ތޮއްޖެހުން ކުޑަކުރަން، ހިޔާ ފްލެޓް ލިފްޓް ކައިރީ ޖާގަ އިތުރު ކުރަނީ

ހިޔާ ފްލެޓް ލިފްޓް ކައިރީ ޖާގަ އިތުރު ކުރަނީ -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ލިފްޓް ކައިރީ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.

އެޗްޑީސީން ބުނީ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، ލިފްޓް ކައިރީގައި ތޮއްޖެހުން ކުޑަ ކުރުމަށް ކަމަށެވެ. ލިފްޓް ލޮބީ ކައިރީގައި ޖާގަ އިތުރު ކުރަނީ ބައެއް ފާރުތައް ތަޅާލައިގެންނެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި ހުންނަނީ ހަތަރު ލިފްޓެވެ. ލިފްޓް ކައިރީގައި މަޑުކޮށްލާނެ ޖާގަ ކުޑަވުމާއި، ލިފްޓަށް ބާރުބޮޑުވާ ގަޑިތަކުގައި މީހުން ތޮއްޖެހިފައި ވުމުން، މި މަސައްކަތަކީ އެ ކަންކަމުން އާއްމުންނަށް ލުޔެއް ހޯދައިދިނުމަށް ކުރާ ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓުތަކުގައި ގިނަ ބަޔަކު ދިރިއުޅެމުން ދާތީ ރޭގަނޑު 10:00 ފެށިގެން ހެނދުނު 8:00 އާ ދެމެދު އަދުގަދަވާ ފަދަ އެއްވެސް މަސައްކަތެއް ކުރުން މަނާ ކަމަށް ވެސް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް