އަޑިއަށް ދިޔަ ދޯނީގެ ބައެއް އެއްޗެހި ފެނިއްޖެ، މީހުން އަދިވެސް ނުފެނޭ

އަޑިއަށް ދިޔަ "އަލަމާ 5" ދޯނީގެ ބައެއް އެއްޗެހި އޮޔާ ދަނީ: އަދިވެސް އެ ދޯނީގައި ތިބި މީހުން ނުފެނޭ-- ފޮޓޯ: އެމްއެންޑީއެފް

އަޑިއަށް ދިޔަ" އަލަމާ 5" ދޯނީގެ ބައެއް އެއްޗެހި ފެނިއްޖެ ކަމަށާއި، ނަމަވެސް މީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަލަމާ-5 ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން އެއް ނޯޓިކަލް މޭލު ބޭރުން ކޯސްޓްގާޑަށް ފެނިފައިވާ ކަމަށެވެ.

އޮޔާ ދަނިކޮށް ފެނިފައި ވަނީ އައިސް ފޮށިތަކަކާއި ދޯނީގައި ބޭނުން ކުރާ ބައެއް ސާމާނެވެ.

އަލަމާ 5 ދޯނީގެ ތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނުން ކަމަށް ބުނާ ސަރަހައްދުގެ ޗާޓް: ފޮޓޯ: އެންއެންޑީއެފް

ފާނަ މަސްވެރިކަން ކުރަން އުޅުނު އަލަމާ-5 ދޯނި ވ. ފުއްސަރު ކައިރިން އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން ހަރަކާތްތެރި ވާއިރު، އެ ދޯނި ފެނިފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ބުނީ، އެ ދޯނީގައި ތިބީ ދިވެހި ކެޕްޓަންއަކާއި ދެ ބިދޭސީން ކަމަށެވެ.

މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ 23:22 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

comment ކޮމެންޓް