އިސްރާއީލު ސިފައިންގެ މީހަކު ހަމަލާދީ އިސްރާއީލުގެ އިސް ދެ އޮފިސަރަކު މަރާލައިފި

އިސްރާއީލުގެ ހަމަލާގައި މަރުވި އިސްރާއީލުގެ އަސްކަރީ ދެ އޮފްސަރުން

ޓެލްއަވީވު (13 ޖަނަވަރީ 2020): އިސްރާއީލު ސިފައިންގެ މީހަކު ބަޑިން ހަމަލާދީ އިސްރާއީލު ސިފައިންގެ އިސް ދެ އޮފިސަރަކު މަރާލައިފިއެވެ.

މިކަން ކަށަވަރުކޮށްދެމުން އިސްރާއީލު ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލު ސިފައިންގެ މީހަކު ބަޑިން ހަމަލާދީ އިސްރާއީލުގެ އަސްކަރީ އިސް ދެ އޮފިސަރަކު މަރާލީ އޭނާއަށް އޮޅިގެން ކަމަށާ އޭނާ ހަމަލާދިނީ ފަލަސްތީނު މީހުންނަށް ކަމުގައެވެ.

ނަމަވެސް ހަމަލާ އަމާޒުވީ ފަލަސްތީނު މީހުންގެ ބަދަލުގައި އިސްރާއީލުގެ ދެ އޮފިސަރުންގެ ހަށިގަނޑަށެވެ. އެހަމަލާގެ ވަޒަން އެރުމާއެކު އިސްރާއީލު ސިފައިންގެ ދެމީހުން ވަގުތުން މަރުވި ކަމަށާއި މި ހާދިސާއާމެދު ހިތާމަކުރާކަން އިސްރާއީލުގެ އަސްކަރީ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

މިހާދިސާ ހިނގާފައިވަނީ އިސްރާއީލު ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ސަރަހައްދެއްކަމަށްވާ ޣޫރުލްއުރުދުންގައިވާ އިސްރާއީލުގެ އަސްކަރީ މަރުކަޒެއްގެ ކައިރީގައެވެ. ޣޫރުލްއުރުދުން ސަރަހައްދަކީ ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ބައެކެވެ. އެސަރަހައްދަށް އިސްރާއީލު ވެރިވެގެންފައިވަނީ 1967 ގެ އަރަބި އިސްރާއީލު ހަނގުރާމައިގައެވެ.

ހަމަލާއެރި އިސްރާއީލުގެ ދެ އޮފިސަރުން ތިބީ ޣޫރުލްއުރުދުން ގައި ހުންނަ ސައްޔިދުނާ މޫސާ އަލައިހިއްސަލާމް (މޫސާގެފާނު) ގެ މަގާމުފުޅުގެ ކައިރީގައިވާ ހިސާބެއްގައެވެ. އެދެ އޮފިސަރުން ނިސްބަތްވަނީ އެސަރަހައްދުގައި ތަމްރީންތަކެއް ހަދަމުން ގެންދިޔަ އިސްރާއީލު ސިފައިންގެ ކޮމާންޑޯސް ޔުނިޓަކަށެވެ.

އިސްރާއީލުގެ ދެ އޮފިސަރުން ރޭގަނޑު އެސަރަހައްދަށް ނުކުމެއުޅުނީ މަސައްކަތް ނިންމާލުމަށްފަހު އެސަރަހައްދު ބަލާލުމަށް ކަމަށާއި އެ ދެ އޮފްސަރުން ގަޔަށް އިސްރާއީލު ސިފައިންގެ މީހާ ބަޑިޖަހައި މަރާލީ އެއީ ފަލަސްތީނު ދެމީހުން ކަމަށް ޝައްކުކުރެވިގެންކަމަށް އިސްރާއީލުގެ ބަޔާން ބުނެއެވެ.

މިދިޔަ ހަފްތާގައި އިސްރާއީލު އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓިގެންވެސް އިސްރާއީލުގެ އަސްކަރީ ދެ އޮފިސަރަކު މަރުވެފައިވެއެވެ. އިސްރާއީލުގެ އަސްކަރީ ހެލިކޮޕްޓަރު ވެއްޓުމުގެ ފަހަތުގައިވަނީ އީރާނުން ސިއްރިޔާތުގައި އިސްރާއީލާ ދެކޮޅަށް ހިންގި ޚަރާބުކުރުމުގެ (ސަބްވާސިވް) އަމަލެއްގެ ސަބަބުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަން ދޮގުކޮށް ހެލިކޮޕްޓަރު ވެއްޓުނީ ފަންނީ މައްސަލައަކާ ގުޅިގެންކަމަށް އިސްރާއީލު ބުނެފައިވެއެވެ.

comment ކޮމެންޓް