ނަމޫނާ މެހެމާންދާރީގެ ސަބަބުން ހޯމް ސްޓޭ ޓޫރިޒަމް ފަށަނީ ދިއްގަރުން

ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އަންނަ މަހު ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ހޯމް ސްޓޭ ޓޫރިޒަމް ފަށާނީ މ. ދިއްގަރުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ހެޑް އަލީ ރައްޒާން ވިދާޅުވީ ރިސޯޓެއްގެ ހުރިހާ އޮޕަރޭޝަންއަކާ ގުޅޭ ދާއިރާތަކުގެ މީހުން ދިއްގަރުގައި އުޅޭ ކަމަށެވެ.

މިވަގުތު ފަތުރުވެރިއެއް، ގެސްޓް ހައުސްއެއް ދިއްގަރުގައި ނެތް ނަމަވެސް ރިސޯޓްތަކުގައި މަސައްކަތް ކުރާ ޒުވާނުން ދިއްގަރުގައި ވަރަށް ގިނަ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ގެސްޓް ރިލޭޝަން ކަންކަމުގަ، ފްރަންޓް އޮފީހުގައި، ސެކިއުރިޓީގައި، ޑައިވް ސެންޓަރުގައި، ވޯޓާ ސްޕޯޓްސްގައި، މިހެންގޮސް ރިސޯޓެއްގެ މުޅި ގެސްޓް އޮޕަރޭޝަން އަށް ބޭނުންވާ ހުރިހާ ދިމާލެއްގެ ތަޖުރިބާ ދިއްގަރުގަ އެބަހުރި،" ރައްޒާން ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޒާން ވިދާޅުވީ އަންނަ މަަސް ފެށޭއިރު ދިއްގަރުގައި ލޯކަލް ޓޫރިޒަމްއަށް ހާއްސަކޮށް 50 ކޮޓަރި ހުންނާނެކަމަށް ކައުންސިލުން މައުލޫމާތު ދޭ ކަމަށެވެ.

މިހާރުގެ ކައުންސިލްގެ ދައުރު ނިމޭއިރު މުޅި ރަށުން 200 އެނދު ހަމަކުރަން ކައުންސިލުން އަމާޒު ހިފާފައިވާކަމަށް ރައްޒާން ވިދާޅުވިއެވެ. ނަމަވެސް ހޯމް ސްޓޭ ފެށޭއިރު ހުންނާނީ ހަތަރު ގެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޟާ ވިދާޅުވީ، ލޯކަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން ޕްރޮޖެކްޓްގެ ދަށުން 60 ވަރަކަށް ރަށަށް ޒިޔާރަތްކޮށް ކައުންސިލާއި އަންހެނުންގެ ކުރިއަރުވާ ކޮމެޓީއާއި ފަތުރުވެރިކަމުގައި އުޅޭ މީހުންނާ ބައްދަލުކުރިއިރު، ދިއްގަރު ފާހަގަ ކުރެވުނީ މެހެމާންދާރިއަށް ފާހަގަ ކޮށްލެވޭ ރަށެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ދިއްގަރަށް ދިޔައިރު ލިބުނު ސަޕްރައިޒް އަކީ، ދިއްގަރަށް އަޅުގަނޑުމެން އެރައިވްވި އިރު، އަޅުގަނޑުމެންނަށް ރިސޯޓަކަށް އެރައިވް ވީމަ އެ ލިބޭ ވެލްކަމިން އެތަނުން ލިބުނު. އެބޭފުޅުންނަކަށް ނޭނގޭނެ ސީދާ އަޅުގަނޑުމެން އެކަމަށް އެކްސްޕެކްޓް ކޮށްގެން ކަމެއް ތިބީ. އެހެން ނަމަވެސް އެބޭފުޅުންނަކީ ޓޫރިޒަމް ދާއިރާގަ އުޅެފައި ތިބި ބަޔަކަށް ވީތީ އެ ބޭފުޅުންނަށް އަންޑަސްޓޭންޑް ވި މިކަން އޮންނަން ޖެހޭނީ މިގޮތަށް ކަން،" ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޟާ ވިދާޅުވިއެވެ.

ފަތުރުވެރިއެއް، ގެސްޓްހައުސްއެއް ނެތް ދިއްގަރުން ލިބުނު މެހެމާން ދާރީ ރިޟާ ވަރަށް ބޮޑަށް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ޓީމު އެރަށަށް އެރި އިރު ބޮޑުބެރާއެކު މަރުހަބާ ކިއުމަށްފަހު ޓީމާ ހަވާލުވީވެސް ބަޓްލަރުން ކަމަށް ރިޟާ ވިދާޅުވިއެވެ.

"ކޮންމެ މީހަކާ ހަވާލުވެގެން ގޮސް އެމީހަކު ހުންނަ ގޭގެ ކޮޓަރިއަށް ލައިދިން. ކޮޓަރިއަށް ދެވުނު އިރު ލަގެޖް ގެނެސްފި. ލަގެޖުގައި އެމީހެއްގެ ނަން ޖަހާފަ ޓެގު އަޅުވާފަ ހުރީ. މިދައްކަނީ ރާއްޖޭގެ އަތޮޅެއްގައި އޮތް ރަށެއްގެ ވާހަކަ، ފަތުރުވެރިއަކު ނެތް ރަށެއްގެ ވާހަކަ،" މެހެމާންދާރީއާ ބެހޭގޮތުން ރިޟާ ވިދާޅުވިއެވެ.

ގެސްޓްހައުސްގެ ވިޔަފާރި މިހާރު މި އޮތް މޮޑަލްގައި ނެތް ފަރާތްތަކަށް ހޯމްސްޓޭ ޓޫރިޒަމްގައި ފުރުސަތު އޮތް ކަމަށް ދިއްގަރު ރައްޔިތުންނަށް އިހުސާސް ކުރެވިފައި ވާ ކަމަށް ރިޟާ ފާހަގަ ކުރެއްވިއެވެ.

ހޯމް ސްޓޭއަށް ރަށްރަށުން ތައްޔާރު ވެފައި ވާކަން ފާހަގަ ކުރައްވައި ރިޟާ ވިދާޅުވީ، ހޯމް ސްޓޭ ޓޫރިޒަމް ރަށްރަށަށް ތައާރަފް ކުރުމަށް ރަށު ކައުންސިލާއި ރަށްރަށުގައި ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މީހުނާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން އެހީތެރިވެދޭނެ ކަމަށެވެ.

comment ކޮމެންޓް