށޭނެ ކަމަށާއި މާލޭ ސްކޫލުތަކަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަނެއްކާވެސް ރާއްޖޭގައި ކޮވިޑް ވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދާތީ، ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގަމުން ދާ ކަމަަށެވެ.

އެހެންކަމުން، 2021-2022 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު، މާލޭ ސްކޫލު ތަކުގެ ފުރަތަމަ ހަފްތާގެ ކިޔަވައިދިނުން ކުރިއަށް ގެންދާނީ ރައްކާތެރި ވުމުގެ ގޮތުން ހާއްސަ ކަންތައްތަކަކަށް ސަމާލުކަން ދީގެން ކަމަށެވެ.

ވަކި ސްކޫލުތަކުގެ ކިޔެވުން އިންތިޒާމު ކުރެވިފައި ވާނެގޮތް އެ ސްކޫލުތަކުން އަންގަމުން ދާނެކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ސްކޫލުގެ ހުރިހާ ހަރަކާތެއްގައި ވެސް ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށެވެ.

ކުރިއެކޭވެސް އެއްގޮތަށް، ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުން ބަލައި، ސެނަޓައިޒް ކުރަން ޖެހޭނެ ކަމަށާއި ސްކޫލުގައި ކިޔަވައިދޭ ދަންފަޅި ކުރު ކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލޭ ސްކޫލުތަކުގެ ގްރޭޑް 8-1 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމަށް ސްކޫލްތަކަށް އަންގާފައި ވާއިރު، މާސްކު ނަގައިގެން ހިންގަން ޖެހޭ ހުރިހާ ހަރަކާތެއް ވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، ކްލާސްރޫމުގައި ދަރިވަރުން ތިބެން ޖެހޭނީ ތިން ފޫޓު ދުރުގައި ކަމަށާއި ކޮވިޑުން ރައްކާތެރި ވުމަށްޓަކައި އެޗްޕީއޭއިން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެފައި ވާއިރު، މިފަހުން މާލޭއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން މަތިވެފައެވެ.

comment ކޮމެންޓް