ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކާނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށް: އެޗްޑީސީ

ހުޅުމާލެ ދުވަނަ ފިޔަވަހި ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހަމައެކަނި މާލޭގެ ރައްޔިތުންނަށް ބިން ވިއްކާގޮތަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އުސޫލަށް ބަދަލު ގެނެސްފިއެވެ.

ކުރިން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ދެވަނަ ފިޔަވަހިން ބިން ގަތުމަށް ބީލަމުގައި ބައިވެރިވެވެއެވެ.

ނަމަވެސް މިހާރު ބީލަމުގައި ބައިވެރިވުމަށް މާލޭގެ ރަށްވެއްސަކަށް ވާން ޖެހެއެވެ.

"މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ މާލޭގެ ރައްޔިތުންނަށް ފުރުސަތު ބޮޑުކުރުން،" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ސަން" އަށް ވިދާޅުވިއެވެ.

މިހާރު ބީލަމުގައި ބައިވެރި ވުމުގެ ޝަރުތު ތަކަކީ:

  • މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށް ވުން
  • އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭ އެއް ވަނަ ފިޔަވަހިން އަދި ދެވަނަ ފިޔަވަހިން ބީލަން އުސޫލުން ބިމެއް ގަނެފައިވާ ފަރާތކަށް ނުވުން

  • މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ނުވުން
  • 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން
  • މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް، އެކަކަށް ވުރެ ގިނަ މީހުންގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ، 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށް ނުވުން

ޝަރުތުތަކަށް ގެނައި މި ބަދަލުގެ އިތުރުން ބިޑު ކުރުގައި އަމަލުކުރާ އުސޫލަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. ބިޑު ކުރާ ފަރާތުގެ އަގުތައް އެއްވަރު ވެއްޖެ ނަމަ ކުރިމަތިލީ އެންމެންގެ ކުރިމަތީގައި ނަންތައް ތަރުތީބުކޮށް ގުރުއަތުލުމެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކައިގެން ވަނީ 433 މިލަން ރުފިޔާ ހޯދާފައެވެ. އެ ފަހަރު އަކަފޫޓެއް ވިއަކާފަ ވަނީ 3،000 ރުފިޔާގެ މަގުންނެވެ. ނަމަވެސް އާންމުކޮށް މާލެއިން ބިން ވިއްކާ އަގަކީ އަކަފޫޓަކަށް 4،800 ރުފިޔާއަށެވެ.

މި ދިޔަ މަހުގެ 27 ވަނަ ދުވަހު އެޗްޑީސީން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް އިއުލާންކޮށްފައެވެ. މި ފަހަރު ވިއަކުމަށް އެ ކުންފުނިން ނިންމާފައިވަނީ 60 ބިމެވެ. މި ބިން ތަކުގެ ތެރެއިން ބީޗް ފްރޮންޓް 26 ގޯތީގެ އަގު ފެށެނީ 3،900 ރުފިޔާއިންނެވެ. އަދި ބީޗު ސައިޑަށް ވާގޮތަށް އޮތް 34 ގޯތީގެ އަގު ފެށެނީ 3،500 ރުފުޔާއިންނެވެ.

comment ކޮމެންޓް