އަމާޒަކީ ސްކޫލްތައް ބަންދުނުކޮށް ޕެންޑަމިކް ކޮންޓްރޯލް ކުރުން: ހެލްތު

އިސްކަންދަރު ސްކޫލްގެ ޓީޗަރަކު ދަރިވަރުންނަށް ކިޔަވައިދެނީ --- ސަން ފައިލް ފޮޓޯ

ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު އަމާޒަކީ ގައުމު ނުހުއްޓި ޕެންޑަމިކް ކޮންޓްރޯލް ކުރުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އެޗްޕީއޭގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، އެޗްއީއޯސީގެ ކަންކަން ހަރުދަނާ ކުރުމަށް މިހާރު މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރާނީ ގައުމު ހިންގުމަށް ބުރޫ ނާރާ ގޮތަށް ކަމަށް ވިދާޅުވިއެވެ.

އެގޮތުން ސްކޫލުތައް ބަންދު ނުކޮށް، އަދި އިދާރާތައް ނުހުއްޓި ކޮވިޑް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާވީ، އެޗްއީއޯސީގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި އެތަނަށް ބޭނުންވާ ވޮލެންޓިއަރުންނާ ހިއުމަން ރިސޯސް އިތުރު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ވާނީ ރައްޔިތުންގެވެސް އެއްބާރުލުން ލިބި، ރައްޔިތުންނާ އެއްކޮށް ގުޅިގެން އުޅުމުންކަން ފާހަގަ ކުރައްވައި، މީގެ ކުރިންވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް ރައްޔިތުން ދިން އެއްބާރުލުން ޝާހު ފާހަގަ ކުރެއްވިއެވެ.

ކޮވިޑް ކޮންޓްރޯލް ވާނީ ސަރުކާރުގެ އެއްބާރުލުމާއި މީހުންގެ އެއްބާރުލުން އެއްކޮށްގެން ކަމަށް ޝާހު ވިދާޅުވިއެވެ.

ނަމަވެސް މި ފަހުން މަގުމަތީގައި އުޅޭ މީހުން ވަރަށް 'ރިލެކްސް' ކޮށް އުޅޭކަން ފާހަގަ ކުރައްވައި ޝާހު ވިދާޅުވީ ގައިދުރުކަމާއި މާސްކު އެޅުން ފަދަ ކަންކަމަށް ރައްކާތެރިވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

comment ކޮމެންޓް