ފޯރިގަދަ ކޮމަންޑޫ ދާއިރާ ބައި އިލެކްޝަން: ކެމްޕޭނަށް ރައީސް އެ ރަށަށް

ކޮމަންޑޫ ދާއިރާ އެމްޑީޕީގެ ކެމްޕޭނަށް ވަޑައިގަތުމަށް ރައީސް އިފުރުގައި -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. ކޮމަންޑުއަށް ވަޑައިގެންފިއެވެ.

ރާޝިދުގެ ކެމްޕެއިން ފެށުމަށް ޓަކައި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ކޮމަންޑޫ އެމްޑީޕީ ހަރުގޭގައެވެ.

ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ކުރިން ރާޝިދު ހުންނެވީ ށ. ފޯކައިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ. އޭނާ އަކީ ފާއިތުވެދިޔަ ތިން ދައުރުގައި އެ ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅާއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ރާޝިދުގެ އިތުރުން ކުރިމަތިލާފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީހާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީ އާދަމެވެ.

ކޮމަންޑޫ ދާއިރާ އެމްޑީޕީގެ ކެމްޕޭނަށް ރައީސް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ޕީޕީއެމްގެ ކެނޑިޑޭޓުގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުވެސް ކޮމަންޑުއަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީނު ކޮމަންޑުއަށް ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށް ޕީޕީއެމް ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މީގެ ކުރިން "ސަން"އަށް ވިދާޅުވިއެވެ.

އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހައްނާނު އިދުރީސްގެ ކެމްޕޭނަށް ވެސް އެ ޕާޓީގެ އިސްވެރިން ދާއިރާގެ ރަށްރަށަށް ވަޑައިގެން، ކެމްޕޭން ކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެ ދާއިރާގެ ބައި އިލެކްޝަން ބާއްވާނެކަމަށް އިއުލާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރާ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

comment ކޮމެންޓް