އައިޒަކްގެ ހަނދާނަށް އަންނަމުންދިޔައީ، އޭނާގެ މަންމަގެ ފަހުވަގުތުކޮޅު ދެއްކި ވާހަކަތަކެވެ. ކައިވެންޏަށް ރަންކިޔާފައި އިރަމް ފިލައިގެން ދިޔުމުން، އެ މަންމަ ދެރަވެގެން ރުއި ރުއިން އޭނާގެ ހިތުން ފިލުވައެއް ނުލެވުނެވެ. އެ މަންމަގެ ފަހުވަގުތުކޮޅުގައިވެސް ދެއްކީ އިރަމްގެ ވާހަކައެވެ. އިރަމްއަށް ނަފުރަތުކުރަން ކިތަންމެ ބޭނުންވި ނަމަވެސް، އެކަން ނުކުރެވޭތީ، އައިޒަކްއަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރިކުރެވެމުން ދިޔައެވެ.

********

"ކީއްވެތަ އަހަންނަށް އޭނަދެކެ ނަފުރަތު ނުކުރެވެނީ؟..." އައިޒަކް ލޯ މަރައިލިއެވެ.

"ބަދަލުހިފަން ހަދައިގެން ޒެކްއަކަށްނު ހުރިހާ އަނިޔާއެއް ތި ލިބެނީ..." މާކިންގެ އަޑުގައިވީ ހަމްދަރުދީއެވެ.

"އަހަރެން ބޭނުން އަހަންނަށް މިކުރެވޭ އިހުސާސް އޭނައަށްވެސް އަންގަދޭން..." އައިޒަކްގެ އަޑުގައިވީ ބަދަލުހިފުމުގެ ރޫހެވެ.

"އެކަމެއް ނުވިއެއްނު ޒެކް..." ވިސްނައިދޭ ރާގަކަށް މާކިން ބުންޏެވެ. "ހުރިހާ ބާރެއް އަމިއްލަ އަތްމަތީ އޮތްއިރުވެސް ޒެކްއަށް ތިއުޅެނީ އެއްވެސް ކަމެއް ނުވެގެން... އެންމެފަހުން އަހަންނަށް ހީވަނީ ޒެކް ހުއްޓާނީ އޭނައާ މެރީކޮށްފަހެން..."

"އާނ..." އައިޒަކް އެއްބަސްވިއެވެ.

"ކަމްއޯން ޒެކް... އަހަރެން ހިއެއް ނުކުރަން ޒެކް ތީ އެހާ ނުވިސްނޭ މީހެއް ކަމަކަށް... ދުނިޔޭން އަންހެނުން ހުސްވީތަ އޭނ؟..." މާކިން ހިތްހަމަނުޖެހުނެވެ.

މާކިން ވާހަކަ ދައްކަދައްކާ ހުއްޓައި، އައިޒަކް ދޮރާއި ދިމާއަށް ހިނގައިގަތެވެ.

"ޒެކް މަޑުކޮށްބަލަ... އަހަރެން ހެލްޕް ވެދާނަމޭ... ޒެކް ބޭނުން ވަރަކަށް އަންހެނުން ހޯދަދީފާނަން..." މާކިން އައިޒަކްގެ ފަހަތުން ދަމުން ވާހަކަ ދެއްކިއެވެ.

********

އިރު އޮއްސުމުގެ ކުލަވަރު ދުނިޔެމަތިން ދައްކައިލިއެވެ. ކުޑަދޮރު ހުޅުވާލައިގެން ހުރި އިރަމްގެ ނަޒަރު ހުއްޓިފައިވީ އުޑުމަތީގައި ދައުރުވަމުންދިޔަ ރަންވިލާތަކަށެވެ. އިރަމްގެ ހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރި ނަމަވެސް، އޭނާގެ ވިސްނުމާއި ފިކުރުތައް ވަނީ އެހެން ދިމާއެއްގައެވެ. އައިޒަކް ދެއްކި ވާހަކަތަކާއިމެދު އޭނާއަށް މާ ވަރަކަށް ވިސްނެނީއެވެ. އަނެއްކޮޅުން، އައިޒަކްގެ މަންމަ ދުނިޔޭގައި ނެތްކަން އެނގުމުން އިރަމްގެ ހިތަށް ވަނީ ފުން އަސަރުތަކެއްކޮށްފައެވެ.

"އިރޫ... ދެން އެއްޗެކޭ ބުނެބަލަ..." އިރަމްގެ ހަބަރެއް ނުވުމުން ޝާލިން ދެތިން ފަހަރަކު ގޮވައިލިއެވެ. "ދެން ކޮން ޖަވާބެއްތަ އިރޫ ދޭނީ؟..."

"އަމިއްލަ ނަފުސު ބްލޭމްކުރެވެނީ... އައިޒަކް މަންމަ ނިޔާވީ އަހަރެންގެ ސަބަބުންނޭ ހިތަށް އަރަނީ..." އިރަމް ބުންޏެވެ.

"އަހަރެން މިއަހަނީ އައިޒަކްގެ ވާހަކައެއް ނޫނޭ... އަމިއްލަ މީހާ ކޮންމެ ހާލެއްގަ އުޅެންޖެހުނަސް އިރޫއަށް ހެޔޮތަ؟... ކޮންއިރަކުތަ އަމިއްލަ ނަފުސާ ދޭތެރޭ ވިސްނާނީ؟..." ޝާލިންގެ އަޑުގައިވީ ޝަކުވާއެވެ.

"އޭނ؟..." އިރަމް ހާސްވީ، މައުޟޫޢުއާއި ނުގުޅޭ ވާހަކައެއް ދެއްކުނުކަން އެނގުމުންނެވެ.

"އިރޫ މަންމައަށް ދޭނީ ކޮން ޖަވާބެއްހޭ މިއަހަނީ..." ޝާލިން އޭނާގެ ސުވާލު ތަކުރާރުކުރިއެވެ.

"ކީކޭ ދެން ބުނަންވީ؟... މަންމަގެ އެދުމަކަށް ދެކޮޅުހަދައިފިއްޔާ ވާނެގޮތް ޝާލްއަށް އެނގެއެއްނު..." އިރަމް ދޫކޮށްލީ ފުން ނޭވާއެކެވެ.

"އަޅެ އިރޫ..." އަކުރުތަކަށް ދަމައިލަމުން ޝާލިން ގޮވައިލިއެވެ. "މަންމަ ބުނެފިއްޔާ ވަރިހަމަތަ ކަނޑަށް ފުންމާލަންވެސް... ނޫނީ އަމިއްލައަށް މަރުވާންވެސް..."

"އަހަންނަށް ދެން އެންމެ ރަނގަޅުވާނީ މަންމަ ބުނާ މީހަކާ އިނީމަ ކަންނޭނގެ... އޭރަށް އެހެން މީހަކު އަހަރެންގެ ފަރާތުން އުއްމީދުކުރާނެ ކަމެއްވެސް ނޯންނާނެ..." އިރަމްގެ އަޑުގައި ފުން ހިތާމައެއްގެ އަސަރުވިއެވެ.

"އަހަންނަށް އެނގޭ އިރޫ ތިހެން ތިވިސްނަނީ ކީއްވެކަން... އައިޒަކްގެ ސަބަބުންނެއްނު..." ޝާލިންގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރުވިއެވެ. "އިރޫދެކެ ލޯބިވާ ބަޔަކުވެސް އެބަތިއްބޭ... އެންމެ މީހެއްގެ ސަބަބުން މުޅި ދިރިއުޅުން އަނދަވަޅަކަށް ވައްޓާލާކަށް ނުޖެހެއްނު... އިރޫ ތިހެން ހެދީމަ އިރޫދެކެ ލޯބިވާ މީހުން ދެރަވާނެކަން ނުވިސްނަންތަ؟..."

"މިދިރިއުޅުން އުޅެން އަހަރެން ވަރުބަލިވެއްޖެ..." އިރަމް ލޯ މަރައިލުމާއިއެކު، ދެލޯ ފުރުނު ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ.

"ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނޭ... ނޭނގެއެއްނު ކާކާ ކަމެއްވެސް މެރީކުރުވަން އެއުޅެނީ... ފައިސާކޮޅެއް ދައްކާލާއިރަށް ކޮންމެފަދަ މީހަކަށް އިރޫ ވިއްކާލަންވެސް އިރޫގެ މަންމަ ފަހެއް ނުޖެހޭނެ..." ޝާލިން ކަންބޮޑުވެފައި ބުންޏެވެ.

"ފައިސާއާ މުދަލުން ނުގަނެވޭނެ އެއްޗެއް އެބައޮތްތަ؟..." އުއްމީދެއް ނެތް ރާގަކަށް އިރަމް ބުނެލިއެވެ.

"މާދަން ރަންކިޔަން އެއްބަސްވީއިރު، އިރޫއަށް އެމީހާގެ އެއްވެސް އެއްޗެއް އެނގޭތަ؟... އިރޫއަށް އޯކޭތަ އެއީ މުސްކުޅިޔަކަށް ވިޔަސް؟ ނޫނީ ކުޅަނދުރު ހަތާއަކަށް ވިޔަސް؟..." ޝާލިން މަސައްކަތް ކުރީ އިރަމްއަށް ވިސްނައިދޭށެވެ.

ޝާލިންގެ ފަހު ޖުމްލަ އާއިއެކު އިރަމްއަށް ހެވުނެވެ. އެވަރުންވެސް އިރަމްގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތަކެއް ނުހުއްޓުނެވެ. ހީހީފައި އެންމެފަހުން އިރަމްއަށް ގިސްލެވެން ފެށުނީއެވެ.

"އަހަރެން މިދަނީ ތިގެއަށް... ރެޑީވެގެން ނުކުމޭ..." ޝާލިން ފޯނު ކަނޑައިލިއެވެ.

އިރަމް ގޮވައިގެން މާލޭގެ އެތައް ތަނެއްގައި ދުއްވުމަށްފަހު، ޝާލިން ގޮސް ސައިކަލު ހުއްޓައިލީ، ގަނޑުވަރެއް ފަދައިން ފަރުމާކޮށްފައިވާ ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ރެސްޓޯރެންޓްގެ ނަން ފެނުމާއިއެކު އިރަމްގެ ދެލޯ ބޮޑުވިއެވެ. ކުރިއަށް ހިނގައިގަތް ޝާލިންގެ އަތުގައި އޭނާ ހިފެހެއްޓިއެވެ.

"ކީއްކުރަން މިތަނަށް ތިއައީ؟... މީ މުއްސަނދިން އަންނަ ތަނެއް... ކޮފީއެއްވެސް ސަތޭކަ ރުފިޔާއަށްވުރެ ކުޑައެއް ނުވާނެ..." އިރަމް ހުރީ އެތެރެއަށް ވަންނަހިތް ނުވެފައެވެ.

"މަށެއްނު މިގެނައީ.. ހިނގާބަލަ..." އިރަމްގެ އަތުގައި ހިފައި ދަމައިގަންނަމުން ޝާލިން ބުންޏެވެ.

ދޮރުގެ ދެފަރާތުގައި ހުދު ޔުނީފޯމުގައި ތިބި ވޭޓަރުންތައް އިރަމްމެން އެތެރެއަށް ވަންނަން ދޮރު ހުޅުވާލަ ދިނެވެ. އެތެރެއަށް ވަނުމުން އެހެން ވޭޓަރަކު އައިސް، މަރުހަބާ ކިޔެވެ. ކުރިއަށް ދެވެން އޮތް މަގުގައި ރޯކޮށްފައިވާ އުއްބައްތިތަކުން ތަނުގައި ހިފާލާފައިވީ މީރު ވަހެކެވެ. ލުއި މިއުޒިކެއްގެ އަޑު އިވެމުންދިޔައިރު، ދުރުދުރުގައި ބަހައްޓާފައިވާ މޭޒުތަކުގައި މުޅީންވެސް ތިބީ އެކި އުމުރުގެ ޖޯޑުތަކެވެ. ތަނުގެ ތެރޭގައިވި ފަނޑު އަލިކަމާއި، އިވެމުންދިޔަ މިޔުޒިކު އެ ލޯބިވެރިންނަށް އިތުރު އުފާވެރިކަމެއް ގެނެސްދޭން މަސައްކަތްކުރާފަދައެވެ.

"އަހަރެން އެބައަންނަން... އިރޫ ގޮސް އިށީނދޭ..." ޝާލިން ބުންޏެވެ.

އިރަމްއަށް އެއްޗެއް ބުނާނެ ފުރުސަތެއްނުދީ ޝާލިން ނުކުމެގެން ދިޔައީއެވެ. ޝާލިންގެ ފަހަތުން އިރަމްވެސް އުޅުނީ ނުކުންނާށެވެ. އެވަގުތު ކުރިމަތީގައި ހުއްޓިލި ވޭޓަރުމީހާ ފެނުމުން، އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެމީހާ ހިނިތުންވެލުމުން، އިރަމް ހީލީ ގަދަކަމުންނެވެ.

"ދިސްވޭ މޭމް..." ހުސްކޮށް ހުރި މޭޒަކާއި ދިމާއަށް އިޝާރާތްކޮށްލަމުން ވޭޓަރުމީހާ ބުންޏެވެ.

އިރަމްއަށް މަޖުބޫރުވީ އެމީހާ ދެއްކި މިސްރާބުން ދާށެވެ. ހިތާއިހިތުން ޝާލިންއާއި ދިމާއަށް ކުދިކިޔަމުން، އިރަމް ގޮސް އިށީނެވެ. ވޭޓަރު މެނޫ ބާއްވާފައި ދިޔުމުން، އިރަމް ފުރަތަމަވެސް ބަލައިލީ އޭގައި ޖަހާފައިވާ އަގުތަކެވެ. އަގުތައް ފެނުމުންވެސް އިރަމްގެ މޭ ބޮޑުވިއެވެ. ގިނައިރުތަކެއްނުވެ، ފަހަތުން މީހެއްގެ ހިލަން ވިހެން ހީވެގެން އިރަމް ފަސްއެނބުރުނެވެ. ޝާލިން ކަމަށް ހީކޮށް އެއްޗެހި ގޮވައިލަން އަނގަ ހުޅުވައިލި ނަމަވެސް، ފެނުނު ސޫރައަކުން އިރަމްގެ ދެލޯ ބޮޑުވިއެވެ.

"އައިޒަކް..." އިރަމްއަށް ހިތާއިހިތުން ބުނެވުނެވެ.

އިރަމްއަށް ވީގޮތް އެނގުނީ ދެނެވެ. އެހުރިހާ ކަމެއް ކުރާނީ ޝާލިންކަން އެނގުމުން އިރަމްގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ.

"ކީއްކުރަން މިތަނަށް ތިއައީ؟..." އިރަމް ނުރުހިފައި ސުވާލުކުރިއެވެ.

އައިޒަކް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން، އަތުގައި އޮތް މާބޮނޑި މޭޒުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު އިރަމްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. މާބޮނޑިން އައިޒަކްގެ މޫނަށް ބަލައިލިއިރު، އިރަމް އިނީ ދެބުމަގޮށްޖަހައިގެންނެވެ.

"އަހަންނާ އިންނާނަމޭ ބުނަންދެން އަހަރެން މިހެން އިރަމްގެ ފަހަތުން އުޅޭނަން..." އައިޒަކް ބުންޏެވެ.

"އެއްފަހަރު އެހެން ހެދީމަވެސް އައިޒަކަށް ނުވިސްނުނުތަ؟..." އިރަމް އަހައިލީ މަލާމާތުގެ ރާގަކަށެވެ.

"ވިސްނޭތީއެއްނު އިރަމްގެ ފަހަތުން މިއުޅެނީ..." އިރަމްގެ ކޮންމެ ސުވާލަކަށް ދޭނެ ޖަވާބަކަށް އައިޒަކް ތައްޔާރުވެގެން އިން ކަހަލައެވެ.

