ތިނަދޫގައި އިންޑަސްޓްރިއަލް ޒޯނެއް ހަދަން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއަށް

ގދ. ތިނަދޫގައި އިންޑަސްޓްރިއަލް ޒޯނެއް ހަދަން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ގދ. ތިނަދޫގައި އިންޑަސްޓްރިއަލް ޒޯނެއް ހަދަން ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތިނަދޫގެ ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

އެ މަސައްކަތްތަކުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ތޮލްހަތެވެ.

އެ މަޝްރޫއު ހަވާލުކުރީ 660 ދުވަހުގެ ތެރޭގައި ނިންމުމަށް، 125 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި 219،595 އަކަމީޓަރުގެ ބިން ހިއްކުމާއި ޖުމްލަ 1804 މީޓަރުގެ ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމާއި 284 މީޓަރު އެއްގަމު ތޮށި ޖެހުމާއި އެއް ކޮންކްރީޓް ބުރިޖު އެޅުން ހިމެނެއެވެ.

އިންޑަސްޓްރިއަލް ޒޯނަށް ހާއްސަކުރާ ބިމާއި ރަށުގެ އެއްގަމާ ގުޅާލުމަށް އަޅާ އެ ބުރިޖުގެ ދިގު މިނުގައި 116.2 މީޓަރު ހުރެ، ފުޅާ މިނުގައި 9.6 މީޓަރު ހުންނާނެއެވެ.

comment ކޮމެންޓް