އިލްޔާސް ޖަމާލަށް އިސްލާހީ ފިޔަވަޅު އަޅައިދޭން އެދިއްޖެ

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް އިލްޔާސް ޖަމާލް --- ފޮޓޯ/ ރައީސް އޮފީސް

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިހް އިލްޔާސް ޖަމާލަށް އިސްލާހީ ފިޔަވަޅު އަޅައިދިނުމަށް އެދި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިަށް ދަންނަވައިފިއެވެ.

އެ ކަމަށް އެދި މިނިސްޓަރު ޒާހިރު ސޮއިކުރައްވައި ރައީސަށް ފޮނުއްވާފައިވާ ސިޓީ "ސަން"އަށް ވަނީ ލިބިފައެވެ.

އެ ސިޓީގައި ވަނީ އެ މިނިސްޓްރީގެ ދަށުގައިވާ ކީރިތި ގުރުއާނާ ބެހޭ މަރުކަޒާ ހަވާލުވެވަޑައިގެން ހުންނެވި އިލްޔާސް، މިނިސްޓަރަށް އެންގުމަކާނުލައި ޔޫއޭއީގައި އޮތް އިސްލާމިކް ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ފުރައިވަޑައިގަތް ކަމަށެވެ.

އެ ފޯރަމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރަކުން އަށަކަށް ޔޫއޭއީގައި އޮތް "އެސެމްބްލީ އޮފް ދަ ފޯރަމް ފޯ ޕްރޮމޯޓިން ޕީސް އިން މުސްލިމް ސޮސައިޓީ"ގެ އަށްވަނަ ބައްދަލުވުމެވެ.

މިނިސްޓަރު ފޮނުއްވައިފައިވާ ސިޓީގައި ވަނީ، އެ ފޯރަމްގެ ހަވަނަ ބައްދަލުވުމުގައި 2019ވަނަ އަހަރު ރާއްޖޭގެ އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ބައިވެރިވީ އޭނާ ކަމަށެވެ. އަދި އެކަން ރައީސްގެ މައުލޫމާތަށް ޓަކައި ދަންނަވާ ކަމުގައި އެ ސިޓީގައިވެއެވެ.

މީގެ އިތުރުން އެ ސިޓީގައި ވަނީ ރައީސް އައްޔަންކުރައްވާ ސިޔާސީ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލުގެ ދަށުން ރަސްމީ ކަމެއްގައި ރަށުން ބޭރަށްދާ ކަމުގައިވާނަމަ ވަޒީރަށް އަންގައި، އަދި މުވައްޒަފަށް ގުޅޭނެ ނަންބަރެއް ވަޒީރަށް އަންގައި، މުވައްޒަފުގެ މަސައްކަތް ވަޒީރު އަންގަވާ ފަރާތަކާ ހަވާލު ކުރަންވާނެކަމަށް އޮންނަކަން ފާހަގަ ކުރައްވާފައެވެ.

އެ ދަތުރުފުޅުގައި އެފަދައިން އަމަލުކޮށްފައި ނުވާތީ އެކަން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން އުސޫލުތަކުގެ ތެރެއިން އިލްޔާސާމެދު ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

comment ކޮމެންޓް