"އަހަރެން ބުނީމެއްނު އަހަންނަކީ ގޯސް މީހެކޭ..." އިރަމް ބުންޏެވެ.

"ގޯސް ކަންކަން ރަނގަޅު ކުރުވާކަށްނު އަހަރެން މިއުޅެނީ..." އައިޒަކް ބުނެލިއެވެ.

"އަހަރެން މިއުޅެނީ މެރީކުރަން..." އެއްވެސް ފޮރުވުމެއްނެތި އިރަމް ބުންޏެވެ.

އިރަމް ހީކުރީ އިރަމްގެ ޖުމްލައިން އައިޒަކް ސިހޭނެ ކަމަށެވެ. އެކަމަކު އައިޒަކްގެ މޫނުން އެއްވެސް އަސަރެއް ނުފެނުނެވެ.

"ކޯއްޗެއް ކާނީ؟..." އިރަމްގެ އަޑު އިވުނުކަމަށް ނުހަދާ އައިޒަކް ނެގީ މެނޫއެވެ.

"ނުކާނަން..." އިރަމް ބުންޏެވެ. "މާދަމާ ރަންކިޔަން މިއުޅެނީ..."

"އޯކޭ..." މެނޫ މޭޒުމަތީގައި ބާއްވައިލަމުން އައިޒަކް އިރަމްގެ މޫނަށް ފުންނަޒަރެއް ދިނެވެ. "އަދި މެރީއެއް ނުކުރަމެއްނު... މެރީކުރުމުގެ ކުރިން އަހަރެން އެދޭ އެންމެ ކަމެއްވެސް އިރަމްއަށް ކޮށްނުދެވޭނެތަ؟... ގޯސްކަމަކު ނޫނެއްނު މިއެދެނީ... އަހަންނާ އެއް މޭޒެއްގެ ދަށުގަ އިނދެ ކާލަން މި ބުނަނީ..."

އައިޒަކް ވާހަކަދެއްކި ރާގުން އިރަމްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެ އެދުމަށް ދެކޮޅުހަދާކަށް ނުކެރުނެވެ. ވޭޓަރު އައުމުން ކާއެއްޗެއްސަށް އޯޑަރުދީފައި ފޯނު ނަގައިގެން ޝާލިންއަށް މެސެޖު ކުރަން ފެށިއެވެ. އައިޒަކް އިތުރު ވާހަކައެއް ނުދައްކައެވެ. އޭނާގެ ނަޒަރުވެސް ހުއްޓިފައިވީ ފޯނުގެ އިސްކްރީނަށެވެ. އިރަމް ދޭތެރެއަކުން އައިޒަކްގެ މޫނަށް ބަލައިލައެވެ. ކިތަންމެ ވަރަކަށް ބެލިޔަސް، ބަލާ ފޫހިނުވާފަދަ ސިފަތަކެއް އައިޒަކްއަށް ލިބިފައި ވިއެވެ. ބޮލުގެ އިސްތަށިގަނޑުން ފެށިގެން ކަނދުރާ އާއި ހަމައަށް އިރަމްގެ ނަޒަރު ދަތުރުކޮށްލިއެވެ. އައިޒަކް ލައިގެން އިން މަޑު ނޫކުލައިގެ އަތްދިގު ގަމީހުގެ މޭމަތިން ދެގޮށް ނައްޓާލާފައި އޮތްއިރު، ތަނަވަސް މޭމަތިން ބައެއް ފެންނަން އޮތެވެ.

"އަހަރެން ކައިރީ ބުންޏެއްނު ކަނދުރާ ނުދައްކާ އުޅޭށޭ..." އިރަމްއަށް ތުން ފިއްތައިލެވުނެވެ.

އައިޒަކްގެ މެއިން، ދެލޮލަށް ނަޒަރު ހުއްޓުމާއިއެކު އިރަމްގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. އައިޒަކްގެ ތޫނު ދެލޯ ވަނީ އިރަމްއަށް ހުއްޓިފައެވެ. ވައްކަމެއް ކުރަނިކޮށް ފަޅާއެރުމުން ތެޅިގަންނާނޭހެން އިރަމް ތެޅިގަތެވެ. ވާނުވާ އެނގުނުއިރު، އޭނާ ހުރީ ފުންމައިގެން ކޮޅަށް ތެދުވެއެވެ. އިރަމް އަވަހަށް ފާހާނާއަށް ކަމަށްބުނެ އެތަނުން ދިޔައެވެ. އައިޒަކްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

ކައި ނިންމާލިގޮތަށް ޝުކުރުއަދާކުރުމަށްފަހު، އައިޒަކް ނުކުމެގެން ދިޔައީ ޝާލިން އިރަމް ބަލާ އައިކަން ޔަގީންކުރުމަށްފަހުގައެވެ. އިރަމްގެ ހިތަށް ތަދުވިއެވެ. އެހާ ވަރުން އިރަމްގެ ފަހަތުން އުޅެފައި، މީހަކާއި އިންނަ ވާހަކަ ބުނުމުން އައިޒަކް އެއްވެސް ޝަކުވާއެއް ނުކޮށް ދިޔައީ ކީއްވެ ހެއްޔެވެ؟ އެއީ އެ ދެމީހުންގެ ފަހުގެ ބައްދަލުވުން ހެއްޔެވެ؟ އެކަމަކު، ކައިވެންޏާއި ބެހޭގޮތުން އައިޒަކް އިރަމްއާއި އެއްވެސް ސުވާލެއް ނުކުރީ ކީއްވެ ހެއްޔެވެ؟ ކައިވެނި ނުކުރުމަށް އެދި އާދޭސްނުކުރީ ކީއްވެ ހެއްޔެވެ؟ އިރަމް އެކި ފިކުރުތަކުގައި ހުއްޓައި، ޝާލިން ގޮވައިލިއެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އިރަމް ހިނގައިގަތީ ޝާލިން އާއި ދުރަށެވެ.

********

ހެނދުނުގެ ވަގުތެވެ. އިރަމް ތައްޔާރުވެލައިގެން ގެއިން ނުކުތްއިރު، އުޑުމަތި އޮތީ ބަނަކޮށްލާފައެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް އިރަމް ލައިގެން ހުރީ، ގަޔަށް ދޫކޮށް ހުރި އަތްދިގު ހެދުމެކެވެ. އެއްކޮށް ކަޅު ހެދުމުގައި އިރަމް ހީވަނީ، ހިތާމައިގެ ސާލެއް އޮޅާލައިގެން ހުރި ހެންނެވެ. މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ބްލޫ ލައިޓް ގޭގެ ދޮރުމަތީގައި ހުއްޓި، ގެއާއި ދިމާއަށް އިރަމް ވަރަށް ފުންކޮށް ބަލައިލިއެވެ. ހަޔާތުގެ އެތައް ސަފުހާއަކާއި ގުޅިފައިވާ އެ ގޭގެ ތެރެއިން މިއަދު އޭނާގެ ދިރިއުޅުމުގެ އައު ފަލްސަފާއެއް ހުޅުވިގެން ދާނެއެވެ. ތެޅެމުންދިޔަ ހިތް ހަމައަކަށް އަޅުވަމުން އިރަމް ގޮސް ދޮރުމަތީގައި ހުއްޓުނެވެ. ދޮރުގައި ޓަކި ޖަހައިލުމާއިއެކު، އެތެރެއިން ދޮރު ހުޅުވައިލީ ރަހުމާއެވެ. އިރަމް ފެނުމާއިއެކު ރަހުމާ ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ.

"އަވަހަށް އާދޭ ދަރިފުޅު..." އިރަމްގެ އަތުގައި ހިފައި ގޭތެރެއަށް ވައްދަމުން ރަހުމާ ބުންޏެވެ.

ދުވަހަކު މަންމަގެ ދުލުން ދަރިއެއްގެ ލަގަބު ދީފައިނުވާތީ، ރަހުމާގެ ޖުމްލައިން އިރަމްގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ.

"ބައްޕަވެސް މިހާރު ދެފަހަރަކު ސުވާލުކޮށްފި... ހެކިވެރިން އައިސް ތިބޭތާ މިހާރު ކޮން އިރެއް... ގަޑިއަކަށް ކިޔަސް އަވަހަށް އަންނާކަށް ނޭނގޭނެވިއްޔަ..." ރަހުމާ ކުދި ކިޔަން ފެށިއެވެ.

އެތެރެއަށް ވަދެގެން ދިޔައިރު އިރަމް ހުރީ އިސްޖަހާލައިގެންނެވެ. އެއްވެސް މީހެއްގެ މޫނަށް ބަލައިލަންވެސް އިރަމް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ ކުރަން އުޅުނު ކަންތައް ނިންމާ އަވަހަށް ގެއަށް ދާށެވެ. ސިޓިންގްރޫމުން އިރަމްއަށް މަރުހަބާކީ އިކްރާމެވެ. އިކްރާމަކީ އިރަމްގެ ބައްޕައެވެ. ހެކިވެރިން ގޮވައިގެން ރަހުމާ ގޮސް ކާގެއަށް ވަނުމުން، އިކްރާމް އިރަމް ގޮވައިގެން ތަންކޮޅެއް ދުރަށްޖެހިލިއެވެ.

"ދަރިފުޅާ... ބައްޕައަކަށް ހިއެއްނުވޭ ދަރިފުޅު ތިހުރީ އުފަލުންހެނެއް... ދަރިފުޅު ކައިވެނިކުރަން ތިއުޅެނީ ހަމަ ރުހުމުގަތަ؟... ދަރިފުޅު ކައިވެނިކުރަން ބޭނުން ނޫނިއްޔާ ބައްޕަ ކައިރީ އަވަހަށް ބުނޭ..." އިކްރާމް ވާހަކަދެއްކީ ގާތް ގޮތަކަށެވެ.

"އެއްކަލަ އިކުރާމު ފެށުނީއޭ... އޭނަ ގަބޫލު ނޫނިއްޔާ ރަންކިޔާކަށް ނާންނާނެދޯ..." ރަހުމާގެ އަޑު އިވުމުން އިކްރާމް ސިހުނެވެ.

"ރަހުމާއެކޭ މީދަލެކޭ އެއްގޮތެއްނު..." އިކްރާމް ނުރުހިފައި ބުންޏެވެ. "މީހަކާ އިންނައިރު އިންނަނީ ކާކާކަންވެސް އެނގެން ޖެހޭނެއޭ... މިއަދު ރަންކިޔަނީ... އަދި އަހަރެންގެ ލޮލަށްވެސް ތިބުނާ މީހަކު ނުފެނޭ... މަށަށް ޔަގީނޭ އެމަންޖެއަށްވެސް އެއީ ކާކުކަން ނޭނގޭނެކަން..."

"އެއީ ނުލާހިކު ބުރަކޮށް އުޅޭ މީހެއް... ކޮންމެހެން ރަންކިޔާއިރަކު އޭނަ ހުންނާކަށް ނުޖެހެއެއްނު.. މިހާރު ފޯނުންވެސް އެކަހަލަ ކަންކަން ނިންމާލެވޭ ޒަމާނެއް... އަހަރެންވާ ރަނގަޅުތާ ހެކިވެރިންވެސް މިގެއަށް ގެނައިކަން..." ރަހުމާ ރުޅިއައިސްފައި ބުންޏެވެ. "ދެން ހެވޭ... މިއޮތީ އޭނަގެ ފޮޓޯ... ބަލާނެ ވަރަކަށް ބަލާބަލަ..."

ރަހުމާ ހޫރައިލި ތަސްވީރު ގޮސް ވެއްޓުނީ އިރަމްގެ ފައި ކައިރިއަށެވެ. އިރަމްގެ ހިތް ތެޅިގަތެވެ. ނުބަލަން ހުއްޓަސް، ތަސްވީރާއި ދިމާއަށް އޭނައަށް ބަލައިލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު