އިސްކަންދެނީ އަންހެން ފުލުހުން ލައްވައި އަންހެނުން ހައްޔަރުކުރަން: ފުލުހުން

އިދިކޮޅުން މީގެ ކުރިން މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ނާއިލް ހުސައިން

މުޒާހަރާތަކާއި އެއްވުންތަކުން އަންހެނުން ހައްޔަރުކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމަށް އިސްކަންދޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައިވަނީ އިއްޔެ ޕީޕީއެމް، ޕީއެންސީން އިއްޔެ މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން އަންހެނަކު ހައްޔަރުކުރުމުގައި ފިރިހެން ފުލުހަކު ހަރަކާތްތެރިވާ ވީޑިއޯއެއް އާންމުވެފައިވަނިކޮށެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, މުޒާހަރާތަކާއި އެނޫން ވެސް ހާލަތްތަކުގައި މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތަށް ކަމަށެވެ.

"އެގޮތުން އަންހެނުން ހައްޔަރުކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމަކީ މި ހިދުމަތުން އިސްކަންދޭކަމެއް," ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

ގާނޫނު ތަންފީޒުކޮށް ނެގެހެއްޓުމަށާއި އާންމު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެ ވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިދިކޮޅުން މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާއާ ގުޅިގެން އެ ބަޔާނުގައި ބުނެފައިވަނީ އެއީ އެއްވެ އުޅުމުގެ މިނިވަންކަމާ ހިލާފަށް ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.

"އެއްވުންތަކުގައި އާންމު ދަތުރުފަތުރަށް ދަތިކޮށް މާލެއާއި ހުޅުމާލެއާ ދޭތެރޭގައި ދަތުރުކުރާ ބަސް މާލޭ މަގުމަތިން ހުއްޓުވައި އަދި ގާނޫނާ ހިލާފު އަމަލުތައް ކުރުމަށް ތަކުރާރުކޮށް ހިތްވަރުދީ އެކަމަށް ގޮވާލަމުންދާކަން ފާހަގަކުރެވި އެފަދަ މީހުންގެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުން," އެ ބަޔާނުގައި ވެއެވެ.

އެއްވުންތައް ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރުމުގައި އަމަލުކުރާ އުސޫލަކީ އެ ހާލަތާ އެއްވަރުގެ ނުވަތަ އެއަށްވުރެ ދަށް މިންގަނޑެއްގެ ބާރެއް ބޭނުންކުރުން ކަމަށް ވަނީ ބުނެފައެވެ. އެފަދަ އެއްވުންތަކުގައި ބައިވެރިވާ ބައެއް މީހުން ފުލުހުންނަށް ހަމަލަދީ، ދައުލަތުގެ މުދަލަށް ގެއްލުންދީ ހަދާކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހިންގުމަށް ހުރަސް
އެޅުމުގެ މަސައްކަތް ކުރާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"މީހަކު ހައްޔަރުކުރުމުގައި ނުވަތަ އެނޫންވެސް ކަމެއްގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއްވާނަމަ ހަމަޖެހިފައިވާ އިންތިޒާމުތަކުގެ ތެރެއިން ހުށަހެޅުމުން އެކަން ފުލުހުން ބަލާނެ ވާހަކަ ދަންނަވަން," ފުލުހުންގެ ބަޔާނުގައި ވެއެވެ.

އެކަމާ އެއްވެސް ޝަކުވާއެއްވާނަމަ ނެޝަނަލް އިންޓެގްރެޓީ ކޮމިޝަން ނުވަތަ ކަމާ ގުޅޭ މުއައްސަސާއަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.

އިއްޔެ ހަވީރު އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބޭއްވި މުޒާހަރާގައި 29 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ދެ މީހަކު ފިޔަވައި އެހެން މީހުން ދޫކޮށްލިއެވެ. އަދި އެ ދެ މީހުން ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށްފަހު މިރޭ އެވެ.

comment ކޮމެންޓް