ޖަރުމަނުގެ މުސްލިމުންގެ ގަބުރުސްތާނަކަށް ބަޔަކު ވަދެ، މަހާނަގާތަކަކަށް ގެއްލުން ދީފި

ގެއްލުންދީފައިވާ މަހާނަގާތައް

ޖަރުމަނުގެ ހުޅަނގުއުތުރު ސަހަރެއްގައި މުސްލިމުންނަށް ހާއްސަކޮށްފައިވާ ގަބުރުސްތާނަކަށް ބަޔަކު ވަދެ، މަހާނަގާތަކަށް ގެއްލުންދީފިއެވެ.

ބޭރުގެ މީޑިއާތަކުގައިވާ ގޮތުން 30 މަހާނަގަލަކަށް ބަޔަކު ވަނީ ގެއްލުން ދީފައެވެ.

މުސްލިމުންނާ ދެކޮޅު ފިކުރު ޖަރުމަނުގައި ފައްކާވަމުން އަންނައިރު، މިއީ މި އަހަރު އެ ގައުމުގައި މުސްލިމުންނަށް އަމާޒުކޮށްގެން ދިން ފުރަތަމަ ހަމަލާއެވެ.

އެ ސަހަރުގެ ފުލުހުން ބުނި ގޮތުގައި މަހާނަގާތަކަށް ގެއްލުންދީފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. ފުލުހުން ވަނީ، މި މަންޒަރު ދުށް ބަޔަކު ތިބި ނަމަ، އެކަން ފުލުހުންނަށް އަންގައިދިނުމަށް އެދިފައެވެ.

ތުރުކީން ވަނީ އެ ހާދިސާއަކީ ނުހަނު ހިތާމަވެރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި، ހައްގު އަދަބު ދިނުމަށް ޖަރުމަނު ސަރުކާރަށް ގޮވާލިއެވެ.

ދެހާސް ވިހި ވަނަ އަހަރު އެކަނިވެސް ޖަރުމަނުގައި މުސްލިމުންނާ ދެކޮޅަށް 16 މުޒާހަރާއެއް ކޮށްފައިވެއެވެ. އެ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ސަރުކާރުން ފިޔަވަޅެއް އަޅާފައި ނުވުމުގެ ސަބަބުން އޮންލައިން މަންސަތަކުގައިވެސް ބައެއް މީހުން ދަނީ މުސްލިމުންނަށް ފުރައްސާރަ ކުރަމުންނެވެ.

ޔޫރަޕުގައި މުސްލިމުންނާ ދެކޮޅަށް ގިނަގުނަ ހަރަކާތްތައް ހިންގަމުން އަންނައިރު، ފަރަންސޭސިވިލާތް ފަދަ ބައެއް ގައުމުތަކުން ވަނީ މުސްލިމުންނާ ދެކޮޅަށް ގާނޫނުތައްވެސް ހަދާފައެވެ. މި ގާނޫނުތައް ހަދާފައިވަނީ "ސެކިއުލާ ދައުލަތެއްގެ ސިފަތައް" ދެމެހެއްޓުމުގެ ނަމުގައެވެ.

comment ކޮމެންޓް