އިންޑިއާ އައުޓް މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ޝަރުތުތަކާއެކު ދޫކޮށްލައިފި

"އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

އިދިކޮޅު ޕީޕީއެމް، ޕީއެންސީން އިންޑިއާ އައުޓްގެ ނަމުގައި އިއްޔެ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ދެ މީހަކު ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.

އިއްޔެ ހަވީރު ބޭއްވި އެ މުޒާހަރާ އިން 29 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެތެރެއިން ހައްޔަރުކުރީ ދެ މީހެކެވެ.

ހައްޔަރުކުރި އަބްދުއްސަމަދާއި ރަޒްނާ އަލީ މުހައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރިއެވެ. ޝަރުތުތަކަކާ އެކު އެ ދެ މީހުން ދޫކޮށްލަން އެ ކޯޓުން އަމުރުކުރިއެވެ. ނަމަވެސް ކުރި ޝަރުތުތަކަކީ ކޮބައިކަމެއް ނޭނގެއެވެ.

އެ ދެ މީހުންގެ މައްޗަށް ކުރި ތުހުމަތުތަކަކީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމާއި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ނަގައިގެން ނޫނީ ކުރުން ހުއްދަ ނޫން ކަމެއް ހުއްދަ ނުހޯދާ ކުރުމުގެ ތުހުމަތެވެ.

މުޒާހަރާތަކުން ހައްޔަރުކޮށް ކޯޓަށް ގެންދާ މީހުންނަށް އެފަދަ އެއްވުންތަކަށް ވަކި މުއްދަތަކަށް ނުދިއުމަށް ވެސް ކުރިން ޝަރުތުކޮށްފައި ވެއެވެ.

އިންޑިއާ އައުޓް މުޒާހަރާތަކުގައި ރާއްޖޭގައި، އިންޑިއާގެ އަސްކަރިއްޔާ ގާއިމުވެ ތިބުމާ ދެކޮޅަށް ގެންދަނީ އަޑު އުފުލަމުންނެވެ.

މި މުޒާހަރާތައް ރޫޅުމަށް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ތެރޭގައި ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުން ކުރިކަމަށް ބުނެ އެ ޕާޓީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް