ކައިވެނީގެ ހަފްލާ އޮތް ތަނަށް ވަނުމުގެ ކުރިން ޝާލިން އިރަމްގެ ލޯމަތީގައި ފޮތިކޮޅެއް އައްސައިލިއެވެ. އޭނާ އެތެރެއަށް ވަދެގެން ދިޔައީ، އިރަމްގެ އަތުގައި ހިފާލައިގެން ހުރެއެވެ. މަންޒިލަށް ހުއްޓިލުމަށްފަހު، އިރަމްގެ ލޯމަތީގައި އައްސާފައިވާ ފޮތިކޮޅު ނައްޓުވައިލަން އެހީތެރިވީވެސް ޝާލިންއެވެ. ތެޅެމުންދިޔަ ހިތް ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އިރަމް ދެލޯ ހުޅުވައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

********

ނޫކުލައިގެ ފިނިފެންމަލުން މުޅި ތަން ޖަރީކޮށްލެވިފައިވީއިރު، މާހައުލު ޒީނަތްތެރިކުރެވިފައިވީ، އޮފީހުގެ ހަފްލާއަށް ތަން ތައްޔާރުކުރުމަށް އިރަމްއަށް ކަމުދިޔަ ހިޔާލާއި އެއްގޮތަށެވެ. ކައިވެނީގެ މޭޒުގައި އަޅާފައިވާ ފޮތިގަނޑުން ފެށިގެން، ގޮނޑިތައް ވެސް ފަރުމާކުރެވިފައިވީ، އެފަދައިންނެވެ. ކުޑަވެސް ތަފާތެއް ނެތެވެ. ކުލަބޮކިތަކުގެ އަލި މާތަކަށް އެޅިފައިވާއިރު، ތަން ފެންނަމުން ދިޔައީ ހުވަފެނީ ގޮތަކަށެވެ. މަޑުމަޑުން އިވެމުންދިޔަ ލުއި މިޔުޒިކްގެ އަޑުން މާހައުލުގެ ހިމޭންކަން ގެއްލުވާލާފައިވިއެވެ.

ވާންއުޅޭ ގޮތް އިރަމްއަށް ކޮންމެވެސް ވަރަކަށް ރޭކައިލިއެވެ. އެހެނަސް، އޭނާގެ ހައިރާންކަން ފިލައި ނުދިޔައެވެ. އާދެވުނީ ރަނގަޅު މަންޒިލަށްތޯ ސުވާލުކުރަން ތަކުރާރުކޮށް އޭނާގެ ހިތް އެދި ގޮވިއެވެ. އިރަމް ދެލޯ ބޮޑުކޮށްލައިގެން ހުއްޓައި، ޝާލިން އޭނާގެ އަތުގައި ހިފައިގެން، ކައިވެނީގެ މޭޒާއި ދިމާއަށް ހިނގައިގަތެވެ.

"ގުޑް ލަކް..." ޝާލިން އިރަމްގެ ކަންފަތް ކައިރީގައި ބުނެލިއެވެ.

އިރަމް އެއްޗެއް ބުނަން އުޅުމުން، ޝާލިން އެކަން ހުއްޓުވިއެވެ.

"މިހާރަކު ނޫން..." ޝާލިން ވާހަކަދެއްކީ ސިއްރުންނެވެ.

ހުސްކޮށް ހުރީ، ކައިވެނިވެވޭ ދެމީހުންނަށް ޚާއްސަ ކުރެވިފައިވާ ދެ ގޮނޑިއެވެ. ތެޅެމުންދިޔަ ހިތް ހަމައަކަށް އަޅުވަމުން އިރަމް އޭނާގެ ގޮނޑީގައި އިށީނެވެ. ގިނައިރެއްނުވެ، ފިރިހެންމީހާއަށް ހާއްސަކުރެވިފައިވާ ގޮނޑި ކައިރީގައި މީހަކު ހުއްޓިލިއެވެ. އެވަގުތު އިރަމްގެ ނޭފަތުގައި ޖެހުނު ލުއި ސެންޓެއްގެ ވަހާއިއެކު، ކާކުކަން އެނގުނު ފަދައަކުން އެމީހަކާއި ދިމާއަށް ބަލައިލިއެވެ.

