ލާދީނީ އެކި ތުހުމަތުތައް އަޅުވަނީ ފުރާނައަށް ގެއްލުން ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ "ރައްޔިތުންގެ އިއްތިހާދު" އިން ވަނީ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފައެވެ.
މިކަމާ ގުޅިގެން މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދު ދެކިލައްވާ ގޮތް ހާމަކުރައްވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ހަމަލާތަކާއި، މީޑިއާގެ ރިޕޯޓުތަކުގައި، އެމަނިކުފާނަކީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފަށް އުޅޭ މީހެއްގެ ގޮތުގައި ތަސައްވުރެއް ކުރަހަން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެފައިވާ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި، މިފަދަ ބަސްމަގުން އެ މަނިކުފާނަށް ކުޑައިމީސް ބަސް ރައްދުކުރުމަކީ، އެ ފަދަ ތައުހީނަކާ ނުލައި ސިޔާސީ ބަހުސެއް ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމެއް ކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ އެ މީހުންގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.
"ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ލަވައިދޭ ބައްސަމަގާ އެއް މަގުން ހިނގާތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ފަދަ ވާހަކަތައް، އިންތިހާއަށް ނުރައްކާތެރި ވެފައި، އޭގެ ހަމައެކަނި މަޤްޞަދަކީ އަޅުގަނޑުގެ ޖާނަށް ނުރައްކާ ދިނުމެވެ. ލާދީނީ މީހެއްކަމަށް ބުނެ، ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމުގެ އުންމީދުގައި ހުރީމެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅަނީ ނަފްރަތު އުފެއްދުމުގެ ބިލު އޮތް ގޮތަށް ފާސްނުކުރުން ކަމަށް ވެސް ނަޝީދު ފާހަގަކުރައްވައިފައެވެ. އެގޮތުން އެ ބިލުގައި "އިސްލާމީ އަގީދާއާ ގުޅުވައި، މުޖްތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން" އެއީ ކުށެއް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މަޖިލީހުން ފާސްކުރިއިރު އެ އިބާރާތް އުނިކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް މައްސަލަ ހުށަހަޅައިފައިވަނީ 2020 ވަނަ އަހަރު ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ފާޅުގައި ދިވެހިންނަށް ފޮނުވާފައި ކަމަށާއި އަދި މިދިޔަ އަހަރު ވެސް އަނެއްކާ ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމު ކޮށްފައިވާ ކަމަށް ބުނެއެވެ.