ޔުނިވާސިޓީ އޮފް ޕްލިމަތާއެކު އެމްއެންޔޫއިން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ގައުމީ ޔުނިވާސިޓީން، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޕްލިމަތާއެކު އެމްއޯޔޫއެއްގައި ސޮއިކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން، އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޕްލިމަތާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ. އަދި ޔުނިވާސިޓީ އޮފް ޕްލިމަތުގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ޖާޑް މެސެލިންކެވެ.

އެ އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް އުނގެނުމުގައި އިތުރު ލުއިތަކެއް ލިބޭނެއެވެ. އަދި ތިމާވެއްޓާ ގުޅޭ ކަންކަމުގައި ދެ ޔުނިވާސިޓީން އެކުގައި މަސައްކަތް ކުރެވޭނެކަމަށްވެސް ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އަންނަނީ ދުނިޔޭގެ މަޝްހޫރު ޔުނިވާސިޓީތަކާއެކު އެމްއޯޔޫތަކުގައި ސޮއި ކުރަމުންނެވެ. މިކަމުގެ ސަބަބުން ދިވެހި ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ލިބެއެވެ. އަދި މިއީ ވަސީލަތްތައް ތަނަވަސްކުރުމަށް ލިބޭ ފުރުސަތެކެވެ.

ޔުނިވާސިޓީ އޮފް ޕްލިމަތަކީ އިނގިރޭސިވިލާތުގައި ކަނޑުތަކާއި ކަނޑުގެ ދިރުންތަކާބެހޭ ދިރާސާތައް ކުރުމުގައި ނަން މަޝްހޫރު ޔުނިވާސިޓީއެކެވެ.

comment ކޮމެންޓް