ގޮނޑީގައި އިށީނުމުގެ ކުރިން، ކައިރީގައި އިން ހޫރު ޕަރީއެއްފަދަ އަންހެންކުއްޖާއަށް ބަލައިނުލައި އައިޒަކްގެ ހިތެއް ހަމައެއް ނުޖެހުނެވެ. ކައިވެނީގެ ހެދުމުގައި އިރަމް ވަރަށް ލޯތްބެވެ. ކޮށްފައިވާ ލުއި މޭކަޕާއި އޭނާއާއި ނުހަނު ގުޅެއެވެ. އިރަމް އިނީ އޭނާގެ ބޮޑު ދެލޮލުން އައިޒަކަށް ބަލާށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު، އެތައް ވާހަކަތަކެއް ބުނެދިނެވެ.

"އެހެން މީހުންނާ ދޭތެރޭވެސް ވިސްނައިގެން އުޅެއްޗޭ..." އައިޒަކް އިރަމްއަށް ބަލަން، މާގިނައިރު ކޮޅަށް ހުންނަން ފެށުމުން މާކިން އައިޒަކްގެ ކޮނޑުގައި ޖެހިގަތެވެ.

މާކިން ކިތަންމެ މަޑުން ވާހަކަ ދެއްކި ނަމަވެސް، އިރަމްއަށް އޭނާގެ ޖުމްލަ ސާފުކޮށް އަޑު އިވުނެވެ. އިރަމް ލަދުން އިސްޖަހައިލިއެވެ.

އައިޒަކް ލައިގެން އިނީ ނޫކުލައިގެ ކޯޓު ފަޓުލޫނެވެ. އެތެރެއިން ހުދު ކުލައިގެ ގަމީހެއް ލައިގެން އިންއިރު، އަޅައިގެން އިނީ ނޫކުލައިގެ ޓައީއެކެވެ. އެހެން ދުވަސްދުވަހަށްވުރެ އައިޒަކްގެ ފިރިހެންވަންތަކަން އިތުރުކުރުވާފައިވީ އޭނާގެ ބޮލުގެ އިސްތަށިގަނޑު ސްޓައިލްކޮށްލާފައި އޮތް ގޮތުންނެވެ. މޫނު ކުރިއަށްވުރެ އޮމާންވެފައި ތާޒާކަމަށް ދައްކައެވެ.

އިރަމްގެ ނުތަނަވަސްވެފައިވާ ހިތަށް ފިނިކަމެއް ލިބުނުއިރު، އޭނާގެ ހިތުގެ ތެޅުން އިތުރުވެއްޖެއެވެ. ކައިރީގައި އެއިނީ ހަމަ އައިޒަކް ހެއްޔެވެ؟ ނޫނީ އެއީ އޭނާއަށް ހީވި ގޮތެއް ހެއްޔެވެ؟ ނުވަތަ އެއީ އިރަމްއަށް ފެންނަ ހުވަފެނެއް ހެއްޔެވެ؟ އައިޒަކް އެފަދައިން ކަންތައް ކުރަންވީ ކީއްވެ ހެއްޔެވެ؟ އޭނާގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ އިރަމްގެ ކިބައިން ބަދަލުހިފުން ހެއްޔެވެ؟ ނޫނީ އިރަމްއަށް ލަނޑެއް ދިނުން ހެއްޔެވެ؟ އޮފީހުގެ ހަރަކާތަކަށް ތަން ތައްޔާރުކުރަން ކަމުގައި ބުނެ، ގަސްދުގައި އިރަމް ލައްވައި ހުރިހާ ކަމެއް ކުރުވީ، މާކުރިން ރާވައިގެން ހެއްޔެވެ؟ އެކަމަކު ކައިވެނި ކުރަން އުޅެނީ ކާކާތޯ ބަލަން ބޭނުން ނުވީވެސް ހުދު އިރަމް އަމިއްލައަށެވެ. ކޮންމެ ގޮތެއް ވަރިހަމަވީވެސް އޭނާއަށެވެ. ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހުނީ އިރަމްގެ ރުހުމުގައެވެ. ވީއިރު، އައިޒަކާއި ދިމާއަށް އިނގިލި ދިއްކުރުމުގެ ފުރުސަތެއްވެސް ނެތެވެ.

"އަހަރެން ފެނުނީމަ ހާދަ ސަޕްރައިޒްވެފަ..." އައިޒަކް ވައި އަޑުން ބުންޏެވެ.

އިރަމްގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އައިޒަކް ގަސްދުގައި އޭނާއަށް މަލާމާތެއްކޮށްލީ ހެއްޔެވެ؟ ކަންތައްވީގޮތުން އައިޒަކާއި ދިމާއަށް ބަލައިލަންވެސް އިރަމްއަކަށް ނުކެރުނެވެ. ކައިވެނީގެ މަޖިލިސް ފެށުނެވެ. ދަތްޕިލަ އެކީ ފެންނަވަރަށް ހިނިތުންވެލައިގެން ރަހުމާ ހުރިއިރު، އައިނީގެ ކަމަކީ ފުލުފުލުގައި ތަސްވީރު ނެގުމެވެ. ހަފުލާގައި މާ ގިނަ ބަޔަކު ނެތެވެ. އިރަމްގެ ފަރާތުން އައިސް ތިބީ އޭނާގެ އާއިލާ އާއި ޝާލިންއެވެ. އޭގެ އިތުރުން އައިޒަކްގެ އެންމެ ގާތް ތިން އެކުވެރިންނާއި ކޯޓުގެ މުވައްޒަފުންނެވެ. އައިޒަކްގެ ފަރާތުން އޭނާގެ އާއިލާގެ އެކަކުވެސް އެ ހަފުލާގައި ބައިވެރި ނުވެއެވެ. އެއިން ކަމަކާއި ވިސްނާލެވޭވަރަށްވުރެ އިރަމްގެ ހިތުގެ ހައިޖާނުގަނޑު ބޮޑެވެ. އައިޒަކްގެ މަގުސަދާއި ދޭތެރޭ ވިސްނާވިސްނާ އޭނާގެ ސިކުނޑި ސުމަކަށް ދިޔައެވެ.

ގާޒީގެ ވާހަކަތައް ކަނުލާ އަޑުއަހަން އިން އިރަމްގެ ނޭވާ އަވަސްވެލައިގެން ދިޔައީ، އެންމެ މުހިއްމު ވަގުތުކޮޅު އައުމުންނެވެ. އަނބި ގަބޫލުކުރުމުގެ ވަގުތު އައިސް ޖެހުނީއެވެ. އެއް އަތުން އަނެއް އަތުގައި ބާރަށް ހިފަހައްޓާލައިގެން އިރަމް އިނެވެ.

"އަނބި ގަބޫލުކޮށްފިން..." އައިޒަކް އޭނާގެ ފިރިހެންވަންތަ އަޑުން ބުނެލިއެވެ.

އިރަމްގެ ފަހަތުގައި ހުރެފައި، ޝާލިން އިރަމްގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. ސިއްރުން މަރުހަބާ ކިޔެވެ. އޭރުވެސް އިރަމް އިނީ ޖެހި ބުދެއްހެން ނޭވާލާންވެސް ނޭނގިފައެވެ. އިރަމްގެ ގުޅުވާލެވިފައިވާ ދެއަތް މަތީގައި އައިޒަކް އޭނާގެ އަތް ބާއްވައިލިއެވެ. މަޑުމަޑުން އެދެއަތް ވަކިކޮށްލިއެވެ. އެއަށްފަހު، އިރަމްގެ ވާއަތް ގެންގޮސް، އައިޒަކްގެ ފައިގެ ފަލަމަސްގަނޑު މަތީގައި ބާއްވައިލިއެވެ. އިނގިލިތައް ގުޅި ލާމެހުމުގެ ކުރިން، އިރަމް އަވަހަށް އަތް ދަމައިގަތެވެ. ކައިވެނީގެ މަޖިލީސް ނުނިމެނީސް އައިޒަކްގެ ގޯނާތަކާއި ކުރިމަތިލާންޖެހިދާނެކަމަށް އޭނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. އިރަމްގެ ހިތް ނުތަނަވަސްވިއެވެ. އެއީ އެންމެންގެ ތެރޭގައި އައިޒަކް އުޅޭ ގޮތެވެ. އެކަނިވުމުން، އަދި ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟

ކައިވެނީގެ ހަފުލާ ނިމުމާއިއެކުވެސް އިރަމް އިނީ ތެދުވަން ނުކެރިފައެވެ. އައިޒަކް މެހެމާނުންނާއިއެކު ކާތަކެތި ބަހައްޓާފައިވާ މޭޒާއި ދިމާއަށް ދިޔުމުން، ޝާލިން އިރަމްގެ ދެކޮނޑުގައި ހިފައި ނެގިއެވެ.

"ނުވެސް ތެދުވާންތަ ތި އިންނަނީ؟..." ދިމާކުރާ ކަހަލަ ރާގަކަށް ޝާލިން އަހައިލިއެވެ.

"އަހަރެން މިހުރީ ރުޅި އައިއްސަ..." އިރަމް ތުން ދަމައިލިއެވެ.

"ކީއްވެ؟... އެންމެ ބޭނުންވި މީހާއާ މެރީ ކުރެވުނީމަތަ؟..." ޝާލިން ހީގަތެވެ.

"ޝާލްއަށް ކުރިންވެސް އެނގޭދޯ؟..." އިރަމް އަހައިލިއެވެ.

"ތީ ޒެކްގެ އަނބިމީހާކަންތަ؟... ނޫނީ ޒެކްއަކީ އިރޫގެ ފިރިމީހާކަންތަ؟..." ޝާލިން ކުރިއަށްވުރެ ބާރަށް ހީގަތެވެ.

"މަޖަލެއް ނޫނޭ..." އިރަމް ލޯ އަޅައިލިއެވެ.

"މީހަކާ އިންނައިރު އިންނަނީ ކާކާކަން އެންމެ ރަނގަޅަށް އެނގޭނީ، އިންނަން އުޅޭ މީހާއަކަށްނު..." ޝާލިން ބުންޏެވެ.

"ދެން ޝާލް... ކީއްވެތަ ކުރިން ނުބުނީ؟..." ޝަކުވާގެ ރާގަކަށް އިރަމް އަހައިލިއެވެ.

"ކީއްކުރަން ބުނަންވީ؟... އަނެއްކާވެސް ކައިވެންޏަށް ފިލަން؟..." ޝާލިން ސުވާލުކުރިއެވެ. "ގާޒީ ވާހަކަ ދައްކަދައްކާ ހުއްޓާވެސް ތެދުވެގެން ގޮސްދާނެތީއޭ އަހަރެން އިރޫގެ ކައިރިން ދުރަށްވެސް ނުގޮސް ހުރީ... އާނ... ދެވަނަ ފަހަރަށް އެހެން ހަދައިފިއްޔާ، އެކުއްޖާ ފަކީރުގެ ހިތް ފަޅައިގެން ހިނގައިދާނެވިއްޔަ..."

"ދެން ތިވަރަށް ދިމާނުކޮށްބަލަ..." އިރަމް މައުސޫމުގޮތަކަށް ބުނެލިއެވެ.

"އޯކޭ... ސީރިއަސްވީ..." ޝާލިން ހަށަމް ބަނދެލިއެވެ. "އަހަރެން ސުވާލެއްކޮށްލަންތަ؟..."

އިރަމް ބޯ ޖަހައިލުމުން، ވަށައިގެން ތިބި މީހުންނަށް ބަލައިލުމަށްފަހު، ޝާލިން އިރަމް ގޮވައިގެން އެހެން މީހުންނާއި ދުރަށް ހިނގައިގަތެވެ.

"މަންމަ ބުނެފިއްޔާ، އަދިވެސް އިރޫ ހަމަ ކޮންމެ ކަމެއްވެސް ކޮށްފާނަންދޯ؟..." ކުޑަކޮށް ހިތްހަމަނުޖެހުން އެކުލެވޭ ރާގަކަށް ޝާލިން އަހައިލިއެވެ. "އޯކޭ... މިފަހަރު ތިއޮތީ ސަލާމަތްވެފަ... އިރޫގެ އޭޖާ ނުގުޅޭ މީހަކާ ނޫނީ ނުބައި މީހަކާ ކައިވެނި ކުރުވިނަމަ، ކިހިނެއް ހަދާނީ؟... މާދަމާ އިރޫގެ މަންމަ ބުނެފާނެ، އައިޒަކް ކައިރިން ވަރިވާށޭ... ދެން ވަރިވާނީ؟..."

"މަންމަ ބުނެފިއްޔާ، ދެކޮޅުހަދަން ފަސްޖެހެވެނީ ކީއްވެކަމެއް ނޭނގެ..." އިރަމް އިސްޖަހައިލިއެވެ.

"އިރޫ، ބުނަންތަ ވާހަކައެއް... ކުރިން ހުސްކޮށް ހުރިއިރު، މަންމަ ބުނިއްޔާ ބުނިހާ ގޮތެއް ހެދިޔަސް، މިހާރު ތިހުރީ މެރީ ކުރެވިފަ... މިހާރު ހަދަންވާނީ ފިރިމީހާ ބުނާގޮތް..." ޝާލިން އިރަމްއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

"އެއްކަލަ ޝާލް... ތަގުރީރު ފެށުނީ..." އިރަމް ޝާލިންގެ ކޮނޑުގައި ޖެހިއެވެ.

"ސީރިއަސް ވިޔަސް މައްސަލައެއް... މަޖާވިޔަސް މައްސަލައެއް... ދެން ހުއްޓާލީ..." ޝާލިން ރުޅިމޫނު ދައްކައިލިއެވެ.

އިރަމް ހީކުރީ ޝާލިން ރުޅިއައީ ކަމަށެވެ. އޭނާ އެއްޗެއް ބުނަން އުޅެނިކޮށް ޝާލިން ލޮލުން އިޝާރާތްކޮށް، އެދިމާއަށް އައި އިކްރާމް ދައްކައިލިއެވެ. އިކްރާމް އައުމުގެ ކުރިން ޝާލިން އެތަނުން ދިޔައެވެ.

"ދަރިފުޅު އޯކޭތަ؟..." އިކްރާމްގެ އަޑުގައިވީ ހަމްދަރުދީއެވެ.

އިރަމް ގަދަކަމުން ހިނިތުންވެލިއެވެ.

"ބައްޕަ ވަރަށް އުފާވޭ މިއަދު ދަރިފުޅު ކައިވެނި ކުރީމަ... ބައްޕަ ދުނިޔޭގަ ހުއްޓާ..." އިކްރާމްގެ ދެލޯ ފެންކަޅިވިއެވެ.

މާ ބޮޑަށް ޖަޒުބާތީވެވުމުން އޭނާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އިރަމްގެ ހިތުގެ ހާލު އެނގުނުފަހުން އިކްރާމަށް ރަނގަޅަށް ނުނިދެއެވެ. އިރަމްގެ ޖުމްލަތަކުން އޭނާއަށް އިހުސާސްކުރެވުނީ، އަމިއްލަ ދަރިންނާއިމެދު އިހުމާލުވެވިފައިވާކަމެވެ.

"ދަރިފުޅު ހީކުރާނެ ކަންނޭނގެ، ބައްޕަ ދަރިފުޅުމެންގެ ކަންތަކާ އަޅައެއް ނުލައޭ..." އަމިއްލަ ނަފުސު ހަމައަކަށް އަޅުވަމުން އިކްރާމް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "އެކަމަކު ބައްޕަ ދަރިފުޅުމެން ހުރިހާ ކުދިންދެކެވެސް ވަރަށް ލޯބިވޭ... ދަރިފުޅު ކައިވެންޏަށް އެއްބަސްވީ ކިހިނެއްކަން އެނގޭތީ، ބައްޕަ އައިޒަކްއާ ބައްދަލުކުރިން... ކޮންމެކޮންމެ މީހަކަށް ވަލީ ނުދޭން ބައްޕަ ހުރީ ނިންމައިގެން... ފުރަތަމަ ބައްޕައަކަށް ނޭނގުނު ކުރިން ދަރިފުޅު އޭނައާ ކައިވެނިކުރަން އުޅުނުކަމެއް... އައިޒަކް ބުނީމަ، ފަހުން ބައްޕައަށް އެނގުނު... ވައްތަރުވެސްވި... ދަރިފުޅާ... ކުރިންވެސް ބައްޕަ ބުނިހެން އައިޒަކް އެއީ ގޯސް ކުއްޖެއް ނޫން... އޭރު ދަރިފުޅު އެހެން ކަންތައް ކުރީމަވެސް، އައިޒަކް މިއަދު ދަރިފުޅާ އެ ކައިވެނިކުރީ، ދަރިފުޅުދެކެ ލޯބިވާތީ... އެހެންވީމަ، ދަރިފުޅު ވާނެ އެކަން ދަންނަން... ދެކުދިން އެކީ ރަނގަޅަށް އުޅެވޭތޯ ބަލާ... އެކަހަލަ ކުއްޖަކު މިޒަމާނުގަ ހޯދަން އުނދަގޫވާނެ..."

އިރަމް ބޯ ޖަހައިލުމުން އިކްރާމް ދިޔައީ އިރަމްގެ ބޮލުގައި ފިރުމާލުމަށްފަހު، ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ދިހަހާސް ރުފިޔާ އިރަމްގެ އަތަށް ލައިދީފައެވެ. ބައްޕަގެ ޖުމްލަތަކުން އިރަމް ހުރީ ފެންކަޅިވެފައެވެ. ބައްޕައާއި ދައްކަން ބޭނުންވާ ކިތަންމެ ވާހަކައެއް ހުރިނަމަވެސް، އިރަމްއަކަށް އެ ހިތްވަރެއް ނުލިބުނެވެ.

މާކިން އާއި އަމީންގެ އިތުރުން ފައިޒާން ހުއްޓާނުލައި އައިޒަކާއި ދިމާކުރަމުން ދިޔައެވެ. އެކުވެރިންގެ ކައިރީގައި ހުރި ނަމަވެސް އައިޒަކްގެ ނަޒަރު ދޭތެރެ ދޭތެރެއިން އިރަމްއަށް ހުއްޓެމުން ދިޔައެވެ.

"ބަދަލުހިފާށޯ ބޭނުންވަނީ... އެންމެފަހުން އިނީނު..." އަމީން ބުންޏެވެ.

"އޭރުވެސް މަ ބުނީމޭ އިނދެފައޭ މީނަ ހުއްޓާނީ..." މާކިން އަމީނާއި ބައިވެރިވެލިއެވެ.

"އާނ... ދެނެއްނު އަދި އޭނަ ބޭނުންގޮތެއް އެމަންޖެއަށް ހަދާލެވޭނީ..." ފައިޒާން ބުންޏެވެ. "ޒެކްތީ އެހާ ފަސޭހައިން ގޮތް ދޫކުރާނެ މީހެއް ނޫން... އަހަންނަށް ސަތޭކަ ޕަސެންޓް ޔަގީން...."

އައިޒަކް އެއްވެސް ޖަވާބެއް ނުދިނެވެ. ފައިޒާންގެ ވާހަކައާއި ދެކޮޅުހަދާކަށްވެސް މަސައްކަތެއް ނުކުރިއެވެ. އެ ހިމޭންކަން ފައިޒާން ދެއްކި ވާހަކައަށް ޖަވާބަކަށް ފުދުނު ކަހަލައެވެ. ލުއި ހިނިތުންވުމެއް ހަދިޔާކޮށްލާފައި އިރަމްއާއި ދިމާއަށް އައިޒަކް ހިނގައިގަތީ، މާކިންމެން ވާހަކަ ދައްކަދައްކާ ތިއްބައެވެ. އައިޒަކަށް އިރަމް އާއި ހަމައަށް ނުދެވި އުޅެނިކޮށް އޭނާގެ ކުރިމައްޗަށް އެރީ ރަހުމާއެވެ.

"ދަރިފުޅު އާއިލާގެ އެކަކުވެސް ނާންނަނީތަ؟... މަންމަމެން ކޮބާ؟..." ރަހުމާ އަހައިލިއެވެ.

"އެމީހުން ނަޔަސް، ހަފުލާގެ އެއްވެސް ކަމެއް ގޯހެއް ނުވާނެ..." އައިޒަކް ވަރަށް ހަމަޖެހިލާފައި، ޖަވާބުދިނެވެ.

"ގޯސް ނުވަންޏާ މަންމައަށް އެ ނިމުނީއޭ..." ރަހުމާ ހިނިގަނޑެއް ޖަހައިލިއެވެ.

އައިޒަކް ބޯ ޖަހައިލުމަށްފަހު ގޮސް އިރަމްގެ ކައިރީގައި ހުއްޓުނެވެ. އެވަގުތު އައިޒަކްގެ ލޮލުގައި އަޅައިގަތީ، އެދިމާއަށް ބަލަން ހުރި ރިޝްވާނެވެ. އައިޒަކް ވަގުތުން އިރަމްގެ ކޮނޑުގައި ހިފައި، ގަޔާއި ކައިރިކޮށްލިއެވެ. އަމިއްލަ ހައްގެކޭ ބުނާ ފަދައިންނެވެ. އޭރު އައިޒަކްގެ ތުންފަތުގައިވީ މާނަފުން ހިނިތުންވުމެކެވެ. އެތައް މާނައެއް ފޮރުވިފައިވާ ސިއްރުވެރި އެ ހިނިތުންވުމުގެ ސަބަބުން، ރިޝްވާންގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު