ފޮތެއް ދިރާސާ ކުރުން: ޤުރުއާނުގެ ދިފާޢުގައި

މީހަކު ކީރިތި ގުރުއާން ކިޔަވަނީ -- ސަން ފައިލް ފޮޓޯ

މި ލިޔުމަކީ އޮތެންޓިސިޓީ އޮފް ދަ ޤުރުއާން، ދަޢުވާ އިންސްޓިޓިއުޓް އޮފް ނައިޖީރިއާ، އިސްލާމިކް އެޑިޔުކޭޝަން ޓްރަސްޓް ހެޑްކްއާރޓާސް، ޕީ.އެމް.ބީ 229، ޢިލްމީ އެވެނިއު، މިންނާ، ނައިޖަރ ސްޓޭޓް، ނައިޖީރިއާ، 2008، އަތްމަތީ ފޮތުގެ މުރާޖަޢާ އެކެވެ. މިފޮތަކީ، 65 ޞަފްޙާގެ މައްޗަށް އެކުލެވިގެންވާ، މައިގަނޑު 2 ބަޔަށް ބަހާލެވިފައިވާ، އިސްލާމް ދީނުގެ ދަޢުވާ ފެތުރުމުގެ ހުނަރު ދަސްކޮށް ދިނުމަށް ހިންގޭ ޕްރޮގްރާމެއްގައި ބޭނުންކުރުމަށް ލިޔެފައިވާ ސިލްސިލާ ފޮތްތަކެއްގެ ތެރެއިން ފޮތެކެވެ. މިފޮތުގެ އިސް ބަހެއްގެ ގޮތުގައި ޝައިޚް އަޙްމަދު ލީމޫ ބަޔާން ކޮށްފައިވާ ގޮތުގައި، މިފޮތަކީ އިސްލާމް ދީނާއިމެދު އުފެދިފައިވާ ކުންހީތައް ފިލުވައި އޮޅުން ފިލުވައިދީ، މުސްލިމުންގެ ޢަޤީދާ ވަރުގަދަކޮށް މުސްލިމުން އެ މަޢުލޫމާތު އެހެން މީހުނާއި ޙިއްސާކުރުމަށް އެހީތެރިވުމަށް އިސްލާމިކް އެޑިޔުކޭޝަން ޓްރަސްޓުން އިސްނަގައިގެން ކުރިއަށްގެންދާ ދަޢުވާގެ ޕޮރޮގްރާމް ތަކުގައި ބޭނުން ކުރަމަށް ލިޔާ ސިލްސިލާ ފޮތްތަކެއްގެ ތެރެއިން ފޮތެކެވެ.

މިފޮތުގެ މުޤައްދިމާގައި، ޑައިރެކްޓަރ އަލްޙާޖީ އިބްރާހީމް ޔަޙްޔާ ވިދާޅުވާ ގޮތުގައި ކުރިން ބަޔާން ކުރެވުނު ކޯސް ތަރައްޤީ ކުރުމުގައި މުސްލިމު ދައުލަތްތަކުގެ އިތުރުން ޣައިރު މުސްލިމުން ދައުލަތްތަކުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރި ވެފައިވާތީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. މިފޮތުގައި ބޭނުންކޮށްފައިވާ ބައެއް ބަސްބަހުގެ މާނަ އާއި ބެހޭގޮތުން ފޮތުގެ ފުރަތަމަ ބައި ފެށުމުގެ ކުރިން ލިޔެފައިވެއެވެ. މިފޮތް މައިގަނޑު ގޮތެއްގައި ބެހިފައިވަނީ ދެބަޔަކަށެވެ. ފޮތް ނިއްމަވާފައިވަނީ، އިތުރަށް ކިއުމަށް މަޞްދަރުތަކެއް ލިސްޓު ކުރެއްވުމަށް ފަހުއެވެ.

ޤުރުއާން ނަޤުލު ކުރެއްވުމާއި ރައްކާތެރި ކުރެއްވުން

މިސުރުޚީގެ ދަށުން މައިގަނޑު ހަތަރު ނުގުތާއެއްގެ މައްޗަށް ވާހަކަ ދައްކަވާފައި ވެއެވެ. އެއީ ރަސޫލާގެ ޒަމާނާއި، ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހުގެ ދުވަސްވަރުގެ މަށްޗަށާއި، މުސްތަޝްރިޤުން (އޮރިއެންޓަލިސްޓުން) ޤުރުއާނާމެދު ފާޅުކޮށްފައިވާ މުހިއްމު ކަންތައްތަކާއި، ޤުރުއާނުގެ އަޞްލާއި އެއްގޮތް ކޮޕީއެއް މިއަދާހަމައަށް އޮތް އޮތުމުގެ މައްޗަށް ލިޔެފައިވެއެވެ.

މިގޮތުން، ޤުރުއާނުގައިވާ "ޤުލް" މި ލަފުޒުންވެސް ދަލާލަތު ލިބޭފަދައިން ޤުރުއާން ބާވައިލެއްވުނު ލެއްވުނުހެން އެކަލޭގެފާނުން ގެންދެވީ ޞަޙާބީންނަށް ޤުރުއާން ދަސްކޮށްދެއްވަމުން ކަމަށާއި، ޞަޙާބީން މިކަމުގައި ވާދަވެރިވެ ގަދައަޅައި ޤުރުއާން ދަސްކުރުމަށް މަސައްކަތް ކުރެއްވިކަމަށް ބަޔާން ކުރައްވައެވެ.

އޭގެ ޒާތުގައިވެސް ޤުރުއާނުގެ ލަފްޒު ތަކަކީ ދަސްކުރުމަށް ފަސޭހަ ލަފްޒު ތަކަކަށްވުމުން ޤުރުއާން ދަސްކުރުމަށް މަގުފަހި ވެފައިވާތީއާއި، އަދި ﷲ އެޤުރުއާން ރައްކާތެރި ކޮށްދެއްވާނެކަމަށް ކަނޑައެޅިގެން ވަޢުދުވެ ވަޑައިގެންފައިވާތީ، ޤުރުއާންވަނީ ކީރިތި ރަސޫލާގެ ޞަޙާބީންގެ ހިތްޕުޅުގައި ބިންވަޅުނެގި ދަސްވެފައެވެ. މިކަން ބަޔާން ކުރައްވަނީ ކީރިތި ޤުރުއާނުގެ އަލީގެ އިތުރުން ތާރީޚުގެ އަލީގައެވެ. އަދި ރަސޫލާ އެކަމަށް ހިތްވަރު ދިނުމުގެ ސަބަބުންނާއި އަދި ޤުރުއާން ކިޔެވުމަކީ، އަޅުކަމަކަށް ވުމާއެކު ނަމާދުގައި ކިޔެވުމުގެ އިތުރުން ޞަޙާބީން ޤުރުއާން ކިޔަވައި ދަސްކުރުމުގައި ދެމި ތިއްބެވިކަމަށް ބަޔާން ކުރައްވާފައި ވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ޤުރުއާން އެއްކޮށް ދަސްވެވަޑައިގެން ތިއްބެވި ގިނަ ޞަހާބީން ތިއްބެވިއެވެ. އަދި ޚާއްޞަކޮށް ރަމަޟާން މަހުގައި ތަކުރާރުކޮށް ޤުރުއާން އެއްކޮޅުން އަނެއްްކޮޅަށް ޖިބުރީލްގެ ފާނުން މެދުވެރިކުރައްވައި ކީރިތި ރަސޫލާ ކިޔުއްވަވާކަމަށް ބަޔާން ކޮށްފައިވެއެވެ.

ވަޙީގެ ކާތިބެއް ކަމުގައިވާ، ޒައިދު ބިން ޘާބިތު ފަދަ ބޭކަލުން މެދުވެރިކޮށް ޖަނަވާރުގެ ހަންގަނޑުގައާއި، ކަދުރު ރުކުގެ އޮށިގަނޑުތަކުގައާއި އަދި އެފަދަ އެހެންތަކެތީގައި ޤުރުއާން ލިޔުއްވާފައި ވާކަމަށް މިބައި ނިއްމާލުމުން ބަޔާންކޮށްފައި ވެއެވެ. އިތުރު އެކަލޭގެފާނުން ސުވަރުގެ ވަޑައިގަތުމަށްފަހު، ޞަޙާބީންތައް އެކި ރަށްކަތަކަށް ފެތުރިގެން ދިއުމުގެ ސަބަބުން އިތުރު ޞަޙާބީންނާއި ތާބިޢީ ބޭކަލުންނަށް ދަސްކޮށްދެއްވި ޤުރުއާން ދަސްވެރީން ފެތުރިގެން ދިޔަކަމަށް ބަޔާން ކުރައްވާފައި ވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ އެތައްބައެއްގެ ހިތްތަކުގައި ޤުރުއާން ދަސްކުރެވުނު ކަމަށާއި، "ކެނެތު ގްރޭގު" ފަދަ ބައެއް މުސްތަޝްރިޤުން ވެސް މިކަން މިދެންނެވި ގޮތަށް ފާހަގަ ކުރައްވާފައިވާކަމަށް ބަޔާން ކުރައްވާފައި ވެއެވެ.

ޔަމާމާ ހަނގުރާމައަށްފަހު، އަބޫބަކުރުގެ ފާނުގެ ޚަލީފާ ކަމުގެ ޒަމާނުގައި މީލާދީން 7 ވަނަ ޤަރުނުގައި ޤުރުއާން ނެތިދިއުމުގެ ބިރުވެރިކަން ކުރިމަތިވީހިނދު، ޤުުރުއާން ޖަމްޢު ކުރެއްވިކަމަށް ބަޔާން ކުރައްވައެވެ. އެއީ ޢުމަރުގެ ފާނުންގެ މަޝްވަރާގެ މަތީން ކަމަށާއި، މިގޮތުން ޤުރުއާން ޖަމްޢު ކުރެއްވުމުގައި ބެއްލެވި މަޞްދަރުތަކަކީ، ރަސޫލާގެ ޒަމާނުގައި ލިޔެފައިވާ މަޞްދަރުތައް ކަމަށާއި، އޭގެ ޞައްޙަކަން ކަނޑައަޅަންޖެހޭ ޙާލަތެއްގައި މަދުވެގެން 2 ޞަޙާބީންގެ ކޮމިޓީއަކުން އޭގެ ޞައްޙަ ކަމާމެދު އެއްބަސްވުން ޝަރުތު ކުރެއްވެވި ކަމަށް ބަޔާން ކުރައްވާފައި ވެއެވެ. މިގޮތުން ޤުރުއާނުގެ ނުސްޚާ އަބޫބަކުރު، ޢުމަރު، ޙަފްޞާގެ ފާނަށް ނަޤުލުވެގެން ނުވަތަ އެކަކުގެ އަތުން އަނެކަކުގެ ބެލުމުގެ ދަށަށް ބަދަލުވެގެން ދިޔަކަމަށް ބަޔާންކުރައްވާފައިވެއެވެ. ފުރަތަމަ ބާވައިލެއްވުނުއިރު، 1 ޤިރާއަތުން ބާވައިލެއްވުނު އަދި ފަހުން 7 ޤިރާއަތަށް ބައެއް އާޔަތްތައް ބާވައިލެއްވުނު ނަމަވެސް ދިރާސާ ކުރައްވާ ބޭފުުޅުން ފާހަގަ ކުރައްވާފައިވާ ފަދައިން، އޭގެސަބަބުން ޤުުރުއާނުގެ މާނަޔަަށް ބަދަލު ނާންނަކަން ފާހަގަ ކުރައްވައެވެ.

ތަފާތު ޤިރާއަތްތައް ހުރުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތައް ވިސްނިވަޑައިގެން ޢުޘްމާންގެ ފާނުން ޙަފްޞަތުގެ ފާނުންގެ އަރިހުގައި އޮތް ޤުރުއާންގެ އަޞްލު ބައްލަވައިގެން އަލުން ޤުުރުއާން ލިޔުއްވާ ކޮޕީތައް ހައްދަވާ ބެއްސެވިކަމަށާއި، އެހޯއްދެވި އަޞްލު އަލުން ޙަފްޞަތުގެ ފާނަށް އަނބުރާ ރައްދު ކުރެއްވި ކަމަށް ބަޔާން ކުރައްވާފައި ވެއެވެ. އަދި އެބެއްސެވި ކޮޕީއާއި ޚިލާފް ކޮޕީތައް ނައްތާލުމަށް ޢުޘްމާންގެ ފާނުން އަމުރު ކުރެއްވެވި ކަމަށް ބަޔާން ކުރައްވާފައި ވެއެވެ.

މިދެންނެވި ތާރީޚީ ޙާދިޘާގެ މައްޗަށް ބަލައި މުސްތަޝްރިޤުން ޤުުރުއާނާމެދު ނުވަތަ ޤުރުއާނުގެ ޞައްޙަ ކަމާމެދު ނުވަތަ ޤުުރުއާން ނަޤުލު ކުރުމާމެދު ޝައްކު އުފައްދާފައިވީނަމަވެސް އަދި އެޒަމާނުގައި ފިކްރީ ގޮތުންނާއި ސިޔާސީ ގޮތުން ހަމަނުޖެހުންތައް ކުރިމަތިވުމާއެކުވެސް ޤުރުއާން ޖަމްޢު ކުރައްވާ ނަޤުލު ކުރުމުގައި ގެންގުޅުއްވާފައިވާ އުޞޫލަކީ، މުތަވާތިރު ގޮތެއްގައިވި ނަޤުލު ވުމެއްކަން ކަށަވަރުވާކަން ބަޔާން ކުރައްވާފައިވެއެވެ. ފާއިތުވި 14 ޤަރުނުގައިވެސް މިދެންނެވި ޙަޤީޤަތްތައް މުސްލިމުންގެ މެދުގައި އޮތުމާއެކުވެސް ޤުރުއާން އޮތީ އޭގެ ޒާތުގައި ރައްކާތެރި ކުރައްވާފައިވާ ގޮތަށްކަން ބަޔާންކުރައްވައެވެ.

ހުޅަނގުގެ މުސްތަޝްރިޤެއް (އޮރިއެންޓަލިސްޓެއް) ކަމަށްވާ "އެސްޓަލް ވެލަން" މިކަން ދިރާސާ ކުރުމަށްފަހު އެމެރިކާގެ މުސްތަޝްރިގުންގެ ޖާނަލެއްގައި ލިޔެފައިވާ ލިޔުމެއްގައި ލިޔަމުންވެސް މިކަމަށް ތާއީދު ކުރައްވާފައިވާކަމަށް ބަޔާން ކުރައްވާފައިވެއެވެ. އަދި ބައެއް މުސްތަޝްރިޤުން ޢުޘްމާންގެފާނުންގެ ޢަމަލުފުޅުގެ ސަބަބުން ޤުރުއާން ނަގުލުވުމުގައި ޞައްހަކަން ނެތި ގޮސްފައިވާކަމަށް ބުނާ ބުނުމަށް ރައްދު ދީފައިވެސް ވެއެވެ.

ޤުރުއާން ޖަމްޢުކުރެއްވި ޤަރުނަށް ނިސްބަތްވާ، ޢުޘްމާނުގެފާނު ޖަމްޢު ކުރެއްވި މުސްޙަފެއްގެ ކޮޕީ އެމެރިކާގެ ކޮލަމްބިޔާގެ ޔުނިވަރސިޓީ ލައިބުރަރީގައި އޮތްކަމަށް ބަޔާން ކުރައްވައެވެ. މިހާރު މީގެ އަޞްލު އޮތީ އުޒުބަކިސްތާނުގައި ކަމަށްވެއެވެ.

ފޮތުގެ މުޞައްނިފް ބަޔާންކުރައްވާ ގޮތުގައި ދެވަނަ ބޮޑުހަގުރާމައިގާ ހަލާކުވެފައިވާ ޖަރުމަނުގެ އިންސްޓިޓިއުޓަކުން ޤުރުއާންގެ 42000 ކޮޕީ ނަގައިގެން އޭގައި ހުރި ތަފާތުތައް ދެނެގަތުމަށް ހެދި ދިރާސާއިން ވެސް އެގުނީ، ވަރަށްމަދު ފިލިތަކެއްގައި ފިޔަވައި އެއްވެސް ތަފާތެއް އެކޮޕީތަކުގައި ނެތްކަމެވެ.

މިބައި ނިއްމަވަމުން ބަޔާން ކުރެވިދިޔަ ދަލީލްތަކުން ދޭހަވަނީ، ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ ތެދުކަން ކަން ބަޔާން ކުރައްވާފައިވެއެވެ. އެކަލާގެ ވަޙީކުރައްވާފައިވެއެވެ. (إِنَّا نَحْنُ نَزَّلْنَا الذِّكْرَ‌ وَإِنَّا لَهُ لَحَافِظُونَ) (ސޫރަތުލްޙަޖަރު: 9). މާނައީ: "ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ."

ޤުރުއާނުގެ ޞައްހަކަން ކަށަވަރުކޮށްދޭ ދަލީލްތަކާއި މަޞްދަރުތައް

މިބައިގައި ޤުރުއާނުގެ އަލީގައި އަދި ތާރީޚީ ގޮތުންނާއި ބުއްދީގެ ގޮތުން މުސްލިމުން ޤުރުއާނަކީ، ﷲ ގެ ކަލާމް ފުޅުކަން ޤަބޫލު ކުރިކަމުގައި ވީނަމަވެސް ޢިލްމީ ގޮތެއްގައި މިކަން ސާބިތުކުރުމަށް އުފެދޭ ސުވާލަށް ޖަވާބު ދިނުމަށް ތަރުތީބެއް ބަޔާންކުރައްވަމުން ތަޢާރުޟުވާކަމަށް ބުނާ ވާހަކަތަކަށް ބަލާ ޤުރުއާނުގެ އަޞްލާމެދު އެކަށީގެންވާ ގޮތްތައް ނަޒަރިއްޔާއެއްގެ ނުވަތަ އިފްތިރާޟު ތަކެއްގެ ގޮތުގައި ބަޔާން ކޮށްފައި ވެއެވެ. އަދި ޤަބޫލުނުކުރެވޭ އިފްތިރާޟްތައް އެކަހެރިކުރުމަށް ބަހުޘްކޮށް ޙަޤީޤަތްތައް ބަޔާންކޮށް ޙުއްޖަތް ޤާއިމްކޮށްފައިވެއެވެ. މިއީ ލޮޖިކަލް އަދި ސައިންޓިފިކް ނަޒަރިއްޔާތަކުންނެވެ.

މިގޮތުން ރަސޫލާގެ ތެދުވެރި ކަމާމެދު ބަޔާންވާ ޙަޤީޤަތްތަކާއި ވާހަކަތައް ބަޔާން ކުރައްވާފައި ވެއެވެ. އަދި ޚާއްޞަކޮށް މުސްތަޝްރިޤުން ބަޔާންކޮށްފައިވާ ޙަޤީޤަތްތައް ހާމަކޮށްފައިވެއެވެ. އަދި އެކަލޭގެފާނުން އެޒަމާނުގައި މަޝްހޫރުވެފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލައި އެކަލޭގެފާނަކީ، ތެދުވެރިކަމާއި، އަމާނަތްތެރިކަމުގައި އެންމެ އަރާހުންނެވި ސާހިބާއަށް އެޒަމާނުގައި ވެފައިވާކަމަށާއި، އެއްވެސް އިތުރުފުޅެއް އެކަލޭގެފާނުން ނަހައްދަވާކަން އެންމެން ޤަބުލުކުރާކަން ބަޔާން ކުރައްވާފައިވެއެވެ. އަދި ޤުރުއާނުގެ ބަހުގެ އުސްލޫބާއި މެދު ވިސްނާލައި މިކަމަށްވެސް އަލިއަޅުވައިފައި ވެއެވެ.

މިއަށްފަހު 4 ވަނަ ނުގުތާގައި ޤުރުއާނާއި އަހުލު ކިތާބީންގެ ފޮތްތަކުގައި ހުރި އެއްގޮތް ވާހަކަތަކާއި، ފުށުއެރުންތަކުގެ މައްޗަށް އަލިއަޅުވާލައިފައި ވެއެވެ. އަދި އޭގެ ބައެއް މިސާލުތައް މިފޮތުގެ 46 ވަނަ ޞަފްޙާގައި ގެންނަވައި ލިސްޓު ކުރައްވާފައިވެއެވެ.

ފަސްވަނަ ނަޒަރިއްޔާތެއްގެ ގޮތުގައި ޤުރުއާނަކީ ޝައިޠާނީ އެއްޗެއްކަމުގައި ބުނާ ބުނުމަށް ވާހަކަދައްވާފައިވެއެވެ. އަދި އެއަށްފަހު ޤުރުއާނުގައި ހުރި ބައެއް ޙަޤީޤަތްތަކާއި ސައިންޓިފިކް ޙަޤީޤަތްތައް ބަޔާން ކުރައްވާފައިވެއެވެ. މިގޮތުން އިރަމްގެ ރަށުގެ ވާހަކައާއި، އަންހެން ކުޅަދުރުގެ ވަހަކައާއި، ދުނިޔެ ސާބިތުވެ އޮތުމަށް ފަރުބަދައިގެ ދައުރާއި، ބިމުގެ ބައްޓަމުގެ ވާހަކައާއި، އިންސާނާ އުފެއްދެވުމުގެ މަރުޙަލާތަކުގެ ޙަޤީޤަތްތަކުގެ ވާހަކަތަކާއި، ދުނިޔެ ފެތުރި ބޮޑުވަމުންދާ ކަމުގެ ޙަޤީޤަތުގެ ވާހަކައާއި، "ބިގް ބޭން" ނަޒަރިއްޔާގެ ޙަޤީޤަތުގެ ވާހަކައާއި، ދުނިޔެ އެންމެ ކުރިން ދުމުގެ ވިލާގަނޑެއް ފަދައިން އޮތުމުގެ ޙަޤީޤަތުގެ ވާހަކައާއި މިކަންކަމުގައިވާ ޙަޤީޤަތްތަކުގެ ވާހަކަތަކަކީ، ވަރަށް ފަހުން މެނުވީ އިންސާނުންނަށްވެސް އެނގިފައިވާ ޙަޤީޤަތްތަކެއްނޫން ކަމަށާއި، މިޙަޤީޤަތްތަކުގެ ވާހަކަ 1400 އަހަރުގެ ކުރިން އެއްވެސް އިންސާނަކަށް އެނގުމަކީ އެކަށީގެންވާ ކަމެއްނަމަ، އެކަށީގެންވަނީ ކިހާވަރަކަށްތޯ ސުވާލުކޮށް ޖަވާބު ދިނުމުން، ކުރިން އިފްތިރާޟް ކުރެވިފައިވާ ސުވާލުތައް އެކަހެރި ކުރެވިގެންދާކަން ބަޔާން ކުރައްވާފައި ވެއެވެ. އެހެންކަމުން ޤުރުއާން އެއީ ﷲ ނޫން ފަރާތަކުން އައި ކަލާމްފުޅެއް ނޫންކަން މިދެންނެވި ބީދައިން ބަލައި ތަޙްޤީގު ކުރުމުންވެސް ސާބިތުވާކަމަށް ނިންމުމުގައި ބަޔާން ކުރައްވައެވެ.

މިފޮތަކީ ޝައްކެއްނެތް ގޮތުގައި މިދުވަސް ވަރަށް ވަރަށްވެސް މުހިއްމު ފޮތެކެވެ. ގިނަ ފަހަރަށް އަޅުގަނޑުމެން މުސްލިމުން ދީނާއި އިސްލާމީ ޝަރީޢަތުގެ މަޞްދަރު ތަކާމެދު އުފައްދާ ޝައްކާއި ވަހުމުތަކަށް ވަނީ ލޯ ނުހުޅުވިއެވެ. އަދި ތަފާތު ބައެއްގެ ތެރެއަށް ދެވި ނުވަތަ ބައްދަލުވެ އެބައި މީހުންގެ ފަރާތުން ސުވާލުތައް ކުރިމަތިވުމުން ދޭނެ ޖަވާބެއް އެނގިފައި ނުހުރެއެވެ. މިކަންކަމަށް އަޅުގަނޑުމެން ތިބެނީ ތައްޔާރަކަށް ނޫނެވެ. މިފޮތުން ޙަޤީޤަތުގައި މިފަދަ ގޮންޖެހުންތަކަށް މުސްލިމުން ތައްޔާރުކުރުމަށް ވަރަށް ބޮޑަށް އެހީތެރި ވެދޭނެއެވެ. ޚާއްޞަކޮށް، ޢިލްމީ ގޮތެއްގައި ތަޙްޤީޤުކޮށް ސުވާލުތަކަށް ޖަވާބުދީފައި ވެއެވެ. ޒަމާނީ ޢިލްމީ މަންހަޖެއްގެ ތެރެއިންނެވެ.

ފޮތުގައި މަޢުލޫމާތުތައް ހުށަހެޅުމުގައި ތަރުތީބުކޮށް ތަންޒީމު ކުރެވިފައިވަނީ ކިޔާ މީހަކަށް ވަރަށް ފަސޭހައިން ވިސްނޭނެ މަގަކުންނެވެ. ފޮތުގައި އެކުލެވޭ މަޢުލޫމާތެއް ހޯދަން ވެއްޖެނަމަ، ފަސޭހައިން އެއަށް ވާޞިލް ވެވޭނެ ތަރުތީބަކުންނެވެ. މިފަދަ ފޮތްތަކަކީ މިޒަމާނަށް މުނާސަބު، އެކި ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންނާއި ދަތުރު ފަތުރުކޮށް އުޅޭ މީހުން އަދި ޚާއްޞަކޮށް ދިވެހި ޒުވާނުން ކިޔުމަށް ވަރަށް މުހިއްމު ފޮތްތަކެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް