މުއްސަނދިވާން ބޭނުންނަމަ މިކަންކަން ކޮށްލާ

500 ރުފިޔާގެ ނޫޓެއް--- ސަން ފޮޓޯ: އިބްރާހިމް އިފާޒް

ކޮންމެ މީހަކުވެސް މުދަލަށް ލޯބިކުރާނެކަމީ ދެބަސްނުވެވޭނެ ހަގީގަތެކެވެ. އެކަމަށްޓަކައި ހުރިހާ އެންމެންވެސް ގަދައަޅައި މަސައްކަތް ކުރާނެއެވެ. މުއްސަނދިވެވޭނީ ކިހިނެއްތޯ ބަލައި ހޯދާނެއެވެ. އިންސާނާ މުދަލަށް ލޯބިކުރާނެކަން ގުރުއާނާއި ސުންނަތުން ސާފުކޮށް އެނގެއެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަދި ހަމަކަށަވަރުން، އެ އިންސާނާއަކީ މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ."(ޢާދިޔާތި: 8) "އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ."(ފަޖުރު: 20)

މުއްސަނދިކަން ހޯދުމުގައި ހިމެނެނީ ދެދާއިރާއެކެވެ. އެއީ މާއްދީ ދާއިރާއާއި މައުނަވީ ދާއިރާއެވެ. މާއްދީ ދާއިރާއަކީ މުދާ ހޯދުމަށްޓަކައި މަސައްކަތްކުރުމެވެ. މައުނަވީ ދާއިރާއަކީ ﷲ އާ އަޅާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމެވެ. މިގޮތުން ކުރަންޖެހޭ މުހިންމު ކަންތައްތައް ތިރީގައިއެވަނީއެވެ.

އިޙުސާންތެރިވުން: އިޙުސާންތެރިކަމުގެ މާނައަކީ ﷲ އަށް އަޅުކަންކުރާހިނދު ތިމާއަށް އެކަލާނގެ ނުފެނުނުކަމުގައިވިޔަސް، އެކަލާނގެ ފެނިގެން ހުރެ އަޅުކަންކުރާ ފަދައިން އަޅުކަން ކުރުމެވެ. އެހެނީ ތިމާއަށް އެކަލާނގެ ނުފެނުނުކަމުގައިވިޔަސް، އެކަލާނގެ ތިމާގެ ހުރިހާ ކަމެއް ބައްލަވާވޮޑިގެންވެތެވެ. އިޙުސާންތެރިވުން ހަމައެކަނި އަޅުކަމަށް ހާއްސަވެގެން ނުވެއެވެ. ތިމާ ކުރާ ކޮންމެ މުއާމަލާތެއްގައިވެސް އިޙުސާންތެރިވާންޖެހޭނެއެވެ. އެގޮތުން ރިޒުގު ހޯދުމަށްޓަކައި މަސައްކަތްކުރާއިރުވެސް އިޙުސާންތެރިވާންޖެހޭނެއެވެ. ކޮންމެ މަސައްކަތެއް ކުރިނަމަވެސް އެކަމެއް ﷲ ބައްލަވާވޮޑިގެންވާނެކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. އިޙުސާންތެރިންނަށް މާތްﷲ ހެޔޮކަން އިތުރުކުރައްވާނެކަމަށް އަންގަވާފައިވެއެވެ.(ބަޤަރާ: 58)

ނިއުމަތަށް ޝުކުރުވެރިވުން: އަދަދުނުކުރެވޭހާ ގިނަގުނަ ނިއުމަތްތައް ﷲ ދެއްވަވާފައިވެއެވެ. އެކަލާނގެ ދެއްވަވާ ނިއުމަތްތަކަށް ޝުކުރުވެރިވާނަމަ ނިއުމަތް އިތުރުކުރައްވާނެކަމަށް އަންގަވާފައިވެއެވެ. وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ (އިބުރާހީމް: 7) "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން ޝުކުރުނުކޮށް ކާފިރުވެއްޖެނަމަ ދަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ."

ތަޤުވާވެރިވުން: ތަޤުވާގެ މާނައަކީ މާތްﷲ ކުރުމަށް އެންގެވި ކަންތައްތައް ކުރުމާއެކު ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމެވެ. މިއީ ރިޒުގު ތަނަވަސްކުރެއްވުމުގެ ސަބަބެއްކަމުގައި އަންގަވާފައިވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ (އަޢުރާފު: 96) "ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤުވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ." ތަޤުވާވެރިވާނަމަ އޭނާގެ ކަންތައްތައް ފަސޭހަކޮށްދެއްވާނެކަމަށްވެސް އަންގަވާފައިވެއެވެ.(ޠަލާޤު: 4) وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا، وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ (ޠަލާޤު:2-3) "އަދި ﷲ އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒުގު ދެއްވާނެތެވެ."

ރަޙިމުގެ ގުޅުން ދެމެހެއްޓުން: ރަޙިމުގެ ގުޅުން ބަހައްޓަން ޖެހޭނެ މީހުންނަކީ ކޮބައިކަމާމެދު އިލްމުވެރިންގެ ތަފާތު ބުނުންތައްވެއެވެ. ޖުމުލަކޮށް ބަލާއިރު ރަޙިމުގެ ގުޅުން ބަހައްޓަން އެންމެ ބޮޑަށް އެދެވޭ ބަޔަކީ މަންމައާއި ބައްޕަ ފަރާތުގެވެސް ނަސަބުގެގޮތުން ގާތްމީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. من أحبّ أن يُبْسَطَ عليه في رزقه، وأن يُنْسَأَ له في أَثَرِهِ؛ فَلْيَصِلْ رحمه (متفق عليه) "އެމީހެއްގެ ރިޒުގު ތަނަވަސްވެ އުމުރު ދިގުވުމަށް އެދޭމީހާ ފަހެ، ރަޙިމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ."

ނަމާދު ކުރުން: ޚުޝޫޢަތްތެރިކަމާއެކު، ފުރިހަމަގޮތުގައި ބަރާބަރަށް ނަމާދުތައް އަދާކުރުމަކީ ރިޒުގު ތަނަވަސްވުމުގެ ސަބަބެކެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ (ޠާހާ: 132) "އަދި ކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދުކުރުމަށް އަމުރު ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒުގު ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒުގު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، ތަޤުވާވެރިންނަށެވެ." ނަމާދާއެކު އެހެނިހެންވެސް ހެޔޮ އަމަލުތައް ކުރުންމަތީ ދެމިހުރުމަކީ ރިޒުގު ތަނަވަސްވުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

ﷲ އަށް ވަކީލުކުރުން: ވަކީލުކުރުމަކީ ތިމާގެ ހުރިހާކަމެއް ބަލަހައްޓަވާ ފަރާތަކީ ﷲ ކަން ފުރިހަމައަށް ގަބޫލުކޮށް ތިމާގެ ހުރިހާ ކަމެއްގައި އެކަލާނގެ އަށް އިތުބާރުކުރުމެވެ. މީގައި ދެކަމެއް އެކުލެވިގެންވެއެވެ. އެއީ ވަކީލުކުރުމާއެކު ސަބަބުތަކުގައި ހިފުމެވެ. މިސާލަކަށް، ރިޒުގު ދެއްވާ ފަރާތަކީ ﷲ ކަން ހިތުން ގަބޫލުކޮށް، ތިމާއަށް ކަނޑައެޅިފައިވާ ރިޒުގު ތިމާއަށް ދެއްވާނެކަން ޔަގީންކުރުމަކީ ވަކީލުކުރުމެވެ. ހަމަ މިއާއެކު ރިޒުގު ހޯދުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރުމަކީ ސަބަބުތަކުގައި ހިފުމެވެ. ހަގީގީ ވަކީލުކުރުމަކީ މިއީއެވެ. މިކަން އަންގަވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ. لو أنَّكُمْ تَتَوكَّلُونَ علَى اللهِ حقَّ توكُّله لرزقَكم كما يرْزقُ الطَّيرَ، تغدوا خِماصًا وتَرُوحُ بِطانًا (ތިރުމިޒީ) " ﷲ އަށް ވަކީލުކުރުން ހައްގުގޮތުގައި ތިޔަބައިމީހުން އެ އިލާހަށް ވަކީލުކޮށްފިނަމަ، ދޫންޏަށް ރިޒުގު ދެއްވާފަދައިން އެ އިލާހު ތިޔަބައިމީހުންނަށް ރިޒުގު ދެއްވާނެތެވެ. އެސޮރުމެން ހެނދުނު (އުދުހިގެން) ދަނީ ހުސްބަނޑާއެވެ. އަދި ހަވީރު (އެސޮރުމެންގެ ވަޒަނަށް) އެނބުރި އަންނަނީ ބަނޑުފުރާލައިގެންނެވެ." ﷲ ވަޙީކުރައްވާފައިވެއެވެ. وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا (ޠަލާޤު: 3) "އަދި ﷲ އަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."

ނިކަމެތިންނަށް ހެޔޮކޮށް ހިތުން: ﷲ ގެ ޙިކުމަތްވަންތަކަމުން މުދާވެރިކަމުގައްޔާއި އެނޫން ކަންކަމުގައިވެސް އެކިމީހުންގެ މެދުގައި ތަފާތުކަން ލައްވަވާފައިވެއެވެ. މީހުންނަށް ހެޔޮ ފޯރުވުމުގައި ތިމާއަށްވުރެ ނިކަމެތިންނަށް އިސްކަން ދިނުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. ނިކަމެތިންގެ ނަމާދާއި ދުއާގެ ސަބަބުން ﷲ މި އުންމަތަށް ނަސްރު ދެއްވަވާކަމަށް ހަދީސްގައި އައިސްފައިވެއެވެ.(އައްނަސާއީ) ވީމާ، ނިކަމެތިންނަށް ހެޔޮ ފޯރުވައިފިނަމަ އެބައިމީހުންގެ ދުއާ އެމީހަކަށް ލިބޭނެއެވެ.

ފާފަ ފުއްސެވުމަށް އެދުމާއި ތައުބާވުން: ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވުން އެދުމާއެކު ތައުބާވުމަކީ ރިޒުގު ތަނަވަސްކޮށްދެއްވާނޭކަމެއްކަމަށް އަންގަވާފައިވެއެވެ. އެގޮތުން، ބަރަކާތުގެ ވާރެޔާއި މުދަލާއި ދަރިންނާއި ބަގީޗާތަކާއި ކޯރުތައް މިންވަރުކުރައްވާނެއެވެ.(ނޫޙު: 10-12) ފާފަ ފުއްސެވުމަށް އެދި أَسْتَغْفِرُالله މިފަދައިން ގިނަގިނައިން ކިޔާށެވެ.

ރިޒުގު ތަނަވަސްކޮށްދެއްވުން އެދި ދުއާކުރުން: ދަރަނިވެރިކަމުން ސަލާމަތް ކުރެއްވުމަށާއި ރިޒުގު ތަނަވަސްކޮށްދެއްވުން އެދި ގިނަގިނައިން ދުއާކުރަންވާނެއެވެ. އަރަބި ބަހުންނޫނަސް އެމީހެއްގެ އަމިއްލަ ބަހުންވެސް ދުއާކުރެވޭނެއެވެ. ހަމަމިއާއެކު، ރިޒުގަށް އެދި ކުރުމަށް ވާރިދުވެފައިވާ ހާއްސަ ދުއާތައް ކުރުން ބޮޑަށް އެދެވިގެންވެއެވެ. ހިތާމަތައް ފިއްލަވައި ރިޒުގު ތަނަވަސްވުމަށް އެދޭނަމަ މިފަދަ ދުއާތައް ކުރުން ރަނގަޅެވެ. اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ "ހައްދަވައި ބޮޑުކުރެއްވި އިލާހު! ހަމަކަށަވަރުން، އިބަ އިލާހުގެ ވާގިފުޅާލައިގެން ވާންހުންނަ ކަންކަން ނުވެދާނެކަމުގެ މައްޗަށް ވެވޭ ދެރައާއި، ފާއިތުވެގޮސްފައިވާ ކަންކަމާމެދު ކުރެވޭ ހިތާމައާއި، އަމިއްލަ ނުކުޅެދުންތެރިކަމާއި ކަންނެތްކަމާއި ފިނޑިކަމާއި ދަހިވެތިކަމާއި ބުރަބޮޑު ދަރަންޏާއި އަދި ހައްގުނޫންގޮތުގައި އެހެންމީހުންގެ ބާރުގެ ދަށުގައިވުމުން ރައްކާތެރިކަމަށް މިއަޅާ އެދެމެވެ."

އިސްވެ ބަޔާންވެދިޔަ ކަންތައްތަކަށް ސަމާލުކަން ދިނުމާއެކު ރިޒުގު ހޯދުމުގެ މާއްދީ ބައި ކުރިއަށް ގެންދަންޖެހޭނެއެވެ. އެއީ މަސައްކަތް ކުރުމެވެ. ރިޒުގު ހޯދުމަށްޓަކައި ހުއްދަ ކޮންމެ މަސައްކަތެއްވެސް ރަނގަޅުވާނެއެވެ. ވަކި ބާވަތެއްގެ މަސައްކަތެއްނޫނީ ނުކުރަން ހުރުމަކީ ބުއްދިވެރިގޮތެއްނޫނެވެ. އަދި ﷲ މިންވަރުކުރައްވާފައިވާ އެއްޗެއް ލިބޭނެކަމަށް އުންމީދުކޮށްގެން، މަސައްކަތެއްނުކޮށް ދެއަތް އުރާލައިގެން ހުރުމަކީވެސް ކޮށްގެންވާނެކަމެއްނޫނެވެ!

ގުޅޭ ޓެގު
comment ކޮމެންޓް