ވީއައިއޭގެ ވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހި ނިންމުމަށްފަހު ހުޅުވައިފި

ވީއައިއޭގެ ވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވައި ނިންމުމަށްފަހު ހުޅުވުން -- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހި ނިންމައި، މިއަދު ހުޅުވައިފިއެވެ.

އާ ވީއައިޕީ ޓާމިނަލް އަޅާފައި ވަނީ މިހާރުގެ ވީއައިޕީ ޓާމިނަލާ ޖެހިގެން އޮންނަ ސަރަހައްދުގައެވެ. ދެހާސް ދުއިސައްތަ އަކަމީޓަރުގެ ސަރަހައްދެއްގައި ހަދާފައިވާ މި ޓާމިނަލްގެ ފުރަތަމަ ފިޔަވަހީގައި ހަތަރު ބުރީގެ އިމާރާތެއް ވަނީ އަޅައިފައެވެ.

ބޮޑެތި ސެލެބްރިޓީންނާއި މުއްސަނދިންނަށް ހިދުމަތްދޭ ފެންވަރަށް ހަދާފައިވާ އާ ވީއައިޕީ ޓާމިނަލް ވަނީ ފަސިންޖަރުންނަށް ޕްރައިވަސީ ލިބޭނެ ގޮތަށް ފަރުމާކޮށްފައެވެ.

އެ ކޮމްޕްލެކްސްގައި ވީއައިޕީއާއި ސީއައިޕީ ލައުންޖްތައް ހުންނާނީ ވަކިވަކިންނެވެ. އޭގެ އިތުރުން ވަކި ކޮޓަރިއެއް ބޭނުންވާ މީހުންނަށް އެކަންވެސް ހަމަޖެހޭނެކަމަށް އެމްއޭސީއެލް ވަނީ މީގެ ކުރިން ބުނެފައެވެ.

އެ ޓާމިނަލްގެ މަސައްކަތް ކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީންނެވެ. އެކުންފުންޏަކީ އެއާޕޯޓު ތަރައްގީގެ މަޝްރޫއުގައި ހިމެނޭ ގިނަ މަސައްކަތްތައް ކުރަމުންދާ ކުންފުނިވެސްމެއެވެ.

މި ޓާމިނަލް އިން ހިދުމަތް ހޯދި، ރައްޖޭގެ ފުރަތަމަ ވީއައިޕީ އަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މިއަދު ހެނދުނު ޝާހިދު ރާއްޖެ ވަޑައިގެންފައި ވަނީ، ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރެއްވުމަށެވެ.

comment ކޮމެންޓް