ދިޔަމިގިލީގައި މިހާރު ހުރި ވަރުގެ މިސްކިތެއް، އަލަށް އާބާދުވި ހިސާބުގައި އަޅަނީ

ތ. ދިޔަމިގިލީގައި އަލަށް އިމާރާް ކުރާ މިސްކިތިގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ތ. ދިޔަމިގިލީގައި މިހާރު ހުރި ވަރުގެ މިސްކިތެއް، އަލަށް އާބާދުވި ހިސާބުގައި އަޅަން ސަރުކާރުން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިސްކިތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ކަމަށެވެ.

އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަދި އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އަބްދުލް އަޒީޒް އިސްމާއިލްއެވެ. އަމޭން މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ ޑިރެކްޓަރު މުރުޝިދާ އަލިމަނިކެވެ.

އެއް އަހަރު ދުވަހުން ނިންމުމަށް ހަމަޖައްސައި ހަވާލު ކުރި އެ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި ފެށޭ އަހަރުއެވެ.

ދައުލަތުން 8.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިނެވެ.

ދިޔަމިގިލީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު މުނީރު "ސަން" އަށް ވިދާޅުވީ އަލަށް އިމާރާތް ކުރާ މިސްކިތަކީ، އެ ރަށުގައި ކުރިންވެސް ހުރި މިސްކިތާ އެއްގޮތަށް، 50-60 ފޫޓު ބޮޑުމިނުގެ މިސްކިތެއް ކަމަށެވެ.

އާބާދީގައި 960 މީހުން އުޅޭ ދިޔަމިގިލީގައި ހާލަތު ހުންނަ ގޮތުން ރަށުގައި ގިނަ މީހުން އުޅޭ ވަގުތެއްގައާއި ދޯނިފަހަރު ގިނަވާ ދުވަސްވަރު މިސްކިތުގެ ޖާގައިގެ ދަތިކަން ކުރިމަތިވާ ކަމަށް މުނީރު ވިދާޅުވިއެވެ.

މުނީރު ވިދާޅުވީ އަލަށް އަޅާ މިސްކިތް އިމާރާތް ކުރަން ހަމަޖެހިފައި ވަނީ އަލަށް އާބާދު ވަމުންދާ ހިސާބު މެދުގައި ކަމަށެވެ. އަދި މިހާރު ހުރި މިސްކިތް އިމާރާތް ކޮށްފައި ވަނީ އެރަށު ދެކުނު ކޮޅުގައި ކަމަށެވެ.

comment ކޮމެންޓް