ހޯމްސްޓޭ އަށް ދިއްގަރު ފައްކާވެފައި، މިއަދު ފަށަނީ ފަސް ޓޫރިސްޓުންނާއެކު

ދިއްގަރު: އެރަށް ހޯމް ސްޓޭއަށް ވަނީ ތައްޔާރުވެފައި-- ފޮޓޯ: އެމްޓީސީސީ

މިއަދު ރާއްޖޭގައި އަލަށް ފަށާ 'ހޯމް ސްޓޭ ޓޫރިޒަމް' ހޯމް ސްޓޭ ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މ. ދިއްގަރު ތައްޔާރު ވެއްޖެއެވެ.

މިވަގުތު ގެސްޓް ހައުސްއެއް ދިއްގަރުގައި ނެތް ނަމަވެސް ހޯމްސްޓޭ ޓޫރިޒަމަށް ހާއްސަކޮށްގެން ފަރުމާކުރި 'މޫރިތި' ގެ ވަނީ ފަތުރުވެރިންނަށް ތައްޔާރު ވެފައެވެ.

ދިއްގަރުގެ ގިނަ އަދަދެއްގެ ޒުވާނުން ރިސޯޓްތަކުގައި މަސައްކަތް ކުރާތީ، ރިސޯޓެއްގެ މުޅި ގެސްޓް އޮޕަރޭޝަން އަށް ބޭނުންވާ ހުރިހާ ދިމާލެއްގެ ތަޖުރިބާ އެރަށުގައި އެބަތިއްބެވެ. ހޯމް ސްޓޭ ޓޫރިޒަމް ފަށަން ދިއްގަރު ހަމަޖެއްސީ އެ ރަށުން ކިޔާ ހޫނު މަރުހަބާއަށް ބަލައިފައެވެ.

ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާމް މިއަދު "ސަން" އަށް ވިދާޅުވީ، ހޯމްސްޓޭ ޓޫރިޒަމްގެ ފުރަތަމަ ފަތުރުވެރިން މިއަދު ހަވީރު 4:00 ގައި އެރަށަށް ދާނެ ކަމަށެވެ.

"ރިސީވް ކުރުމަށްޓަކައި ފުރަތަމަ ނެރުން ވަނުމުގެ ކުރިން ދޯނިމަތީގަ އައިޓަމެއް ކުރިއަށް ދާނެ. ދެން އެބޭފުޅުން ލޯންޗް ވަންނަ ގަޑީގަ ވޯޓަ ސެލިއުޓެއް ނެގޭނެ،"

ނިޝާމް ވިދާޅުވީ ފަތުރުވެރިން އެ ރަށަށް ފޭބުމުން ހާއްސަ ރަސްމިއްޔާތެއް އޮންނާނެ ކަމަށާއި، ފަތުރުވެރިން ޗެކް އިން ވާނީ އޭގެ ފަހުން ކަމަށެވެ.

މިވަގުތު އިތުރު ބުކިންއެއް ލިބިފައި ނެތްކަން ފާހަގަ ކުރައްވަމުން ނިޝާމް ވިދާޅުވީ މިއަދު އެރަށަށް ދާ ފަތުރުވެރިން ތިބޭނީ އެއް ގެއެއްގައި ކަމަށެވެ.

މީގެ އިތުރުން ނިޝާމް ވިދާޅުވީ، ފަތުރުވެރިންގެ ޝަރަފުގައި މިރޭ ދިއްގަރު އަތިރިމަތީގައި ބޮޑުބެރާއެކު ހާއްސަ ޑިނާ ނައިޓެއް އޮންނާނެ ކަމަށެވެ.

މިއަދު ދިއްގަރަށް ދާން ހަމަޖެހިފައި ވަނީ ފަސް މީހުން ކަމަށް ދިއްގަރު ކައުންސިލްގެ މެމްބަރު އިސްމާއިލް މާހިދު "ސަން" އަށް ވިދާޅުވިއެވެ. އެއީ އެމެރިކާގެ ދެމަފިރިންނާއި ސޫދާންގެ ދެމަފިރިންގެ އިތުރުން ހާއްސަ މެހެމާނެކެވެ. އެ ޓޫރިސްޓުން އެ ރަށުގައި މަޑުކުރާނީ ދެ ރޭ ކަމަށް މާހިދު ވިދާޅުވިއެވެ.

ދިއްގަރު ކައުންސިލުން ބުނީ ހޯމްސްޓޭ ޓޫރިޒަމް ދިއްގަރުން ފެށިގެން ދިއުމަކީ އެރަށު ގިނަ އަދަދެއްގެ ޒުވާނުންނާއި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

comment ކޮމެންޓް