ޝަފީގު ގެއްލުނީ ރަށެއްގެ އަލި ފެނިގެން ފަތައިގަތް ފަހުން: އާއިލާ

ދޯނީގެ ކައްޕި، ކ. ގުރައިދޫ އާދަމް ޝަފީގް-- ފޮޓޯ/ އެމްއެންޑީއެފް

ވ. އަތޮޅު ކައިރިން ގެއްލިގެން ހޯދަމުންދާ އަލަމާ-5 ދޯނީގެ ކައްޕި ކ. ގުރައިދޫ، އާދަމް ޝަފީގު ގެއްލުނީ އެންމެން އެއްކޮށް ތިބުމަށް ފަހު ރަށެއްގެ އަލިކަން ފެނުމުން ރަށާ ދިމާލަށް ފަތައިގަތް ފަހުން ކަމަށް އާއިލާއިން ބުނެފިއެވެ.

ޝަފީގުގެ އާއިލާގެ މެންބަރުކު "ސަން"އަށް ބުނީ އޭނާއާ އެންމެ ފަހުން ގުޅިފައިވަނީ ހުކުރު ދުވަހު ކަމަށެވެ.

"އެންމެ ފަހުން ގުޅުނީ ހުކުރު ދުވަހު. އޭރު ޝަފީގު ބުނީ ރަށަށް ދިއުމަށް ފުރައިގެން ކަމަށް މި އުޅެނީ. އޭގެ ފަހުން އޭނާ ރަށަށް އައި. ރަށަށް އައިއްސަ އަނެއްކާ ދަތުރަށް ފުރީ،" އާއިލާގެ މީހަކު ކިޔައިދިނެވެ.

ދޯނީގެ އޮޑިވެރި މީހާއާ ހަވާލާދީ އާއިލާއިން ބުނީ ޝަފީގު ރޭގެ 7:00 އާ ހަމައަށް ވެސް ދޯނީގެ ފަޅުވެރިން ކައިރީގައި ހަންތަކެއްގައި އެލިގެން އޮތް ކަމަށެވެ. ނަމަވެސް ރޭގަނޑުގެ އަނދިރި ތެރެއިން ރަށެއްގެ އަލި ފެނުމުން އޭނާ ރަށާ ދިމާލަށް ފަތާއި ގަތީ ކަމަށް އާއިލާއިން ބުންޏެވެ.

ޝަފީގު ދަތުރުކުރި ދޯނީގައި އޭނާއާ އެކު އިތުރު ދެމީހަކު ތިއްބެވެ. ހަންބުރިތަކެއްގައި އެލިގެން ތިއްބައި އެ ދެ ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ.

ސަލާމަތް ކުރި ފަޅުވެރިންގެ ތެރެއިން ބަންގްލަދޭޝްގެ އަސަދުލް އިސްމާލް،37، ނަމަކަށް ކިޔާ މީހެއްގެ އިތުރުން އެ ގައުމުގެ އިތުރު ފިރިހެނަކު ހިމެނެއެވެ. މިހާތަނަށް ނުފެންނަނީ ދޯނީގެ ކައްޕި ޝަފީގު އެކަންޏެވެ.

އާއިލާއިން ބުނީ ދޯނި ދިޔަވާން ފެށުމުން ދޯނިގެ ފަޅުވެރިން ކަނޑަށް ފުންމާލަން ޝަފީގު އެންގި ކަމަށެވެ. އަދި ފަޅުވެރިންނާއެކު ޝަފީގު ވެސް ފުންމާލިކަމަށް އާއިލާއިން ބުންޏެވެ.

ޝަފީގު ގެއްލިގެން އުޅޭކަން އާއިލާއަށް އެނގުނީ ގުރައިދޫ ކައުންސިލުން އެކަން އެންގުމުން ކަމަށްވެސް އާއިލާއިން ބުންޏެވެ. އޭނާ ދޯނި ދިޔަވާން ފެށުމުން އެ ރަށު އާދަމް ފައުޒީ ނަމަކަށް ކިޔާ ދޯނި ކުއްޔަށް ނަގައިގެން ދުއްވާ މީހަކަށް އެންގި ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި ދޯނީގެ ބައިތަކެއް ފ. އަތޮޅު އުތުރުން ވަނީ ފެނިފަ އެވެ. ޝަފީގު ހޯދުމުގެ މަސައްކަތް ކުރަމުންއަންނަ ކަަމަށް ކޯސްޓުގާޑުން ބުނެއެވެ.

comment ކޮމެންޓް