އިދިކޮޅުގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރުން އެ ކޯލިޝަނުން ކުށްވެރިކޮށްފި

"އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތެއްގެ ތެރެއިން --

އިދިކޮޅު ކޯލިޝަނުން ބާއްވާފައިވާ އިހުތިޖާޖުން މީހުން ހައްޔަރު ކޮށްފައި ވާތީ، އެ ކޯލިޝަނުން އެކަން ކުށްވެރި ކޮށްފިއެވެ.

އެކަމާ ގުޅިގެން އިދިކޮޅުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، "އިންޑިޔާ އައުޓް"ގެ ނަމުގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން މީހުން ހައްޔަރު ކޮށްފައި ވަނީ އެއްވެސް ބެލުމެއް ނެތި ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"ދިވެހި ރާއްޖެއިން އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށްދިޔަ "އިންޑިޔާ އައުޓް" ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ވަރަށް އަނިޔާވެރިކަމާއެކު ފުލުހުންވަނީ ހަތް މީހަކު ހައްޔަރުކޮށްފަ. ފުލުހުން މީހުން ހައްޔަރުކޮށްފައިވަނީ ސުލްހަވެރި ކަމާއެކު އަޑު އުފުލަމުން ދަނިކޮށް، "އިންޑިއާ އައުޓް" ނުގޮވޭނެ ކަމަށާއި އަދި "އިންޑިއާ އައުޓް" މިހެން ޖަހާފައިވާ ޓީޝާޓްގައި އަޑުނުއުފުލޭނެ ކަމަށް ބުނެ،" އިދިކޮޅުގެ ނޫސް ބަޔާނުގައި ބުންޏެވެ.

ހަމައެއާއެކު، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގެއްކަން އިދިކޮޅުން ފާހަގަ ކުރިއެވެ. އަދި އެ އިހުތިޖާޖުގައި ފިރިހެން ފުލުހުން ގޮސް އަންހެނުން ހިފާ ހައްޔަރުކުރި ކަމަށާއި އުމުރުން ދުވަސްވީ މީހުންނަށްވެސް އެއްވެސް ބެލުމެއްނެތި މީހުން ހައްޔަރުކުރި ކަމަށް ބުނެ، އިދިކޮޅުން އެކަން ކުށްވެރިކުރިއެވެ.

އިދިކޮޅުން ތުހުމަތު ކޮށްފައިވާ ގޮތުގައި، އިހްތިޖާޖުގެ ތެރެއިން މީހުން ހިފާ ހައްޔަރު ކުރީ އުސޫލެއް ނެތިއެވެ. އަދި ހައްޔަރު ކުރި މީހުން އެތައް ގަޑިއިރެއް ވަންދެން ބަންދުގައި ބޭތިއްބި ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.

އެހެންކަމުން ސުލްހަވެރި އެއްވުންތައް ބޭއްވުމަށް ފުރުސަތު ދިނުމަށާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވައިލާފައެވެ.

ފުލުހުން ވަނީ، "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް ނުލުމަށް އަންގާފައި ނުވާނެކަމަށް ބުނެފައެވެ.

comment ކޮމެންޓް