އަސްހަދަށް ދިން މުއްދަތު ހަމަވިފަހުން މަސް ދުވަސް، ފިޔަވަޅެއް ނާޅާ!

އަލީ ވަހީދު އާއި އަސްހަދު އަލީ--

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 72 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމި ފަހުން މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން އެނގިއްޖެއެވެ.

ކްރިމިނަލް ކޯޓުން އެ ގޮތަށް ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އެ އަޑުއެހުމަށް އެ ދުވަހު ވަނީ އަޑުބަރޭ ހާޒިރުކޮށްފައެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް އެ މައްސަލަ އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަން ފާހަގަކޮށް ގާޒީ ހަސަން ސައީދު އެ ދުވަހު ވިދާޅުވީ, ބޭސްފަރުވާ ކުރުމަށް މިހާރު އެކަށީގެންވާ ވަގުތު އަލީ ވަހީދަށް ދެވިފައިވާ ކަމަށެވެ. އެހެން ކަމުން އެ ދުވަހު އެންގީ 72 ގަޑިއިރު ތެރޭ, އަލީ ވަހީދު ހާޒިރުވާންށެވެ. އަދި އެ މުއްދަތުގެ ތެރޭ އަލީ ވަހީދު ހާޒިރު ނުވެއްޖެނަމަ އަސްހަދަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ޖަވާބުގައި އަސްހަދު ވިދާޅުވީ, ޖާމިނުވުމުގެ އެއްބަސްވުމުގައިވާ ގޮތަށް ހަތަރު މަސް ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުވެފައިވާ ކަމަށެވެ. އަސްހަދު އެހެން ވިދާޅުވެފައިވަނީ އޮންލައިންކޮށް ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވެފައިވާތީއެވެ.

އަސްހަދަށް ދިން ތިން ދުވަހުގެ މުއްދަތު ހަމަވެގެން މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ވެސް އޭނާއަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަން 'ސަން' އަށް ވަނީ ކަށަވަރުވެފައެވެ.

އަސްހަދަށް ފިޔަވަޅެއް އެޅިފައި ނުވަނީ އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ޗުއްޓީގައި ހުރުމުން ކަމަށް ކްރިމިނަލް ކޯޓުގެ އިސް އޮފިޝަލަކު ވަނީ ސަން އަށް ވިދާޅުވެފައެވެ. އަދި ޗުއްޓީއަށް ފަހު ގާޒީ އެނބުރި ވަޑައިގަނެ އަސްހަދަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

"އެކަހަލަ މައްސަލަތަކަކީ އެ މައްސަލަ ބައްލަވާ ގާޒީ ނޫން އެހެން ގާޒީންނަށް ބެލޭނެ މައްސަލައެއް ނޫން. އެހެންވެ ހުއްޓިފައި އޮތީ," އޮފިޝަލު ވިދާޅުވިއެވެ.

ނަމަވެސް ޗުއްޓީ ނިންމާލުމަށްފަހު ގާޒީ ހަސަން ސައީދު އޮފީހަށް ނިކުންނަވާނެ ދުވަހެއް އޮފިޝަލު ވިދާޅެއް ނުވެއެވެ.

މައްސަލައިގެ ހުލާސާ:

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ 2020 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.

ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ. ޑޮކްޓަރު ވިދާޅުވި ކަމަށްވަނީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.

ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފައެވެ.

އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީއެވެ. ޖާމިނުވި ފަރާތަކީ އަޑުބަރޭއެވެ.

އަޑުބަރޭ ޖާމިނުވެފައި ވަނީ، ނުވަތަ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ.

އެއާއެކު އަލީ ވަހީދު ވަނީ ލަންޑަނަށް ގޮސްފަ އެވެ.

ނަމަވެސް ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.

މީގެ ކުރިން އެ މައްސަލައިގެ އަޑުއެހުންތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް, އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އަންގައި ސްޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

comment ކޮމެންޓް