މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ރާމިޒާއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅައިފި

މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ރާމިޒާ ----

ޑްރަގް ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާ ބޭނުންކޮށްފައިވާކަމަށް ތުހުމަތުކޮށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ގދ. ތިނަދޫ, ލަކީލާސްޓް, ރާމިޒާ އަލީއާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފިއެެވެ.

އެ މައްސަލައިގެ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ރާމިޒާ އަލީ(އަނބިމީހާ) އާއި ހަސަން ލޫތު (ފިރިމީހާ) އިތުރު ދެ މީހަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްފައިވާ ކަމަށެވެ. އަދި އެ ވިޔަފާރިން ލިބުނު ފައިސާ, ރާމިޒާ ބޭނުންކޮށްފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.

ރާމިޒާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.

މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ރާމިޒާއާ ދެކޮޅަށް 28 ޝަފަހީ ހެކި ހުށަހަޅާފައެވެ.

އެ މީހުންނާ ގުޅުން ހުރި ހަތަރު ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ފިރިމީހާ ދިރިއުޅެމުންދިޔަ މ. ކުރެދިމާގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެގޮތުން، ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުން ދިރިއުޅޭ ގޭގެ ދެވަނަ ފަންގިފިލާގައި ހުރި ކޮޓަރި ބަލައި ފާސްކުރިއިރު، ލޮކަރެއް ތެރެއިން 16،000 ރުފިޔާ އާއި ކޮތަޅެއްގެ ތެރެއިން އެއް މިލިއަން ރުފިޔާ އާއި އިތުރު ކޮތަޅެއްގެ ތެރެއިން 450،000 ރުފިޔާ ފެނިފައިވާ ކަމަށް ވަކީލް ވިދާޅުވިއެވެ.

ނަގުދު ފައިސާގެ އިތުރުން ރާމިޒާގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ސޭވިން އިންވެސްޓްމެންޓް އެކައުންޓަށް އެކި ދުވަސް މަތިން ހަސަން ލޫތު 95،510 ދިވެހި ރުފިޔާ ފޮނުވާފައިވާކަން ވެސް ދައުލަތުން ފާހަގަކުރިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރާމިޒާގެ އެކައުންޓަށް 194،170 ރުފިޔާގެ އިތުރުން އެ ދެ މީހުންގެ ފިރިހެން ދަރިފުޅުގެ ނަމުގައި އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓަށް 103،370 ރުފިޔާ، ހަސަން ލޫތް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އެގޮތުން ނަގުދު ފައިސާގެ ގޮތުގައި ފެނިފައިވާ 1،466،000 (އެއް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ހަ ހާސް) ރުފިޔާ ފިޔަވައި، ހަސަން ލޫތު ޖަމާކޮށްފައިވާ 393،050 (ތިންލައްކަ ނުވަދިހަ ތިން ހާސް ފަންސާސް) ރުފިޔާ އަކީ އޭނާ މަސްތުވާތަކެތީގެ ވިޔަފާރީކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކު ކުރެވޭ ހިނދު އެ ފައިސާ ރާމިޒާ ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އެ ހުރިހާ ކަމެއް ސާބިތުކުރުމަށް ވެސް ދައުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކިތާބީ ހެކިވެސް ހިމެނެއެވެ.

ދިފާއުން ރާމިޒާގެ ފަރާތުން ވެސް ވަނީ ބައެއް ހެކި މިއަދު ހުށަހަޅާފައެވެ.

ދެ ފަރާތުން ހެކި ހުށަހަޅާ ނިމުމުން ގާޒީ ވަނީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ނިންމާފައެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް ވަނީ 15 ދުވަސް ދީފައެވެ.

ރާމިޒާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ ފަސް އަހަރާއި 15 އަހަރާ ދެމުދުގެ މުއްދަތަކަށް ޖަލަށް ލުމުގެ އިތުރުން އެއްލައްކަ ރުފިޔާއާ ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ.

comment ކޮމެންޓް