މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޓާސްކްފޯހެއް، މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ނަތީޖާ ފެންނާނެ ކަމަށް

އޮކްޓޫބަރ 8، 2020: އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 324 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުން: މަސްތުވާތަކެތި ނައްތާލާފައިވަނީ މީޑިއާތަކުގެ ހާޒިރުގައި ދޫނިދޫގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޓާސްކްފޯހެއް އެކުލަވައިފައިވާ ކަމަށާއި މި ޓާސްފޯހުން ކުރާ މަސައްކަތުގެ ނަތީޖާ އަންނަ އަހަރު ތެރޭގައި ފެންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކި އޮޕަރޭޝަންތަކުގައި ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކަށް ބަލާލުމުން ރާއްޖޭގައި މި މައްސަލަ ފުޅާވެފައި އޮތް މިންވަރާއި މިކަމުގެ ސީރިއަސް ކަން ހާމަވެގެން ދާ ކަމަށެވެ.

ސީޕީ ވިދާޅުވީ މި މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށް ސަރުކާރުން އިސް ނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާ ކުރައްވާ ގޮތަށް ދާދި ފަހުން މި މައްސަލަ ހައްލުކުރުމަށް ޓާސްކު ފޯހެއް އެކުލަވައިލައިފައިވާ ކަން ފާހަގަކުރެއްވިއެވެ.

"މީގެ މަހެއް ހާ ދުވަސް ކުރިން ނެޝަނަލް ޓާސްކްފޯހެއް އެކުލަވައިލެވިގެން ދިޔަ، ރައީސުލްޖުމްހޫރިއްޔާ ޗެއާ ކުރައްވާ ގޮތަށް، އެ ޓާސްކްފޯސްގެ ތެރެއިން ވެސް މިހާރު މިގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން،" ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް 2022 ވަނަ އަހަރު މި މަސައްކަތްތަކުގެ ނަތީޖާ ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައި އޮތް އިގްތިސޯދީ އެންމެ ބޮޑު މައްސަލަކަމަށާއި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސް ނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އިމްރާން ވިދާޅުވީ މަސްތުގެ ހާލަތުގައި ތިބޭ މީހުންގެ އަދަދު ގިނަ ވަމުންދާތީ، މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް ރައީސް ސޯލިހު ޓާސްކުފޯހެއް އުފެެއްދެވީ އަމިއްލަ އިސްނެންގެވުމަކަށް ކަމަށެވެ. އަދި މި ޓާސްކުފޯހުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މި ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލަ ހައްލު ނުވެ އޮތީ މީގެ ކުރިން ސަރުކާރުން ގެންގުޅެފައި ހުރި ސިޔާސަތުތަކުގެ ސަބަބުން ކަމަށާއި މި ސަރުކާރުން މިހާރު ކުރަމުން މި އަންނަނީ ފާއިތުވީ 50 އަހަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް