އަށް ދިވެހިންނަށް އޮމިކްރޯން ޖެހިއްޖެ

އެޗްޕީއޭ ގެ މެޑިކަލް އޮފިސަރ ޑރ ނަޒްލާ ރަފީގު

އަށް ދިވެހިންނަށް ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާކަމަށް އެޗްޕީއޭއިން މިއަދު ބުނެފިއެވެ.

އެޗްޕީއޭގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، އޮމިކްރޯންއަށް މި ހަފްތާގައި ހަތް ދިވެހިން ޕޮޒިޓިވް ވެފައިވާއިރު މިދިޔަ ހަފްތާގައި ވެސް ދިވެއްސަކު އެ ވޭރިއަންޓަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ މާލޭގައި މުޖުތަމައުގެ ތެރޭގައި މިހާރު އޮމިކްރޯން ވޭރިއަންޓް އުޅޭ ކަމަށެވެ.

މިހާތަނަށް ޖުމުލަ 19 ފަތުރުވެރިންނަށް މި ވޭރިއަންޓް ޖެހިފައި ވެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގެ ތިން ރަށަކުން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާކަމަށެވެ. އެއީ މާލެއާއި މާފުށި އަދި ކުޑަހުވަދޫއެވެ.

އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވެފައި ވަނީ މާފުށިން ތިން މީހަކާއި މާލެއިން ހަތަރު މީހަކާއި ކުޑަހުވަދޫއިން މީހެކެވެ.

މާލެއިން އޮމިކްރޯންއަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން އެކަކީ މާފުށީ ކޭސްއަކާ ގުޅުންހުރި މީހެއްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މި މީހުންގެ ތެރޭގައި ބައެއް ހައިރިސްކު މީހުންވެސް ހިމެނޭ، އެކަމަކު މިހާތަނަށް މި މީހުންގެ ހާލަތު ގޯސްވެގެން އަޅުގަނޑުމެންނަކަށް މައުލޫމާތު ލިބިފައެއް ނެތް، ހާލަތު ރަނގަޅު،" ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން ފުރަތަމަ އޮމިކްރޯންގެ ކޭސް އެއް ފެނުނީ މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އައި ދެކުނު އެފްރިކާގެ ފަތުރުވެރިއެއްގެ ފަރާތުންނެވެ. އެއީ އާ ވޭރިއެންޓުގެ ކޭސްއެއްކަން ޔަގީންވީ ޖީނޯމިކް ސިކުއެންސިން ހެދުމަށް ރާއްޖެއިން ބޭރަށް ސާމްޕަލްތަކެއް ފޮނުވައި، އޭގެ ނަތީޖާ ލިބުމުންނެވެ.

އޭގެ ފަހުން، ޑިސެމްބަރު މަހުގެ މެދު ތެރޭގައި ވެސް ރާއްޖެ އައި ހަތަރު ފަތުރުވެރިއަކު އޮމިކްރޯންއަށް ޕޮޒިޓިވްވިއެވެ.

comment ކޮމެންޓް