ބައްޕަގެ ސައިކަލު މަޑިދަށުގައި ބަހައްޓައިގެން މަސްތުވާތަކެތި ވިއްކި މީހަކު ހައްޔަރުކޮށްފި

ޑިސެމްބަރު، 19، 2019: ކެފޭ އުސޫލުން މާލޭގައި މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ ގެއެއް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ބައްޕަގެ ނަން މަތީގައިވާ ސައިކަލެއްގެ މަޑިދަށުގައި މަސްތުވާތަކެތި ބަހައްޓައިގެން، އޭގެ ވިޔަފާރި ކުރަމުން އައި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ އަބްދުﷲ ޝަރުވަތު ޝިހާބެވެ. ފުލުހުން ވަނީ އޭނާގެ މައްޗަށް ސައިކަލެއްގެ މަޑިދަށުގައި ބަހައްޓައިގެން އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުކޮށްފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

މުއްދަތު މަޖިލީހުގައި ފުލުހުން ބުނީ ތުހުމަތު ކުރެވޭ މީހާ އިން ސައިކަލުގައި މަސްތުވާތަކެތި ހުރި ކަމަށް ތުހުމަތު ކުރެވި، ސައިކަލުގެ މަޑި ހުޅުވި ވަގުތު ފުލުހުން އެތަނަށް ދިއުމުން އޭނާ ފިލަން މަސައްކަތްކުރި ކަމަށެވެ.

ފުލުހުން އޭނާ އާ ސުވާލުކުރުމުން އެ ސައިކަލުގެ މަޑި ހުޅުވީ ރައްޓެއްސަކު ބުނެގެން ހެލްމެޓެއް ނަގަން ބުނި ކަމުގައި ވީނަމަވެސް އެ ސައިކަލުގެ މަޑިދަށުގައި އެވަގުތު ހެލްމެޓެއް ނެތް ކަން ފުލުހުން ވަނީ މުއްދަތު މަޖިލީހުގައި ފާހަގަކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ އެ ސައިކަލަކީ ވަގަށް ނަގައިފައިވާ ސައިކަލެއް ކަމަށެވެ. އަދި ޝަރުވަތު ބުނި ގޮތުގައި ސައިކަލު ކައިރީ މަޑުކުރީ ސައިކަލު ފެނިގެން އަޖައިބުު ވެގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަހުގީގުން މިހާތަނަށް ބެލި ބެލުމުގައި، ޝަރުވަތު މަސްތުވާތަކެތި ރައްކާކޮށްގެން ގެންގުޅުނު ސައިކަލަކީ އޭނާގެ ބައްޕަގެ ނަން މަތީގައި ރެޖިސްޓާ ކޮށްފައިވާ ސައިކަލެއް ކަން އެނގޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

comment ކޮމެންޓް