ޕޮޒިޓިވްވިޔަސް އަލާމާތެއް ނެތްނަމަ ކަރަންޓީން ހަތް ދުވަހަށް ކުޑަކޮށްފި

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފައިލް ފޮޓޯ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އަލާމާތެއް ނުފެންނަ މީހުންގެ ކަރަންޓީނުގެ މުއްދަތު ހަތް ދުވަހަށް ކުރު ކުރުމަށް އެޗްޕީއޭއިން މިއަދު ނިންމައިފިއެވެ.

އެޗްޕީއޭން މިއަދު ނެރުނު އުސޫލެއްގައި ބުނީ ޕޮޒިޓިވް ވެގެން ކަރަންޓީން ކުރާ މީހުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ނަމަ ހަތް ދުވަހުގެ ތެރޭގައި ކަރަންޓީންގެ މުއްދަތު ނިމޭނެ ކަމަށެވެ. އަލާމާތެއް ފެންނަނަމަ ކަރަންޓީންގެ މުއްދަތު ނިމޭނީ އަލާމާތެއް ނުފެންނަތާ 24 ގަޑިއިރު ފަހުން ކަމަށް ވެސް އެޗްޕީއޭން ބުނެއެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭން ބުނީ 10 ދުވަހަށް ކަރަންޓީންގެ މުއްދަތު ކުޑަކުރަން މަސައްކަތް ކުރާ ކަމަށެވެ.

އެޗްޕީއޭއިން މިއަދު ބުނީ ހަތް ދުވަހަށް ކަރަންޓީންގެ މުއްދަތު ކުޑަކުރި ނަމަވެސް މަސައްކަތަށް ނުކުންނަން ވާނީ ކޮވިޑް ޓެސްޓް ހަދައި ނަތީޖާ ނެގަޓިވް ވުމުން ކަމަށެވެ.

އާ އުސޫލުގައި ބުނާގޮތުން ޕޮޒިޓިވްވެފައިވާ މީހަކާ ބައްދަލުވި، ވެކްސިން ފުރިހަމަ ކޮށްފައިވާ ކޮންޓެކްޓުން ކަރަންޓީން ކުރާނީ 10 ދުވަހަށެވެ. ދިހަ ދުވަސް ހަމަވުމުން ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓަކާ ނުލައި ކަރަންޓީންގެ މުއްދަތު ނިމޭނެއެވެ.

އަދި ކޮންޓެކްޓް ވެގެން އެ މީހަކު ކަރަންޓީން ކުރާ ތާރީހުން ފެށިގެން ފަސް ދުވަސް ފަހުން ކޮވިޑް ޓެސްޓް ހަދައި ނަތީޖާ ނެގަޓިވް ނަމަވެސް ކަރަންޓީންގެ މުއްދަތު ނިމޭނެ ކަމަށް އާ އުސޫލުގައި ބުނެއެވެ.

އެ ދެ ގޮތަށް އަމަލު ކުރެވޭނީ ޕޮޒިޓިވް ވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީން ވެފައިވާ ނަމައެވެ.

ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުން، މިހާރެކޭވެސް އެއްގޮތަށް 14 ދުވަހު ކަރަންޓީންވާން ޖެހޭނެއެވެ. އަދި އެމީހުންގެ ކަރަންޓީން ނިމޭނީ 14 ދުވަސްވުމުން، ޓެސްޓުހަދައި ނެގެޓިވް ނަތީޖާއެއް ލިބުމުންނެވެ.

އަލަށް ގެނައި ބަދަލު މިހާރު ކަރަންޓީންގައި ތިބި މީހުންނަށް ވެސް އަމަލު ކުރެވޭނެ ކަމަށް އެޗްޕީއޭން ބުނެއެވެ.

މީގެ ކުރިން ވެސް ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުރު ކުރިއެވެ. ނަމަވެސް ފަހުން ކޭސްތައް އިތުރުވުމުން އަނެއްކާވެސް ކަރަންޓީނުގެ މުއްދަތު 14 ދުވަހަށް ބަދަލު ކުރީއެވެ.

comment ކޮމެންޓް