އޮރެންޖް ހިޔާ ކޮވިޑް ފެސިލިޓީ އެއްކޮށް ނިމޭނީ މާރޗް މަހު

އޮރެންޖް ހިޔާ ކޮވިޑް ފެސިލިޓީ އެއްކޮށް ނިމޭނީ މާރޗް މަހުގެ ތެރޭގައި ކަމަށް ހައުސިން ޑިވިލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އޮރެންޖް ހިޔާ ފެސިލިޓީއަކީ ހުޅުމާލޭގައި ކޮވިޑަށް ފަރުވާ ދިނުމަށްޓަކައި ގާއިމު ކުރެވޭ ދެވަނަ ފެސިލިޓީއެވެ.

ދުވިސައްތަ ހަތްދިހަ އެނދުގެ ޖާގައިގެ މި ފެސިލިޓީ ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 ގެ އިތުރު ރާޅެއް ކުރިމަތިވެއްޖެ ހިނދެއްގައި އިތުރު ފަރުވާ ދިނުމަށް ރާއްޖޭގެ ކެޕޭސިޓީ އިތުރުކުރުމެވެ.

އެޗްޑީސީން ބުނީ އޮރެންޖް ހިޔާ ފެސިލިޓީ ހިންގުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށްފަހު، މިދިޔަ މަހުގެ ކުރީކޮޅު ހެލްތް މިނިސްޓްރީއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ފެސިލިޓީ އޮޕަރޭޓް ކުރާ ހުޅުމާލެ ހޮސްޕިޓަލުގެ އެންގުމަކަށް، އިތުރު ބައެއް މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެހެންކަމުން ޖުމުލަކޮށް ބަލާއިރު، އޮރެންޖް ފެސިލިޓީގެ 99 ޕަސެންޓް މަސައްކަތް ނިމިފައި ވާކަމަށް އެޗްޑީސީން ބުނެއެވެ.

އޮރެންޖް ހިޔާ ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ގާއިމު ކުރަން ނިންމާފައިވަނީ މިދިޔަ މެއި އަދި ޖޫން މަހު ރާއްޖެއަށް އައި ހަތަރު ވަނަ ކޮވިޑް-19 ގެ ރާޅާއެކުއެވެ.

އޮރެންޖް ހިޔާ އަކީ ކުރީގެ ޑިސްޓްރިބިއުޝަން ސެންޓަރެކެވެ. އަދި ކޮވިޑް-19 ގެ ތެރޭގައި ބިދޭސީ މީހުން ކަރަންޓީނު ކުރާ ތަނެއްގެ ގޮތުގައިވެސް އޮރެންޖް ހިޔާ ބޭނުންކޮށްފައިވެއެވެ.

comment ކޮމެންޓް