އޮމިކްރޯންގެ ކޭސްތައް މުޅި ރާއްޖޭގައި އިތުރުވެ، ޕީކްއަށް އަރާނީ މަހުގެ ފަހުކޮޅު: އެޗްޕީއޭ

އޮމިކްރޯންގެ ކޭސްތައް މުޅި ރާއްޖެއަށް ފެތުރި، ޕީކްއަށް އަރާނީ މި މަހުގެ ފަހުކޮޅު ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓްގެ ކޭސްތައް މުޅި ރާއްޖޭގައި އިތުރުވެ، ކޭސްތަކުގެ އަދަދު ޕީކްއަށް އަރާނީ މި މަސް ނިމޭ ހިސާބުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އޮމިކްރޯން ބޮޑަށް ފެތުރިފައިވާ ގައުމުތަކުގައި ކޭސްތައް ވަރަށް އަވަހަށް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން އެގައުމުމުތަކުގައި ކޮވިޑް ކޭސްތަކުގެ އަދަދު ދެގުނައަށް އިތުރު ވާން ނަގަނީ އެއް ދުވަހާއި ތިން ދުވަހާ ދޭތެރޭގެ މުއްދަތެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް އަށް ދިވެހިންނާއި 19 ފަތުރުވެރިން އޮމިކްރޯންއަށް ޕޮޒިޓިވްވެފައިވާކަން ފާހަގަ ކުރައްވަމުން ނަޒްލާ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ޑެލްޓާ ވޭރިއެންޓަށް ވުރެ އޮމިކްރޯންގެ ކޭސްތައް ގިނަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"މިދިޔަ ޑެލްޓާ ވޭވްގަ ކޭސެސް އަޅުގަނޑުމެންނަށް ގިނައިން ފެނުނީ މާލޭ ސަރަައްދުން އެހެންނަމަވެސް މިފަހަރު އަޅުގަނޑުމެންނަށް ބޮޑަށް ލަފާ ކުރެވެނީ އޭގެ ބަދަލުގަ މުޅި ރާއްޖެއިން ކަމަށް ކޭސެސް އިތުރު ވެގެން ދާނީ،" ނަޒްލާ ވިދާޅުވިއެވެ.

އޭގެ ސަބަބަކަށް ނަޒްލާ ފާހަގަ ކުރެއްވީ، ޑެލްޓާ ވޭރިއެންޓު ފެތުރުނު އިރަށް ވުރެ ބޮޑަށް މިހާރު ގައުމު ހުޅުވާލާފައި އޮތުމެވެ.

"ގާތްގަނޑަކަށް ޖެނުއަރީ މަހުގެ ފަހުކޮޅާ ހަމައަށް ދާ އިރު ނުވަތަ ފެބްރުއަރީ މަހުގެ ކުރީކޮޅު ޕީކްއެއް ފެންނާނެ ކަމަށް ޕްރޮޖެކްޝަންސްތަކުން ދައްކަނީ. އަދި މި ޕީކް ފެންނާނީ ހަމައެކަނި މާލޭގައި ނޫން ކަމަށް އަދި ނެޝަނަލީ ކަމަށް [ލަފާ ކުރެވެނީ]،" ނަޒްލާ ވިދާޅުވިއެވެ.

އޮމިކްރޯންއާ އެކު ކޮވިޑްގެ ކޭސްތައް އިތުރުވި ނަމަވެސް، ހެލްތު މިނިސްޓްރީގެ އަމާޒަކީ ގައުމު ހުއްޓުމަކަށް ނުގެނެސް ބަލިމަޑުކަން ކޮންޓްރޯލް ކުރުން ކަމަށް ސްޓޭޓު މިނިސްޓަރު ޑރ. ޝާހު މާހިރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ހަމައެއާއެކު ޑރ. ނަޒްލާ ވެސް ވިދާޅުވީ އާންމު ދިރިއުޅުމާއި އިގުތިސާދަށްވެސް ބުރޫ ނާރާނެ ގޮތަކަށް ފިޔަވަޅު އެޅޭތޯ ބަލަމުންދާނެ ކަމަށެވެ. ނަމަވެސް ބަލި ފެތުރޭ މިންވަރާއި ބަލީގައި މީހުން އެޑްމިޓު ކުރަން ޖެހޭ މިންވަރަށް ބަލައި، ކޮންމެ ހަފްތާއަކު ނުވަތަ އެއަށް ވުރެ އަވަހަށް ވެސް ފިޔަވަޅުތައް މުރާޖާކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދިޔުމާ ގުޅިގެން އެޗްޕީއޭއިން މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި 50 އަށް ވުރެ ގިނަ މީހުން ޖަމާވާ ގޮތަށް ހަފްލާތައް ބޭއްވުން މަނާ ކުރުމާއި ކުޅިވަރު ކުޅޭ އިރު ސްޓޭޑިއަމްއަށް ސަޕޯޓަރުން ވެއްދުން މަނާ ކުރުން ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް