ޙަޤީޤީ ޖިހާދާއި ޙަޤީޤީ މުޖާހިދުން

އަލްޖަޒާއިރު ނުވަތަ އަލްޖީރިއާގެ އިސްލާމީ ޖިހާދުގެ ލާމަސީލު ލީޑަރު އަމީރު ޢަބްދުލް ޤާދިރުލް ޖަޒާއިރީ

އިސްލާމް ދީނަކީ ޓެރަރިޒަމާއި ހަރުކަށިކަމުގެ ދީނެއް ކަމަށާއި، މުސްލިމުންނަކީ ހަރުކަށި އަދި އަނިޔާވެރި ބައެއް ކަމަށް ދެއްކުމުގެ ނުބައި މަޤްޞަދުގައި ދީނުގެ ދުޝްމަނުންނާއި ޙަސަދަވެރީން އަބަދުވެސް ޕްރޮޕެގެންޑާ ފަތުރައެވެ. މައިގަނޑު ގޮތެއްގައި މިކަން ކުރަނީ ޔޫރަޕުގެ މުސްތަޝްރިޤުންނާއި އެމީހުންގެ މަންހަޖަށް ތަބަޢަ ވެގެން މަސައްކަތް ކުރާ މީހުންނެވެ. ނަމަވެސް ޚުދު މުސްލިމު ޤައުމުތަކުން، މުސްލިމު ޢާއިލާތަކުން ފައުޅު ވެފައި ވާ މީހުން ވެސް އެ މަސައްކަތުގައި އެބައުޅެއެވެ. ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ތެރެއިން، އިސްލާމީ ޝަޚްޞިއްޔަތާއި ތުރާސް ރައްކައުތެރި ކުރުމުގެ މަސައްކަތް އެންމެ ކުޑަކޮށް ކުރެވިފައި ވާ އެއް ޤައުމު ކަމަށް ވާ ދިވެހިރާއްޖޭގައި ފަހަކަށް އައިސް މި ބާވަތުގެ މީހުން ގިނަ ވަމުން ދާކަން ވެސް ފާހަގަ ކުރެވެއެވެ. އެމްޑީއެން މީހުންނާއި، އުތެމަ ގުރޫޕާއި، މިހާރަކަށް އައިސް ލާދީނިއްޔަތުގެ ސުޕަރސްޓާރަކަށް ވެގެން އުޅޭ އަދި އަމިއްލަ ނަން ފޮރުވައިފައި "ޙަސަން ކުރުސީ" ގެ ނަމުގައި ފާފައިގެ ދިދަ އުފުލާ މީހަކީ ބައެއް މިސާލުތަކެވެ.

މި ދެންނެވި ބާވަތުގެ މީހުންނަކީ ޙަޤީޤަތް ބަލާ ބައެއް ނޫނެވެ. ޙަޤީޤަތާ އެއްގޮތަށް ވާހަކަ ދެއްކުމުގެ އިޚްލާޞްތެރި ނިޔަތް އެއްވެސް ވަރަކަށް އޮންނަ ބައެއް ނޫނެވެ. އެމީހުންގެ ވާހަކަތަކާއި އެމީހުންގެ މަޤްޞަދުތަކާ ބެހޭގޮތުން އަޅުގަނޑުމެންނަށް އެނގޭން ޖެހޭ ވަރަށް ގިނަ ކަންކަން ހުރެއެވެ. ނަމަވެސް މިއަދުގެ މައުޟޫޢަކީ އެއީއެއް ނޫނެވެ. މިއަދު އެއްޗެއް ދަންނަވައިލެވޭތޯ މި އުޅެނީ، މި ދަންނަވާ "އިސްލާމޮފޯބުން" ގެ ތަޢައްޞުބީ އަދި ނަފުރަތްތެރި ލޯތަކަށް ނުފެންނަ ވަރަށް މުހިއްމު ޙަޤީޤަތަކާ ބެހޭގޮތުންނެވެ. އެ ޙަޤީޤަތަކީ، އިންސާނިއްޔަތާއި ހެޔޮކަމުގެ މަގުގައި ހަނގުރާމަ ކުރުމުގައި، މުސްލިމުން ފަދަ މުރުއްވަތްތެރި، ޚުލްޤު ހެޔޮ، އިންސާނީވަންތަ، އަދި ޢަދުލުވެރި އެހެން ޤައުމެއް ނުވަތަ އުއްމަތެއް، ދުނިޔެ ދެކެފައި ނުވާކަމުގެ ޙަޤީޤަތެވެ.

މި ބަހުގެ ތެދުކަން ބަޔާން ކޮށް ވަރަށް ގިނަ ވާހަކަ ދެއްކިދާނެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު، އެންމެ ރިވެތި، އެންމެ މަތިވެރި ވާހަކަ އަކީ އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާ ފަތަޙަ ކުރެއްވި ގޮތުގެ ވާހަކައެވެ. ދެވަނައީ، މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫ ބަކުރު ރަޟިޔަﷲ ޢަންހާއި ދެވަނަ ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު، ފާރިސީ އަންބަރާޠޫރިއްޔާ އާއި ރޫމީ އަންބަރާޠޫރިއްޔާގެ ސަރަޙައްދުތައް ފަތަޙަ ކުރެއްވި ގޮތުގެ ވާހަކައެވެ. ތިންވަނަ ވާހަކައެއްގެ ގޮތުގައި މުސްލިމުންގެ ބަޠަލް ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީ ޞަލީބީންގެ އަތުން ޤުދުސް ފަތަޙަ ކުރެއްވި ހާދިސާގެ ވާހަކަ ފުދެއެވެ. މި ވާހަކަތަކުގެ ތަފްޞީލުތަކަށް ނުދަމާ ހިންގަވާށެވެ. އެއީ މިފަދަ ކޮލަމެއްގައި ލިޔެވޭ ވަރަށް ވުރެ މާ ދިގު ވާހަކަތަކެކެވެ. ނަމަވެސް، ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީގެ ޙަޔާތްޕުޅުން ވާހަކަ އަކާއި، މި ޒަމާނުގެ ޔޫރަޕިއަން އިސްތިޢުމާރުގެ ކުރިމަތީގައި އިސްލާމީ ޖިހާދުގެ ނަން ރޯޝަން ކުރެއްވި މަތިވެރި ބަޠަލުން ކުރެ ދެ ބެއިފުޅެއްގެ ޙަޔާތްޕުޅާ ބެހޭ ބައެއް ވާހަކަތައް ދަންނަވައިލާނަމެވެ. ބޭނުމަކީ، މުސްލިމުން ޙަޤީޤަތުގައި ޖިހާދޭ ކިޔަނީ ކޯއްޗަކަށް ކަމާއި، ޙަޤީޤީ މުޖާހިދުންނަކީ ކޮން ބައެއް ކަމާ މެދު އެއްޗެއް ދެންނެވުމެވެ. ޙަޤީޤީ ޓެރަރިސްޓުންނަކީ ކޮން ބައެއްހޭ މި ސުވާލުގެ ޖަވާބަށް ކުޑަ ނަމަވެސް އައްޔެއް އަޅުވައިލުމެވެ. އަޅުގަނޑުމެން ބަލައި، ކިޔައި، ދިރާސާ ކޮށް، ދަސް ކުރާން ވީ ތާރީޚަކީ ކޮބައިކަން ބަޔާން ކުރުމެވެ.

ޞަލީބީ ވަޙުޝިއްޔަތާއި ޞަލާޙުއްދީން އައްޔޫބީ

މީލާދީން 1097 ވަނަ އަހަރުގެ ތެރޭގައި، ރޯމުގެ ނަޞާރާ ކެތަލިކް ފައްޅީގެ އަމުރަށް ޔޫރަޕުގެ ބޮޑު އަދި ބިޔަ ލަޝްކަރެއް މުސްލިމުންނާ ހަނގުރާމައަށް ނުކުތެވެ. މަޤްޞަދަކީ ޖެރޫސަލަމް ނުވަތަ އަލްޤުދުސާއި އެ ޝަހަރުގެ ވަށަވަށައިގެން އޮތް އިސްލާމީ ބިންތައް ފޭރިގަތުމެވެ. އެ ލަޝްކަރު އޭޝިޔާ މައިނާރގެ ތެރެއިން އިސްލާމީ ދުނިޔޭގެ ސަރަޙައްދަށް ވަދެގެން ދަތުރު ކޮށްފައި އައީ މުސްލިމުންގެ ޝަހަރުތަކާއި އަވަށްތަކާ ދިމާ ކުރަމުން، އެ ތަންތަން ހިފަމުން، އެތައް ތަނެއް ސުންނާފަތި ކޮށް ހަލާކު ކުރަމުންނެވެ. އެމީހުން ހިންގި ޖަރީމާތަކަކީ، އެ ޖަރީމާތަކުގެ ވާހަކަ ކިޔާ ބަޔެއްގެ ބުއްދިތައް އުދުއްސައިލާ ފަދަ ޖަރީމާތަކެކެވެ. ޝަހަރުޝަހަރާއި އަވަށްއަވަށުގެ މުޅި އާބާދީ، އަންހެނުންނާއި ޅަކުދީންނަށް ދާންދެން، ކަތިލައި ފަނާ ކުރުމާއި، އަންހެނުން ރޭޕް ކުރުމުން ފެށިގެން ގޮސް، ޝަހީދު ވެފައި ތިބޭ މުސްލިމުންގެ މަސް ކައްކައިގެން ކެއުން ފަދަ ޢަމަލުތަކާ ހަމަޔަށް އެމީހުންގެ ވަޙުޝިއްޔަތާއި ބަރުބަރިއްޔަތު ދިޔައެވެ.

މި ދެންނެވި ނަޞާރާ ނުވަތަ ކްރިސްޓިއަން ލަޝްކަރު އިސްލާމީ ތާރީޚުގައި މަޝްހޫރު ވެފައި ވަނީ "ޞަލީބީން" މި ނަމުންނެވެ. އެއުރެން ކުރި ހަނގުރާމަޔަށް ދެވިފައި ވާ ނަމަކީ "ޞަލީބީ ހަނގުރާމަ" އެވެ. 1097 ވަނަ އަހަރު ނުކުތް ލަޝްކަރަކީ ޞަލީބީ ހަނގުރާމައިގެ ފެށުމެވެ. އެއިގެ ފަހުން އެތައް ޒަމާނެއް ވާންދެން ޔޫރަޕުގެ ޞަލީބީ ލަޝްކަރުތައް ދޭތެރެދޭތެރެއިން އިސްލާމީ ބިންތަކަށް އަރައި ޙަމަލާތައް ދެމުން ގެންދިޔައެވެ. އެމީހުންގެ "ޞަލީބީ ހަނގުރާމަ" އަށް އިނގިރޭސި ބަހުން ކިޔާ ނަމަކީ "ކްރުސޭޑްސް" އެވެ. ޞަލީބީ ހަނގުރާމަ ނުވަތަ "ކްރުސޭޑްސް" ހުއްޓުނީ ކޮން އިރަކުހެއްޔޭ، މިއީ ޖަވާބު ދޭން ފަސޭހަ ސުވާލެއް ނޫނެވެ. 2003 ވަނަ އަހަރު، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ޔޫރަޕު ގުޅިގެން މުސްލިމް ޤައުމެއް ކަމަށް ވާ ޢިރާޤު ސުންނާފަތި ކޮށް، އެ ޤައުމު ފުނޑުފުނޑު ކޮށް، އެ ޤައުމުން އެތައް މިލިއަން މުސްލިމުންނެއް މަރައި، އެތައް ޓްރިލިއަން ޑޮލަރެއްގެ އަގު ހުރި ތެލާއި ވަސީލަތްތަކާއި ރަންރިހި ފަދަ އެއްޗެތި ފޭރި، ވަގަށް ނަގައި، ޢިރާޤު ލޫޓުވައި ބަރުބާދު ކޮށްލި ހަނގުރާމައަކީ ވެސް "ޞަލީބީ ހަނގުރާމައެއް" ކަމަށް ބުނާން ޖެހެއެވެ. ކީއްވެގެންތޯއެވެ؟ އާދެ، ޚުދު އެމެރިކާގެ ރައީސް ޖޯރޖް ޑަބްލިޔު. ބުޝް އެއީ "ޞަލީބީ ހަނގުރާމައެއް" ކަމަށް ބުނެފައި ވާތީއެވެ.

ކްރިސްޓިއަން ޞަލީބީ ޔޫރަޕިއަނުންގެ ފުރަތަމަ ލަޝްކަރު، އިންތިހާ ދަރަޖައިގެ އަނިޔާވެރި އަދި ބިރުވެރި ޖަރީމާތަކާއި ޤަތުލުޢާއްމުތައް ހިންގަމުން އައިސް، މީލާދީން 1099 ވަނަ އަހަރު އަލްޤުދުސަށް ޙަމަލަ ދީ އެ ޝަހަރު ހިފިއެވެ. އެއަށްފަހު އެ ޝަހަރުގައި އެމީހުން ހިންގި ލެއި އޮހޮރުވުމާއި އަނިޔާގެ ބާބަކީ އިންސާނީ ތާރީޚުގެ އެންމެ އަނދިރި އެއް ބާބެވެ. ޞައްޙަ ތާރީޚުތަކުގައި އޮންނަނީ، މަސްޖިދުލް އަޤްޞާ އާއި މަސްޖިދު ޤުއްބަތުއް ޞަޚްރާ ހުންނަ ޙަރަމްފުޅުގެ ސަރަޙައްދު ފަދަ ސަރަޙައްދުތަކުގައި މުސްލިމުންގެ ލެއިން ފެން ބޮޑު ވެ، އަސްތަކުގެ ކަކުލާ ހަމަޔަށް ލޭގެ ފެންގަނޑު އޮތް ކަމަށެވެ. މި ދެންނެވި ޙަރަމްފުޅުގެ ތެރޭގައި ޝަހީދު ކުރެވުނު މުސްލިމުންގެ ޢަދަދު އެކަނި ވެސް 10،000 އަށް އަރައެވެ. މުޅި ޝަހަރުން ކަތިލެވުނު މުސްލިމުންގެ ޢަދަދު 70،000 އަށް ވުރެ ގިނައެވެ. އެތައް ހާސް އަންހެން ކުދީން އަނިޔާވެރި ގޮތްގޮތަށް ރޭޕް ކުރެވި ޝަހީދު ކުރެވުނެވެ. ކިރު ބޯ ޅަކުދީން މަރަމުން ގެންދިޔައީ ފައިގައި ހިފައި ހިލައިގެ ފާރުތަކުގައި ތަޅައި ޗިސްޗިސް ކޮށްގެންނެވެ. ޝަހަރުގެ ޔަހޫދީންގެ އާބާދީ، ޝަހަރުގައި ހުންނަ އެމީހުންގެ ފައްޅީގެ ތެރެޔަށް ވަނުމުން، އެ ފައްޅީގެ ވަށައިގެން ދަރު ޖަހައިފައި ރޯ ކޮށްލައިގެން އަންދައިލީއެވެ.

މި ދެންނެވި އަނިޔާވެރި އަދި ބިރުވެރި ޖަރީމާތަކަށް ޤަރުނެއް ފުރޭން ކައިރި ވެފައި ވަނިކޮށް، މުސްލިމުންގެ ބަޠަލް ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީ ޞަލީބީން ބަލި ކުރައްވައި ޤުދުސް މިނިވަން ކުރެއްވިއެވެ. އެ ދުވަހު އެމަނިކުފާނު ކަންތައް ކުރެއްވީ ކިހިނެއްތޯއެވެ؟

ސުލްޠާން ޞަލާޙުއްދީން ޤުދުސް ފަތަޙަ ކުރެއްވުމަށް ފަހު، ޝަހަރަށް ވަދެވަޑައިގަތީ ރަޖަބު މަހުން 27 ވީ ހުކުރު ދުވަހެއްގައެވެ. އެ ތާރީޚަކީ ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅުގެ ވެސް ތާރީޚެވެ. މީލާދީ ތާރީޚުން، އެއީ 1187 ވަނަ އަހަރެވެ. މުސްލިމުންގެ ލަޝްކަރު ޤުދުސަށް އެރި އިރު ޝަހަރުގައި ތިބި ޞަލީބީ ނަޞާރާއިންނަކީ ޝަހަރުގައި އޭގެ ނުވަދިހަ އަހަރު ކުރީން ޝަހަރުގައި މުސްލިމުންގެ ލެއިން ފެންކުޅި ކުޅުނު މީހުންގެ ދަރީންނެވެ. އެމީހުން ހީ ކޮށްގެން ތިބީ، މުސްލިމުން ބަދަލު ހިފާނޭ ކަމުގައެވެ. ޞަލީބީން ހެދި ކޮންމެ ގޮތަކަށް ގޮތެއް ހަދާނޭ ކަމުގައެވެ. ޝަހަރުގެ މަގުތަކާއި ގޯޅިތަކުގައި ނަޞާރާ ޔޫރަޕިއަން ލޭގެ ކޯރުތައް ދަމައިލާނޭ ކަމުގައެވެ.

ނަމަވެސް ސުލްޠާން ޞަލާޙުއްދީން ތަބަޢަ ވެވަޑައިގަތީ ކީރިތި ޤުރްއާނަށެވެ. އިތުރު މާތް ނަބިއްޔާގެ ސުންނަތަށެވެ. އިސްލާމް ދީނުގެ މަތިވެރި އަޚްލާޤަށެވެ. މައްކާ ފަތަޙައިގެ ނަމޫނާއަށެވެ. ސުލްޠާންގެ އަމުރުފުޅަށް ޝަހަރުގެ ނަޞާރާއިންގެ ފައްޅިތަކާއި ގެދޮރަށް ޙުރުމަތްތެރިކަން ކަށަވަރު ކޮށްދެވި، އެއިން ތަނަކަށް ނަޞާރާއިންގެ އެދުމާ އެކު އެހީތެރިކަމެއް ފޯރު ކޮށްދިނުމުގެ ގޮތުން މެނުވީ މުސްލިމް ސިފައިންގެ މީހަކު ވަނުން ވެސް މަނާ ކުރެވުނެވެ. ނަޞާރާއިންގެ މުދަލުގެ ތެރެއިން ރެވިއޮށްޓަރެއް ވެސް ފޭރި އަތުލައިހެދުން މަނާ ކުރެވުނެވެ. ހަނގުރާމައިގެ ޤަވާޢިދުތަކުގެ ދަށުން އަސީރުންގެ ގޮތުގައި މުސްލިމުންގެ ބާރުގެ ދަށަށް ގެނެވުނު ނަޞާރާއިންނަށް، ރަމްޒީ އެއްޗެއް ކަހަލަ ކުޑަކުޑަ ފިދުޔައެއް ދައްކައިފައި އަމާންކަމާ އެކު އެމީހެއްގެ ޢާއިލާ އާއި ގެންދާން ބޭނުން ހުރިހައި މުދަލެއް ހިފައިގެން ޝަހަރުން ނުކުތުމުގެ އިޒުނަ ދެއްވިއެވެ. ކުޑަކުދީން ފިދުޔައަކާ ނުލައި ދޫ ކުރެއްވިއެވެ. ފިދުޔަ ދިނުމުގެ މާލީ ކުޅަދާނަކަން ނެތް މީހުންނަށް، ހަނގުރާމައިގެ ޣަނީމާގެ ގޮތުގައި ސުލްޠާން ޞަލާޙުއްދީނަށް ލިބިވަޑައިގަތް މުދާ އެކީ ހޭދަ ކުރައްވައިގެން ފިދުޔަ ދައްކަވައިދެއްވިއެވެ. އެމަނިކުފާނުގެ ކޮއްކޯފުޅު ވެސް އެގޮތުން ލިބިވަޑައިގަތް ހުރިހައި އެއްޗެއް ނަޞާރާއިންގެ ފިދުޔައަށް ހޭދަ ކުރެއްވިއެވެ. ޒުވާން ނަޞާރާ އަންހެނުން އައިސް، އެއުރެންގެ ފިރީން ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ހައްޔަރު ވެފައި ތިބުމުގެ ސަބަބުން އެއުރެން މުޅީން ނިކަމެތި ވެ ދުނިޔެއަށް ގިނަ ވެފައި ވާ ކަމަށް ދަންނަވައި އެއުރެންގެ ޙައްޤުގައި އަސީރުން ދޫ ކޮށްދެއްވުން އެދި ދެންނެވުމުން، އެމީހުންގެ ޙާލަތާ މެދު ރަޙުމުގެ ސަބަބުން އެމަނިކުފާނުގެ ލޯފުޅުން ކަރުނަފޮދު އައެވެ. އަދި އެމީހުން އެދުނު ފަދައިން، ފިރީންނާއި ދަރީންނާއި އެއްބަނޑުއެއްބަފާ މީހުންނާއި ބަފައިން ކަމަށް ބުނެ އެއުރެން ދެއްކި ކޮންމެ މީހަކު މިނިވަން ކޮށްދެއްވިއެވެ. ސުލްޠާން ޞަލާޙުއްދީން ތަރުބިއްޔަތު ކުރައްވައިފައި އޮތް އިސްލާމީ ލަޝްކަރު ގެންދިޔައީ، ނަޞާރާއިންނަށް އޯގާތެރި ވެ އެއުރެންނަށް އެހީތެރި ވުމުގައި އެއް ބަޔަކު އަނެއް ބަޔަކާ ވާދަ ކުރަމުންނޭ ބުނެވިދާނޭ ކަމަށް ތާރީޚު ޢިލްމުވެރީން ލިޔުއްވައިފައި ވެއެވެ. މި ވާހަކަތައް ތަފްޞީލާ އެކު ބަޔާން ކުރެއްވުމަށް ފަހު، ޚުދު ޔޫރަޕުގެ އިންޞާފުވެރި އަދި ތެދުވެރި މުއައްރިޚެއް ކަމަށް ވާ ސްޓެންލީ ލޭން-ޕޫލް އޭނާގެ ބަޔާން ނިންމަވައިލައްވައިފައި ވަނީ "ޤުދުސް ފަތަޙަ ކުރެއްވި އިރު ޞަލާޙުއްދީން ކަން ކުރެއްވި ގޮތުގެ މަޢުލޫމާތަކީ އަޅުގަނޑުމެންނަށް އެމަނިކުފާނާ ބެހޭގޮތުން ލިބިފައި ވާ ހަމައެކަނި މަޢުލޫމާތު ކަމަށް ވީ ނަމަހީވެސް، އެ މަޢުލޫމާތުގެ އަލީގައި އެކަނި ވެސް އަޅުގަނޑުމެންނަށް އެމަނިކުފާނަކީ އެމަނިކުފާނުގެ ޒަމާނުގެ އެންމެ މުރުއްވަތްތެރި، އެންމެ އިންސާނީވަންތަ، އަދި އެންމެ އޯގާތެރި ފާތިޙް ކަމަށް ކަށަވަރުކަމާ އެކު ނިންމިދާނެއެވެ. އަދި ކިޔެއްތަ، މުޅި ދުނިޔޭގެ ތާރީޚު ވެސް ދެކެފައި ވާ އެންމެ މުރުއްވަތްތެރި، އެންމެ އިންސާނީވަންތަ، އެންމެ އޯގާވެރި އެއް ފާތިޙް ކަމަށް ކަނޑައެޅިދާނެއެވެ."

ޝަހީދު ޢުމަރުލް މުޚްތާރުގެ ބަސްފުޅު

ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީ އަކީ އިސްލާމީ ތާރީޚުގައި އިސްތިސްނާއެއް ނޫނެވެ. ޚުލަފާއުއްރާޝިދޫންގެ ދައުރުން ފެށިގެން މި ޒަމާނާ ހަމަޔަށް، މުސްލިމުންގެ ތެރެއިން އެމަނިކުފާނު ފަދަ އެތައް މިސާލެއް ފެނެއެވެ.

މި ޒަމާނުގެ އިސްލާމީ ތާރީޚުގެ އެންމެ މުހިއްމު އެއް ބާބަކީ އިޓަލީ ވިލާތުގެ އަނިޔާވެރި، ރަޙުމު ކުޑަ، އަދި ޖައްބާރު އިސްތިޢުމާރާ ދެކޮޅަށް ލީބިޔާގެ މުސްލިމުން ކުރި ޖިހާދެވެ. އެ ޖިހާދުގެ މަތިވެރި ބަޠަލް ޢުމަރު މުޚްތާރުގެ ޙަޔާތްޕުޅެވެ. މިއީ ވެސް އަޅުގަނޑުމެންގެ ދަރީންނަށް "ތަޢުލީމު" ދޭށޭ ކިޔައިގެން އަޅުގަނޑުމެންގެ ތެރޭގައި ބާރުވެރިކަމުގައި ތިބި މީހުން "ސްކޫލޭ" ކިޔައިގެން ހަދައިފައި ހުރި ތަންތަނުގައި، އެ ކުދީންނަށް ކިޔައިނުދެވޭ ތާރީޚުގެ ބައެކެވެ. އެ ތާރީޚު ކިޔައިފައި ހުރި ކޮންމެ މީހަކު ވެސް ނިކަން ރަނގަޅަށް ދަންނާނޭ ފަދައިން، އިޓަލީން ލީބިޔާގައި 1911 އިން 1943 އާ ހަމަޔަށް ކުރި އަނިޔާވެރި އިސްތިއުމާރީ ވެރިކަމުގައި، ލީބިޔާގައި މުސްލިމުންނާ ދެކޮޅަށް ހިންގީ އޭގެ 800 ވަރަކަށް އަހަރު ކުރީން ޤުދުސްގައި މުސްލިމުންގެ ލެއިން ފެންކުޅި ކުޅުނު އެމީހުންގެ ކާބަފައިން ފަޚުރުވެރި ވާ ފަދަ އަނިޔާތަކެކެވެ. އެ އަނިޔާތަކާ ދެކޮޅަށް ސަނޫސީ މުސްލިމުން ކުރި މަތިވެރި ޖިހާދުގެ އެންމެ މުހިއްމު ލީޑަރަކީ ޝަހީދު ޢުމަރު މުޚްތާރެވެ.

ޢުމަރު މުޚްތާރު އިޓަލީގެ އިސްތިޢުމާރާ ދެކޮޅަށް ކުރެއްވި ހަނގުރާމައިގެ ތެރޭގައި، އެއް ފަހަރަކު އިޓަލީ ސިފައިންގެ ބަޔަކު މުސްލިމުންގެ އަތްދަށުގައި ޤައިދީންގެ ގޮތުގައި ހައްޔަރު ވުމުން، އެމީހުންނަށް ހެޔޮކޮށް ހިއްތަވައި އެމީހުންނަށް ކާންބޯން ދެއްވައި ހެއްދެވިއެވެ. އެމީހުންގެ ޒަޚަމުތަކުގައި ބޭސް އަޅުއްވައިދެއްވައި، ނުހަނު އޯގާވެރިކަމާ އެކު އެމީހުންނާ މުޢާމަލާތު ކުރެއްވިއެވެ. ޢުމަރު މުޚްތާރުގެ އަރިޔަހުގައި ތިބި މުސްލިމު މުޖާހިދުންގެ ތެރެއިން މީހަކު، ޤައިދީން ޤަތުލު ނުކުރައްވަނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ޢުމަރު ވިދާޅުވިއެވެ. "އަހަރެމެން ޤައިދީން ޤަތުލެއް ނުކުރަމެވެ." ސުވާލު ކުރި މީހާ ދެންނެވިއެވެ. "އެކަމަކު އެމީހުން އަޅުގަނޑުމެންގެ ތެރެއިން ހައްޔަރު ވާ މީހުން ޤަތުލު ކުރޭ ނޫންތޯއެވެ؟" ޢުމަރު ވިދާޅުވިއެވެ. "އަހަރެމެންގެ އެދުރުންނަކީ އެމީހުންނެއް ނޫނެވެ."

