ތޮޅީގެ ތުންގަނޑާއެކު 15 ގަޑިއިރު، ފަނޑުވަމުންދިޔަ އުއްމީދާއެކު ވެސް ދެއްކީ ހިތްވަރު!

ކަރަށް ތޮޅިއެއް ހެރި ޒަހަމްވި އއ. ހިމަންދޫ ހަސަން އަނިލް --

އއ. ހިމަންދުއަށް އުފަން ހަސަން އަނިލްއަކީ މޫދާ ބީރައްޓެހި މީހެއް ނޫނެވެ. އިހި ނެގުމަކީ 27 އަހަރުގެ މި ޒުވާނާ އާމްދަނީ ހޯދަން ކުރާ މަސައްކަތެވެ.

އާދައިގެ މަތިން މިދިޔަ ބުރާސްފަތި ދުވަހު ގާތްގަނޑަކަށް އިރުއޮއްސި 6:30ގައި އޭނާ ފުރައިގެން ދިޔައީ ފީނައިގެން އިހި ނަގާށެވެ.

އެ ރޭ ފީނަންވެގެން ގޮސް އެ މީހުން ޑިންގީ މަޑުކުރީ އދ. މަންދޫ ކައިރީގައި އޮތް ފަޅަކަށެވެ. ފުރަތަމަ ޖެއްސި ހިސާބު ބަލާލުމަށްފަހު ދެން ދިޔައީ އެހެން ދިމާއަކަށެވެ. ދެވަނަ ޕޮއިންޓަށް ގޮސް އެ މީހުން ފޭބީ 9:30 ހާއިރުއެވެ.

ކަރަށް ތޮޅިއެއް ހެރި ޒަހަމްވި އއ. ހިމަންދޫ ހަސަން އަނިލް --

ފައިބައިގެން ފީނަން އުޅެއުޅެފައި ޑިންގީ ކައިރިކޮށްލުމުން އޭނާ ދިޔައީ ޑިންގީއަށް އަރާށެވެ. ނަމަވެސް ކޮންމެ ރެޔަކު ވެސް އެ މީހުން 10:30ވަންދެން ފީނާތީ، އަދި ވަގުތު ހަމަނުވާކަމަށް އެކަކު ބުންޏެވެ.

"ދިހަގަޑި ބަޔެއް ނުވެޔޭ ބުނީމަ އަޅުގަނޑު ބުނެފިން، އާން އެހެންވިއްޔާ އަންނާނަމޭ އަދި ބަލާލާފަ،" އަނިިލް ކިޔައިދިނެވެ.

އެވަގުތު އޭނާއާއެކު ފައިބާ އުޅުނު ބައެއް މީހުން ގޯނި ހުސްކުރަންވެގެން ޑިންގީއަށް އެރިއެވެ. އެހެން ނަމަވެސް އޭނާގެ ގޯނީގައި މާ ބައިވަރު އެއްޗެހި ނެތުމުން އޭނާ ނައްޓާލީ އަނެއްކާ ވެސް ބަލާލާށެވެ.

"ފީނަމުން ފީނަމުން ގޮސް ދެވޭ ދިމާ ބަލާލަން ވެގެން އަޅުގަނޑު ބޯހިއްލައިލީ. ބޯ ހިއްލައިލިއިރު މި އިނީ ތޮޅި ވެސް ހިއްލައިލައިފައި. އެ އައި ގޮތަށް އައިސް ހެރުނީ،" އަނިލް ކިޔައިދިނެވެ.

އެ ވަގުތު އޭނާއަށް ތޮޅި ފެނުނު ނަމަވެސް އެ ވަގުތު އޭނާއަށް އޭގެން ސަލާމަތްވާނެ ވަގުތެއް ނުލިބުނެވެ. އޭނާއަށް ތޮޅި ފެނުމާއި، ތޮޅި އައިސް ކަރަށް ހެރުމާ ދެމެދު ވީ ފަޅި ސިކުންތެކެވެ. އޭރު އޭނާގެ އިސްކޮޅެއް ވެސް ނުޖެހެއެވެ.

ތޮޅި އައިސް ވާތް ފަޅިން އޭނާގެ ކަރަށް ހެރުމާއެކު، އޭނާ ވަގުތުން ތޮޅީގެ ތުންގަނޑުގައި ހިފެހެއްޓިއެވެ. ވަގުތުން "ތޮޅިއެއް ޖަހައިފިޔޭ" ކިޔައި ކައިރީގައި އުޅުނު މީހުންނަށް އޭނާ ގޮވިއެވެ.

"އޭރު އަޅުގަނޑާ ޑިންގީއާ ދެމެދު ހުންނާނެ 100 ވަރަކަށް ފޫޓު. ވަގުތުން މީހަކު އައިސް އަޅުގަނޑު ގައިގައި ހިފަހައްޓައިފި،" އޭނާ ކިޔައިދިނެވެ.

އެ ވަގުތު ޑިންގީ ވެސް އެ މީހުންނާ ވަރަށް ކައިރި ކޮށްލިއެވެ.

"އަޅުގަނޑު ބުނިން އެމީހުން ކައިރި އަޅުގަނޑު ނަގާށޭ ނަގާ ގޮތަކަށް. މިތަނަކުން އަޅުގަނޑު ދުލެއް ނުކުރާނަމޭ. އޭރު އޭގެ ތުންގަނޑު ގުޑުވައެއް ނުލެވޭނެ. ފަހަތްކޮޅު އޮތް ތެޅިތެޅި." އަނިލް ކިޔައިިދިނެވެ.

ކަރަށް ތޮޅިއެއް ހެރި ޒަހަމްވި އއ. ހިމަންދޫ ހަސަން އަނިލް --

އެ މީހުން އަނިލް ޑިންގީއަށް ނެގިއެވެ. ނެގުމަށްފަހު ތޮޅީގެ ބޯ ބުރި ކޮށްލިއެވެ.

އޭރު ގާތްގަނޑަކަށް 10 ޖެހީއެވެ. ވަގުތުން އެތަނުން ފުރައިގެން އެ މީހުން ނައްޓާލީ ރަށާ ދިމާއަށް ދިއުމަށެވެ. ހިމަންދުއަށް ދެވުނީ ގާތްގަނޑަކަށް 40 މިނެޓުންނެވެ. ރަށަށް ލެފިއިރު ބަނދަރުގައި މީހުންގަނޑު އެއްވެފައި އޮތެވެ.

ރަށަށް ގޮސް ވަގުތުން ތުންގަނޑާ ހިސާބުން ބުރިކޮށްލިއެވެ. އަދި ރަށުން ފަރުވާ ކުރެވެން ނެތުމުން އެ ތަނުގައި ބޭސް އަޅައިގެން ވަގުތުން މާލެ އަންނަން ނައްޓާލިއެވެ. މާލެއަށް އާދެވުނު އިރު ހުރީ ދޭއް ޖަހާ ބޮޑުވެފައެވެ.

މާލެ އައިސް އެންމެ ފުރަތަމަ ދިޔައީ އައިޖީއެމްއެޗަށެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު އޭނާ އޮތީ ބަނޑުހައިވެގެން ތުރުތުރު އަޅައަޅައެވެ. ބަނޑުހައިވާ ވާހަކަ ބުނުމުން، އިންޖެކްޝަނެއް ޖެހިއެވެ. އޭގެފަހުން އެކަން ރަނގަޅެވެ.

"ބަނޑުހައިވެގެންނޭ ކިޔާފަ ޖެހި އިންޖިކްޝަން ޖެހި ގަޑީ، ހޮޑު އަންނާތީ ހިފާލީމަ ހޯސްލައިފައި ލޭ ފައިބައިގަތީ،" އޭނާ ކިޔައިދިނެވެ.

އައިޖީއެމްއެޗުން ބުނީ އޮޕަރޭޝަން ކުރެވޭނީ ފަތިހު ކަމަށެވެ. އެހެންކަމުން އެތަނުގައި މަޑުކޮށްގެން ތިބީއެވެ.

"ހެނދުނު ހައެއް ޖެހިއިރު އަހާލީމަ ބުނި، އަށެއް ޖެހިއިރުއޯ ދެން ވާނީ. އަށެއް ޖެހީމަ އެހީމަ ބުނީ ރެޑީވަމުންނޯ ދަނީ،" އަނިލް ކިޔައިދިނެވެ.

ފަހަރަކު ގަޑިއެއް ކިޔަމުން ގޮސް، 12 ޖަހަން އުޅެނިކޮށް ނަރުހަކު ބުނީ އައިޖީއެމްއެޗްގައި ނާރުގެ ޑޮކްޓަރެއް ނެތުމުން އޮޕަރޭޝަން ނުކުރެވޭނެ ކަމަށެވެ.

މެންދަމު ދެގަޑިބައިގައި ގެނައި ގޮތަށް، ކަރަށް ހެރިފައިވާ ތޮޅިގަނޑާއެކު އޭނާ 12 ވަރަކަށް ގަޑިއިރު އައިޖީއެމްއެޗް އިމަޖެންސީ ރޫމުގައި އޮތެވެ.

އޮޕަރޭޝަން ކުރެވެން ނެތް ވާހަކަ ބުނުމުން އޭނާ އެދުނީ ދޫކޮށްލަދިނުމަށެވެ. އަދި އޭޑީކޭއަށް އޭނާ ދާން ބޭނުންވާ ކަމަށެވެ.

"އޭޑީކޭއަށް ވަންނައިރަށް އެ މީހުން ފަށައިގަނެއްޖެ. މިތަނަށް [އޭޑީކޭއަށް] ވަނުމާ އޮޕަރޭޝަނާ ދޭތެރޭ ގަޑިއެއްގެ އިރު ވާނީ ގާތްގަނޑަކަށް،" އޭނާ ކިޔައިދިނެވެ.

ޑޮކްޓަރުން ބުނީ ތޮޅި އޭނާގެ ކަރުގެ ވަރަށް ނުރައްކާ ހިސާބަކަށް ހެރިފައިވާ ކަމަށެވެ. އަދި ތުންގަނޑު ހެރިފައިވަނީ ހިތުން ސިކުނޑިއަށް ލޭ ފޮނުވައިދޭ ނާރެއް ކައިރިއަށް ކަމަށެވެ. އަދި ޓެސްޓުތަކުން ދައްކާ ގޮތުގައި އޭނާގެ ކަރުގައި ހުރީ ވަރަށް ބޮޑަށް އިންފެކްޓުވެ ދޮސް ލައިފައެވެ.

ކަރަށް ތޮޅިއެއް ހެރި ޒަހަމްވި އއ. ހިމަންދޫ ހަސަން އަނިލް: އޭޑީކޭ ތެރޭގައި --

"އެ ބުނާ ނާރަކަށް ނުހެރި އިނީ ތިން މިލިމީޓަރޭ ޑޮކްޓަރުން ބުނީ. ނުޖެހި އިނީ އެހާ ތަންކޮޅެކޭ އެ ނާރުގައި. އަޅުގަނޑަށް ވަގުތުން ނުހިފެހެއްޓުން ނަމަވެސް އެ ނާރަށް އަނިޔާވީސް،" އަނިލް ބުންޏެވެ.

އެ ނާރަށް ތުންގަނޑު ހެރުނުނަމަ ލޭ ހުސްވެގެން މަރުވުން ނުވަތަ ސްޓްރޯކެއް ޖެހުންފަދަ ކަމެއް ވުން ގާތްކަމުގައި އޭނާއަށް ޑޮކްޓަރުން ފަހުން ކިޔައިދިނެވެ.

އަނިލްގެ ކަރަށް ހެރުނު ތޮޅީގެ ތުންގަނޑު އޮޕަރޭޝަން ކޮށްގެން ނަގައިފައި

އޮޕަރޭޝަނަށް ވަނުމުގެ ކުރިން އަނިލްްގެ ބޭބެ ގާތުގައި ޑޮކްޓަރުން ބުނީ ކުރަން އުޅޭ އޮޕަރޭޝަނަކީ 50/50 އޮޕަރޭޝަނެއް ކަމަށެވެ. އަނިލް ބުނި ގޮތުގައި އޭނާ އޮޕަރޭޝަނަށް ވަނީ "މަރަށް ތައްޔާރު" ވެގެން ކަމަށެވެ. އެ ވަގުތު އޭނާ ސަލާމަތްވާނެ ކަމުގެ އުއްމީދު އޮތީ ކުޑަވެފައެވެ.

ތޮޅީގެ ތުންގަނޑާއެކު އޭނާ ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަކުރިއެވެ. އައިޖީއެމްއެޗްގައި އޭނާ 12 ގަޑިއިރު ހޭދަކުރި އިރު، އޭނާއަށް މާބޮޑަށް އެތަނުން "އަޅާ ނުލާ" ކަމަށް އަނިލް ކިޔައިދިނެވެ.

"އޭޑީކޭގެ ޑޮކްޓަރުން ވެސް ނަރުހުން ވެސް ވަރަށް ރަނގަޅު. ވަރަށް އޯގާތެރި،" އޭޑީކޭގައި އޮވެ "ސަން"އާ ވާހަކަ ދައްކަމުން އަނިލް ބުނެލިއެވެ.

ތޮޅީގެ ހަމަލާ އޭނާއަށް ލިބުނު އިރުވެސް އޭނާ ރައްކާތެރިކަމަށް ޓަކައި ޑައިވަރުންލާ ސޫޓެއް ލައިގެންނެވެ. އެހެން ނަމަވެސް ތޮޅީގެ ތުންގަނޑު އޭނާގެ ކަރަށް ހެރުނީ ސޫޓު ފޫ އަޅުވާލުމަށްފަހުގައެވެ.

އަނިލްގެ މި ނުރައްކާތެރި އޮޕަރޭޝަނަށް ފަހު ޑރ. ކައުޝަލް ކުރެއްވި ޓްވީޓެެއްގައި ބުނެފައިވަނީ މަސްވެރިކަމަކީ އަބަދު މަޖާ ކަމެއް ނޫން ކަމަށާއި، ރޭގަނޑު މަހަށް ދިއުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.

ފާއިތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ހިމަންދޫގެ ފަސް މީހަކަށް ތޮޅީގެ ހަމަލާއާ ކުރިމަތިވިއެވެ. މި އެންމެންނަކީ ވެސް ރޭގަނޑު ފީނަން އުޅުނު މީހުންނެވެ. އޭގެ ތެރެއިން އަނިލްގެ އިތުރުން އިތުރު ޒުވާނަކަށް ލިބުނު ހަމަލާއަކީ ވެސް ފުރާނައަށް ނުރައްކާވާފަދަ ހަމަލާއެކެވެ. ތޮޅީގެ ތުންގަނޑު ހެރުނީ އެ ޒުވާނާގެ ވެސް ކަރަށެވެ. އޭނާވަނީ އިންޑިއާއިން އޮޕަރޭޝަނެއް ކޮށްފައެވެ.

comment ކޮމެންޓް