ޝަހީދު ޢުމަރު މުޚްތާރުގެ މި ބަސްފުޅުގެ މުރާދަކީ، މުސްލިމުން ކަންތައް ކުރާން ޖެހޭނީ ކީރިތި މާތް ނަބިއްޔާ އާއި އެކަލޭގެފާނުގެ ޞަޙާބީން ދެއްކެވި ރިވެތި ނަމޫނާއާ އެއްގޮތަށް، ހެޔޮ ޚުލްޤާއި އިންސާނިއްޔަތުކަމާ އެކުގައި ވާހަކައެވެ. ޤައިދީންނަށް އަނިޔާ ކޮށް އެމީހުން މަރައި ހެދުމަކީ އިސްލާމް ދީން ހުއްދަ ނުކުރާ، ނަބަވީ ސުންނަތާ ޚިލާފު، އަދި މުސްލިމުން އެއްގޮތަކަށް ވެސް ކޮށްގެން ނުވާނޭ ކަމެއް ވާހަކައެވެ. މި ބަސްފުޅަކީ އިންސާނީ ތާރީޚުގެ ޞަފުޙާތަކުގައި ރަން އަކުރުން ލިޔާން ޖެހޭ ބަސްފުޅެއް ކަމަށް ނުވޭތޯއެވެ؟ މި ދެންނެވި ހާދިސާ އަކީ އިސްތިސްނާއެއް ނޫންކަން ވެސް މި ފުރުޞަތުގައި ފާހަގަ ކުރަމެވެ. ޝަހީދު ޢުމަރު މުޚްތާރު އިސްތިޢުމާރާ ދެކޮޅަށް ހަނގުރާމަ ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، މުޅީން ވެސް ޢަމަލުތައް ބެހެއްޓެވީ މި ގޮތަށެވެ. ހަނގުރާމަ ކުރެއްވީ އިންސާނިއްޔަތުގެ މަގުންނެވެ. ﷲ ގެ ނިޔާފުޅު އޮތް ގޮތުގެ މަތީން، އިޓަލީގެ އަނިޔާވެރި ސިފައިން ޢުމަރު މުޚްތާރު އަތުލައިގަނެ، ދަން ޖައްސައި ޝަހީދު ކޮށްލީއެވެ.

އަމީރު ޢަބްދުލްޤާދިރުގެ ޖިހާދު

ޢުމަރު މުޚްތާރު ފަދައިން އިސްލާމް ދީނުގެ މަތިވެރި ތަޢުލީމާތުގެ ފުރިހަމަކަން ޢަމަލީ ގޮތުން މި ޒަމާނުގެ ދުނިޔެއަށް ދެއްކެވި އަނެއް ބަޠަލަކީ އަމީރު ޢަބްދުލްޤާދިރުލް ޖަޒާއިރީއެވެ. އޭނާއަކީ އިސްލާމް ދީނުގެ ބޮޑު ޢިލްމުވެރިއެކެވެ. ޞޫފީ ޝައިޚެކެވެ. އޭނާ ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގަތީ ފަރަންސޭސީން އަލްޖީރިޔާއަށް އަރައި އެ ތަނުގައި ހިންގި ބިރުވެރި، ނުބައި، އަދި އަނިޔާވެރި އިސްތިޢުމާރީ ޖަރީމާތަކާ ދެކޮޅަށް ޖިހާދު ކުރި މުސްލިމުންގެ ލީޑަރެއްގެ ގޮތުގައެވެ. މީލާދީން 1830 އިން ފެށިގެން 1962 ވަނަ އަހަރާ ހަމަޔަށް، 132 އަހަރު ވާންދެން ފަރަންސޭސީން އުތުރު އެފްރިކާގެ މި އިސްލާމީ ޤައުމު އަޅުވެތި ކޮށްގެން އުޅުނެވެ. އެބައިމީހުން އަލްޖީރިޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކަކީ، އަޅުގަނޑުމެންގެ ދަރީންނަށް ކިޔަވައިނުދީ ފޮރުވޭ ތާރީޚުގެ މުހިއްމު އަނެއް ބާބެވެ.

132 އަހަރުގެ އިސްތިޢުމާރީ ވެރިކަމުގެ ތެރޭގައި، ފަރަންސޭސީން ވަނީ އަލްޖީރިޔާގެ މުސްލިމް މުޖާހިދުންނާއި ރައްޔިތުންގެ 1.5 މިލިއަން މީހުން އަނިޔާވެރިކަމާ އެކު ކަތިލައިފައެވެ. ގެއްލުވައިލި މީހުންނާއި، ނުކުޅެދުންތެރި ވި މީހުންނާއި، ގެދޮރު ފަނާ ވެ ޢާއިލާ ގެއްލި ބިކަ ވެގެން ދިޔަ މީހުންގެ ޢަދަދު އެއަށްވުރެ އިތުރެވެ. ފަރަންސޭސީން އަލްޖީރިޔާގައި އެތައް ޤަތުލުޢާއްމެއް ހިންގިއެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެއް ޤަތުލުޢާއްމަކީ 1945 ވަނަ އަހަރުގެ މެއި މަހުގެ 8 ވަނަ ދުވަހުގެ ޤަތުލުޢާއްމެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުމުގެ އުފާ ފައުޅު ކުރުމުގެ ގޮތުން މަގުމައްޗަށް ނުކުތުމަށް ފަހު، ފަރަންސޭސި އިސްތިޢުމާރާ ދެކޮޅަށް ޝުޢޫރު ފައުޅު ކޮށް މުޒާހަރާ ކުރާން ފެށި ރައްޔިތުންނާ ދިމާޔަށް ފަރަންސޭސި ސިފައިން ބަޑި ޖަހައި ހަތިޔާރުގެ ބޭނުން ކުރުމުގެ ސަބަބުން އެއް ދުވަހުން 45000 މީހުން ޝަހީދު ވިއެވެ. ފަރަންސޭސީންގެ ޖަލުތަކުގައި މުސްލިމުން ހައްޔަރު ކޮށްގެން، ތަޅައި ހާނީއްކަ ކުރުމާއި، ކަރަންޓު ޖެއްސުމާއި، ރޭޕް ކުރުމާއި، ފެނަށް ލައި ހާސް ކުރުން ފަދަ، ވޭންދެނިވި އަނިޔާ ނުވަތަ "ޓޯޗަރ" ކަމަށް ހިމެނޭ އެތައް އަނިޔާތަކެއް އެއިރު އޮތީ ޢާއްމު ކޮށްފައެވެ. މީގެ އިތުރުން، އަލްޖީރިއާގެ ސަހަރާ ސަރަޙައްދުތަކުގައި ފަރަންސޭސީން ކުރި ނިޔުކުލިޔަރު ހަތިޔާރުގެ 17 ތަޖުރިބާގެ ރޭޑިއޯއެކްޓިވިޓީގެ ސަބަބުން 42000 މީހުން މަރު ވެ، އިތުރު އެތައް ބަޔަކަށް ޞިއްޙީ ގޮތުން ބޮޑެތި ނޭދެވޭ އަސަރުތައް ކޮށް، ޤައުމުގެ ތިމާވެށްޓަށް ލިބުނު އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުމަކީ ވެސް ހަނދާން ނައްތައިލައިގެން ނުވާނޭ ޙަޤީޤަތްތަކެވެ.

ފަރަންސޭސި އިސްތިޢުމާރުގެ މި ނުބައި ޖަރީމާތަކާ ދެކޮޅަށް އަމީރު ޢަބްދުލްޤާދިރު އިސް ވެ ހުންނަވައިގެން ހަނގުރާމަ ކުރެއްވީ މީލާދީން 1830 ގެ އަހަރުތަކުން ފެށިގެން 1840 ގެ އަހަރުތަކާ ހަމަޔަށެވެ. އޭނާގެ ޙަޔާތްޕުޅަކީ އިސްލާމީ ޢަސްކަރީ އަޚްލާޤާއި، އިންސާނީވަންތަކަމާއި، މުސްލިމުންގެ މުރުއްވަތްތެރިކަމުގެ ފުރިހަމަ މިސާލެކެވެ. ހަނގުރާމައިގެ ތެރޭގައި، އިންސާނީ ޙައްޤުތަކޭ މިހާރު މި ކިޔާ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި އޭނާ ރައްކައުތެރި ކުރެއްވިއެވެ. އިތުރު މާތް ނަބިއްޔާ އާއި އެކަލޭގެފާނުގެ ޚަލީފާވެރި ބެއިކަލުން، ޢަސްކަރީ ޙަރަކާތްތަކުގެ ތެރޭގައި ގެންގުޅުއްވި ހަރުދަނާ އަދި އޯގާވެރި ސުލޫކު ފުރިހަމަ ގޮތުގައި ދެއްކެވިއެވެ. އެންމެ ފަހުން ފަރަންސޭސީން އޭނާ ހައްޔަރު ކޮށްގެން ގެންގޮސް ބެހެއްޓީ ސީރިޔާގެ ދިމިޝްޤުގައެވެ. އަމީރު ޢަބްދުލްޤާދިރުގެ އޯގާވެރިކަމާއި އިންސާނީވަންތަކަމުގެ އެންމެ މަޝްހޫރު އެއް ހާދިސާ ހިނގީ އޭނާ ދިމިޝްޤުގައި ހުންނެވި ދުވަސްވަރުއެވެ. ދުރޫޒީންނާއި ދިމިޝްޤުގެ ނަޞާރާއިންނާ ދެމެދު އުފެދުނު ހަމަނުޖެހުންތަކުގައި ދުރޫޒީން ނަޞާރާއިންގެ ޤަތުލުޢާއްމެއް ހިންގާން ފެށުމުން، އެމީހުންގެ ޙިމާޔަތުގައި އޭނާ ނުކުމެވަޑައިގަތެވެ. ކްރިސްޓިއަނުންގެ އެތައް ބަޔަކު އޭނާގެ އަމިއްލަފުޅު ގެކޮޅުގެ ޙިމާޔަތަށް ގެންނެވިއެވެ. އޭނާގެ ބެއިބެއިފުޅުން ދިމިޝްޤުގެ މަގުތަކަށް ނެރުއްވައިގެން، އެހީތެރިކަމަށް ބޭނުން ވާ ނަޞާރާއިން ހޯއްދަވައިގެން ގެންނަވައި އެމީހުންނަށް ސަލާމަތާއި ރައްކައުތެރިކަން ދެއްވިއެވެ. ގެކޮޅުގައި ހުރި ކާއެއްޗެހި އެމީހުންނަށް ކާން ދެއްވައި، އަމީރާއި އަމީރުގެ ޢާއިލާގެ ބެއިފުޅުން ބަނޑުހައިކަންމަތީގައި ތިއްބެވިއެވެ. އެކަމާ މެދު ބައެއް މީހުން އޭނާއާ ދެކޮޅަށް ބަސް ބުނުމުން، ދެއްވީ "މި ނަޞާރާއިން ޙިމާޔަތް ކުރުމަކީ، އަލްޖީރިޔާގައި މުސްލިމުންގެ ޙައްޤުގައި އަހުރެން ފަރަންސޭސި ނަޞާރާއިންނާ ކުރި ހަނގުރާމައެކޭ އެއްފަދަ ހެޔޮކަމެކޭ" މި ޖަވާބެވެ.

މި ހާދިސާއާ ގުޅިގެން ހުޅަނގުގެ ނަޞާރާ ލީޑަރުންނާއި ޤައުމުތަކަށް ވެސް އަމީރު ޢަބްދުލްޤާދިރުގެ މަތިވެރި ޝަޚްޞިއްޔަތު ޤަބޫލު ކޮށް، އޭނާއަށް ޝުކުރުގެ ޖިޒީތައް އަރުވާން މަޖުބޫރު ވިއެވެ. ނަޞާރާއިންގެ ޙިމާޔަތުގައި އަމީރު ޢަބްދުލްޤާދިރު އަމިއްލަފުޅު ފުރާނަފުޅާއި މުދަލުގެ ސަލާމަތަށް ބެއްލެވުމެއް ނެތި ކުރެއްވި މަސައްކަތްޕުޅުގެ ޚަބަރު، އެ ދުވަސްވަރުގެ މުހިއްމު އިސްލާމީ ލީޑަރެއް ކަމަށް ވާ އިމާމް ޝާމިލުއް ދާޣިސްތާނީއަށް ލިބިވަޑައިގަތުމުން، ކަރުނަ އަޅުއްވައި ކީރިތި ކުރެއްވިއެވެ. އަދި އަމީރު ޢަބްދުލްޤާދިރަށް ސިޓީފުޅެއް ލިޔުއްވިއެވެ. އެ ސިޓީފުޅުގެ ޢިބާރާތެއްގައި އޮތެވެ. "ޙަޤީޤަތުގައި މިއަދު ތިޔަ ޢަމަލީ ސިފަ ގެނެސްދެއްވެވީ މަތިވެރިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މާތް ރަސޫލާގެ ބަސްފުޅުތަކަށެވެ. އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާވެރިކަމާއި ރަޙްމު ދެއްކުމަށް އަމުރު ކުރެއްވެވި ބަސްފުޅުތަކަށެވެ."

މި ދެންނެވި މުޖާހިދުންނާއި، އެ ބެއިފުޅުންގެ ޙަޔާތްޕުޅުގެ ޢިބުރަތްތެރި ވާހަކަތަކާއި، އެ ބެއިފުޅުންގެ މަތިވެރި ޖިހާދުގެ ވާހަކަތައް އަޅުގަނޑުމެންގެ ދަރީންނަށް ކިޔަވައިނުދެވެނީ ކީއްވެގެންތޯއެވެ؟

ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީ އާއި، ޝަހީދު ޢުމަރު މުޚްތާރާއި، އަމީރު ޢަބްދުލްޤާދިރުލް ޖަޒާއިރީ ފަދަ މުސްލިމް މުޖާހިދުންނަކީ، އިތުރު މާތް ނަބިއްޔާގެ ސުންނަތަށް ފުރިހަމަޔަށް ތަބަޢަ ވެވަޑައިގެން، ހަނގުރާމައިގެ ތެރޭގައި ވެސް އިންސާނީވަންތަކަމާއި އަޚްލާޤާއި އޯގާވެރިކަމާއި ޢަދުލުވެރިކަން ކުރިޔަށް ނެރެވޭނޭކަން ދުނިޔެއަށް ސާބިތު ކޮށްދެއްވި މަތިވެރި ބަޠަލުންނެވެ. އިންސާނިއްޔަތުގެ ދިގު ދަތުރުގައި، އިންސާނިއްޔަތަށް އަލިކަން ފޯރު ކޮށްދިން އެންމެ އަލިގަދަ ދަންމަރުތަކުގެ ތެރެއިން ދަންމަރުތަކެކެވެ. ހުޅަނގުގެ އިސްލާމޮފޯބުންނާއި، އުތެމަ އާއި އެމްޑީއެންގެ "ދިރާސާ އެކްސްޕާރޓުން" ނާއި، "ޙަސަން ކުރުސީ" މެންގެ ފޮތުގައި މި ބެއިބެއިފުޅުން ވެސް ވާނީ "ޓެރަރިސްޓުން" ނަށެވެ. އެ ބެއިފުޅުންގެ ޖިހާދު ވާނީ "ޓެރަރިޒަމް" ކަމަށެވެ. އެމީހުންގެ ގާތުގައި ތަހުޒީބާއި ޙަޟާރަތާއި އިންސާނީ ޙައްޤުތަކުގެ އަހުލުވެރީންނަކީ ލީބިޔާ ރޭޕް ކުރި އިޓަލީންނާއި، އަލްޖަޒާއިރުގެ ލޭ ބުއި ފަރަންސޭސީންނެވެ. ޢިރާޤާއި އަފްޣާނިސްތާނުން އެތައް މިލިއަން ފުރާނައެއް ކަތިލައި، އެތައް ސަތޭކަ މިލިއަން އިންސާނުންގެ ދިރިއުޅުން ފަނާ ކޮށް، އެތައް މިލިއަން ޅަދަރީންގެ އުފާވެރި އަދި މަޢުޞޫމު ދުނިޔޭގައި އަލިފާން ޖެހި އެމެރިކާނުންނާއި އިނގިރޭސީންނެވެ. އަބޫ ޣުރައިބާއި ގުއަންޓަނާމޯ ބޭގެ ސާހިބުންނެވެ. އެކަމަކު، މި ދެންނެވި ޙަޤީޤަތްތަކުގެ ވާހަކަ ކިޔައި، ދެނެގަނެ، އޭގެ މައްޗަށް ބުއްދި އާއި ފިކުރު ހިންގި ކޮންމެ މީހަކަށް، ޙަޤީޤީ ޖިހާދަކީ، ޙަޤީޤީ މުޖާހިދުންނަކީ، ޙަޤީޤީ ޓެރަރިސްޓުންނަކީ، އަދި ޙަޤީޤީ ދޮގުވެރީންނާއި ޙަޤީޤީ ފާސިޤުންނަކީ ކޮބައިކަން ސާފު ވާނެތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް