ދީނީ އިލްމުވެރިން ގަދަ ޒުވާބުގައި، ނަތީޖާ އަކީ ކޮބާ؟

މީހަކު ހުކުރު މިސްކިތުގައި ނަމާދު ކުރަނީ: ގިނަ ދިވެހިންނަކީ ދީނަށް ލޯބި ކުރާ ބައެއް. -- ސަން ފައިލް ފޮޓޯ

އިސްލާމީ އިލްމުން މަތީ ފާސްތައް ނަންގަވައިގެން އުޅުއްވާ ބައެއް ބޭފުޅުންގެ އަމަލުތަކަށް ބަލާއިރު އެއީ ހަމަ އިލްމުވެރިންތޯ ސުވާލު އުފެދެއެވެ. ވާހަކަ އާއި ރައްދު އެހާ ގިނައެވެ. އޯގާތެރިކަމާއެކު ކަންކަން އޮޅުން ފިލުވައި ދިނުމުގެ ބަދަލުގައި މުޅިންހެން އުޅެނީ ޒުވާބު ކުރުމާއި ގަދަ ބަސް ބުނުމުގެ ތެރޭގައެވެ. ތިމާ ނޫން އެހެން މީހެއްގެ ބަސް އަޑު ނާހާނަމޭ ބުނާ ކަހަލައެވެ. ބަސްމަގާއި އުޅޭ ގޮތް ވެސް ހުންނަނީ އެހެން މީހުން ނަމޫނާއަކަށް ބަލަން ޖެހޭ ގޮތަކަށް ނޫނެވެ.

ގާނޫނު އަސާސީގައި ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށް ބުނާ މި ރާއްޖޭގައި މީގެ ކުރިން ދީނީ އިލްމުވެރިންނަށް ވަރަށް ބޮޑަށް އިހުތިރާމު ކުރެއެވެ. އެ އިލްމުވެރިން ދޭ ނަސޭހަތްތައް އަޑުއަހައި އެއަށް އަމަލު ކުރާ މީހުން ގިނައެވެ. އެހެން ދީނަކަށް ފާޅުގައި ފުރުސަތު ނުދީ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމިމި އޮވެވެނީ ވެސް އެފަދަ އެތައް ސަބަބަކާ ހުރެއެވެ. އިލްމުވެރިންގެ ބަސް މީގެ ކުރިން ވަރަށް ބޮޑަށް ވިކެއެވެ. ނަމަވެސް ސުވާލަކީ ކުރިއާއި މިހާރާ ބަލާއިރު އެކަމުގައި ތަފާތެއް އެބައޮތްތޯއެވެ؟

ކުރިންނަމަ ދަރުހެއް ބާއްވާއިރު އެ ސަރަހައްދެއް ފުރެއެވެ. ދަރުސް ރެކޯޑް ކޮށްފައި ހުންނަ ސީޑީތައް ނެރޭ ވަރަކަށް ވިކި ހުސްވެއެވެ. ބައެއް ޝެއިހުންގެ ދަރުސްތަކަށް ހާއްސަ ސަޕޯޓެއް އޮވެއެވެ. މިހާރު ނަމަ ގިނައިން ދީނީ މައުލޫމާތު ފޯރުކޮށްދެމުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ސުވާލަކީ ކުރިން އޮތް ފޯރިހަމަ އެގޮތުގައި އެބައޮތްތޯއެވެ؟ ނޫނީ ޝެއިހުންނަށް އޮތް އިތުބާރާއި ލޯބި ދަނީ ދަށް ވަމުން ތޯއެވެ؟

"އަހަރެން އަޑެއް ނާހަން އެ މީހުން ދައްކާ ވާހަކައެއް މިހާރަކު. އަހަރެމެން ކައިރި ދުނިޔެމީ ތަނެއް ނޫނޭ ބުނެފައި އެ މީހުން ސިޔާސީ ވެގެން އުޅެނީ ދުނިޔެ ހޯދުމުގައި. މިހާރު މީހުން ނޫޅޭ އެ މީހުން ފަހަތަކުންނެއް. އަހަރެމެންނަށް ވެސް އެނގޭ ނަމާދުކޮށް ރަނގަޅަށް އުޅެން،" ރާއްޖޭގެ ޝެއިހުންނާމެދު ދެކޭގޮތް އަހާލަމުން 53 އަހަރުގެ ދިވެހި ފިރިހެނަކު ނަން ނުޖަހަން ޝަރުތުކޮށް ދިން ޖަވާބަކީ މިއީއެވެ.

އިސްލާމިކް މަރުކަޒަށް ބަޔަކު ނަމާދަށް އަރަނީ -- ސަން ފައިލް ފޮޓޯ

ދީނީ އިލްމުވެރިންނާ ދޭތެރޭ ދެކޭ ގޮތާ ގުޅޭގޮތުން މީހުންގެ ހިޔާލު ހޯދާލިއިރު ގިނައިން ލިބެނީ މާ ރަނގަޅު ޖަވާބުތަކެއް ނޫނެވެ. ބައެއް އިލްމުވެރިންގެ އަމަލުތައް ހުރިގޮތުން އެ މީހުންނާމެދު އޮތް އިތުބާރު ދަށްވާތަން ފެނެއެވެ. ސަބަބުތައް ވެސް ގިނައެވެ.

ދައްކާ ވާހަކަ އިރުއިރުކޮޅުން ބަދަލުވާނަމަ އެ މީހަކަށް މީހުން ކުރާ އިތުބާރާއި އިހުތިރާމު ދަށް ވާނެއެވެ. އަދި ދައްކާ ވާހަކަ އާއި އަމަލާ ދިމާ ނުވާނަމަ މީހުން ހަގީގަތުގައި ވެސް ފޫހިވާނެއެވެ. މިއީ ދީނީ އިލްމުވެރިންގެ އިތުބާރުވެސް ގެއްލޭ އެއް ސަބަބެވެ. ސިޔާސީ ދާއިރާގައި އުޅޭ ޝެއިހުންނަށް ބަލާއިރު މި މަންޒަރު ވަރަށް ބޮޑަށް ސިފަވެއެވެ. އިދިކޮޅު ޕާޓީގައި ހުރެ ދައްކާ ވާހަކަ އާއި މަގާމު ލިބުމުން ދައްކާ ވާހަކައާ ދިމާ ނުވާ ފަހަރު ގިނައެވެ. ހަމަ އެކަނި ވާހަކައެއް ނޫނެވެ. އަމަލުތައް ވެސް މެއެވެ. ކުރިން ވަކި މީހަކާ މެދު ދެއްކި ވާހަކަ ވެސް މަގާމު ލިބުމާއެކު ބަދަލުވެއެވެ. ދެން އެ މީހެއްގެ ކުށެއް ނުފެންނަ ފަދައެވެ. މަގާމާއެކު ހުރިހާ ކަމެއްހެން ވަރިހަމަވާ ހިސާބަށް ދަނީއެވެ. ނުވަތަ ތިމާ ސަޕޯޓް ކުރާ މީހުން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް ދީނުގެ ދިފާއުގައި ނިކުންނަތަން ނުފެނެއެވެ.

"މަގާމުތައް ދިނީމަ އާއި މަގާމެއް ނެތި ޑިޕްލޮމެޓިކް ފާސްޕޯޓް ދިނީމައި އެ ތިއްބަވަނީ ހެވިފައި. ކުރިން ދެއްކި ވާހަކަ މުޅި ރާގު ބަދަލު ވެއްޖެ. މިއީ ހާލަތު. ދެން ކޮން އިތުބާރެއްތޯ ކުރެވޭނީ؟" މައުޟޫގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް އެހެން އާއްމު މީހަކު ބުންޏެވެ.

ސޯޝަލް މީޑިއާއަށް ބަލާލާއިރު ވެސް ފެންނަނީ މާ ރީތި މަންޒަރެއް ނޫނެވެ. ސިޔާސީ ހިޔާލު ތަފާތުވުންތަކާއި ދީނީ ކަންކަމުގައި ވެސް ހިޔާލު ތަފާތުވާ ފަހަރު ބައެއް ޝެއިހުން އަމަލު ކުރަމުން އެދަނީ މާ ރީތި ގޮތަކަށް ނޫނެވެ. އެތައް ބަޔަކަށް ފެންނަތަނުގައި ގަދަ ޒުވާބުކޮށް ހަރު ބަސްތައް ބުނެ ނަގަނީއެވެ. ތިމާގެ ކޮޅު ވަރުގަދަ ކުރަން ވެގެން ކަންކަން ހުއްދަކޮށް، ނުވަތަ ހުއްދަ ނޫން ކަމަށް ބުނެ ގޮތް ނިންމަނީއެވެ. ފޯރީގައި ޒުވާބުގައެވެ. މިއީ ހަމަ ދީނީ އިލްމުވެރިން އުޅެން ވާނެ ގޮތްތޯއެވެ؟

އެވަރުން ނިމުނީއެއް ނޫނެވެ. ދީނީ ގޮތުން ހިޔާލު ތަފާތުވުންތައް ހުންނަ ކަންކަން ތިމާ ގަބޫލު ކުރާގޮތް އެއީ ގޮތް ކަމަށް ކަނޑައަޅަން އުޅުމަކީ ވެސް އަގުވެއްޓޭ ކަމެކެވެ. ހާއްސަކޮށް ގައުމުތަކުގެ ސަގާފަތަކީ ދީނުގެ ކަމެއްކަން ދެއްކުމަށް ކުރާ ބަހުސްގެ ތެރޭގައި ވެސް އެތައް ކަމެއް އެބަ ހިނގައެވެ.

"ރާއްޖޭގަ ދީނާ މެދު މީހުން ދުރަށް ދަނީ ދީނީ އިލުމުވެރިންނޭ ކިޔާ މީހުންގެ ތައުލީމީ ފެންވަރު ދަށްކަމުން. ދުނިޔޭގެ ހުރިހާ ދާއިރާއަކަށް ތިމާމެންނަށް ވައުޒުދެވޭ ކަމުގެ ދައުވާ ކުރާއިރު ދުނިޔަވީ އެތައް ސުވާލަކަށް ދޭނެ ޖަވާބު އެ މީހުންގެ އަތުގާ ނުހުރޭ... އެމީހުންވެސް ބޭނުންވަނީ ފޮލޮވަރުން ގިނަ ކޮށްގެން ވެރިކަން ކުރަންކަން. މީގެ ހުރިހާ އެންމެންގެވެސް ބޭނުމަކީ ހަމަ ވެރިކަމުގެ ޖާހާ ބާރު ހޯދުން. އަނެކުންނަށް އަމުރުކޮށް ތިމާގެ އަތުން ފައިން މަސައްކަތްކުރުން،" ސެކިއުލަރިޒަމްއާ ގުޅޭގޮތުން "ސަން" ގައި ލިޔުނު ރިޕޯޓަކަށް ކޮށްފައިވާ ކޮމެންޓެއްގައި މީހަކު ބުންޏެވެ.

ސިޔާސީ ބޭނުމުގައި ނުވަތަ މާލީ ފައިދާއަށް ދީން ބޭނުން ކުރާ ކަމުގެ ތުހުމަތު އެތައް ބަޔަކު ކުރަނީ ސަބަބުތަކެއް އޮތީތީއެވެ.

އިލްމުވެރިންނަށް ނޭންގި މަޅިއެއްގައި ޖެހިފައި

ރާއްޖެއަށް އެހެން ދީންތައް ގެނައުމަށް މަސައްކަތް ކުރާ މީހުންނާއި ދީނެއް ނުވާކަން ޕްރޮމޯޓް ކުރަން އުޅޭ މީހުންނާއި ސެކިއުލަރިޒަމް ވިސްނުމުގެ މީހުން ވެސް ޓާގެޓްތަކުގެ ތެރޭގައި ދީނީ އިލްމުވެރިންނަކީ އަގެއް ނެތް އަދި މީހުން އިތުބާރު ނުކުރާ ބަޔަކަށް ހެދުން ހިމެނޭނެއެވެ. ސަބަބަކީ އެ މީހުންނާ ދެކޮޅަށް ފުރަތަމަ ވެސް ނުކުންނާނެ ބަޔަކީ ދީނީ އިލްމުވެރިން ކަމަށް ވާތީއެވެ.

"މިއީ ހަމަ ރޭވިގެން ކުރާ ކަމެއް. އެކި ގޮތްގޮތުން ދީނީ އިލްމުވެރިންގެ އަގު ވައްޓާލުމަށް އެބަ މަސައްކަތް ކުރޭ. ދީނީ އިލްމުވެރިންނަކީ އިންސާނީ އެއްވެސް އިލްމެއް ނޭންގޭ ބައެއްކަން ދެއްކުން އެއީ ޕްލޭނެއް. އެ މަޅީގައި ނޭންގި ތިބެ އިލްމުވެރިން މި ޖެހެނީ. މިހާރު އެ އުޅޭގޮތަށް އުޅުނީމައި އެބަ އަގު ވެއްޓޭ ނޫންތޯ؟،" ރާއްޖޭގައި ދީނީ މައުލޫމާތު ފޯރުކޮށްދޭތާ 40 އަކަށް އަހަރު ވެފައިވާ ޝެއިހަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

އެ ޝެއިހް ވިދާޅުވިގޮތުގައި ގަދަ ބަސް ބުނެ ޒުވާބު ކުރުމަކީ އޮންނަ ގޮތް ނޫން ކަމަށާއި އިސްލާމް ދީނުގައި އޮންނަގޮތަކީ އެހެން މީހުންނަށް އިހުތިރާމު ކުރުން ކަމަށެވެ. އިހުތިރާމުނުކޮށް ދީނީ އިލްމުވެރިން ކުރާ ކަންކަމުން އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ޒުވާބުކޮށް ހެދީމައި މީހުންނަށް ފެންނާނީ އެބުނާ އެތި. ދީނުގައި އޮތީ ހަމަނުޖެހުން ކަމަށް. އޭރުން މީހުން އެބަ ފޫހިވޭ. އެހެންވީމައި އެ ފުރުސަތު ނުދޭން އެބަ ޖެހޭ،" ޝެއިހް ވިދާޅުވިއެވެ.

ޝެއިހް ވިދާޅުވިގޮތުގައި ދީނީ އިލްމުވެރިންގެ އަހުލާގު ވެސް މިވަނީ ރަނގަޅު ކުރަން ޖެހިފައެވެ. ދުނިޔެއަށް ޓަކައި މަސައްކަތް ކުރާއިރު ވެސް ދީން ހަތިޔާރަކަށް ނުހަދައި އުޅެން ޖެހޭ ކަމަށް ޝެއިހް ވިދާޅުވިއެވެ.

"ދީނަކީ ކާންބޯން ބޭނުންކުރާ ވަސީލަތަށް ހަދައިގެން ނުވާނެ. އިލްމުވެރިންނޭ ބުނެ މާ މާތް ބަޔަކަށް ވާން ވެސް އުޅެގެން ނުވާނެ. ދީނީ އިލްމުވެރިން ވެސް އާދައިގެ މީހުންގެ ގޮތުގައި ތިބެން ވާނީ،" ޝެއިހް ވިދާޅުވިއެވެ.

މީހަކު މިސްކިތުގައި ގުރުއާން ކިޔަވަނީ -- ސަން ފައިލް ފޮޓޯ

މީހުން ދީނާ މީހުން ދުރުވާ ސަބަބު ތަކުގެ ތެރޭގައި ދީން ރަނގަޅަށް ބުނެ ނުދެވުން ހިމެނެއެވެ. އަދި ދީނީ ކަންކަމާ ގުޅުވައިގެން އިލްމުވެރިން ހިމެނޭ ގޮތަށް އުފައްދާ ފިތުނައިގެ ސަބަބުން މީހުން ދީނީ ކަންކަމުގެ މަތިން ފޫހިވާ ފަހަރު ވެސް އާދެއެވެ.

"ދީނީ ބައެއް އިލްމުވެރިންގެ ކަންކަން ހުންނަ ގޮތުން ބައެއް އާއްމުންނަށް ދީނުގެ ކަންކަމަކީ ބޮޑު ކަންތައްގަނޑަކަށް އެބަވޭ. ވަކި ގޮތަކަށް ހެދުން ނާޅައިގެން އެކަން މަނާ ކޮށް ހެދީމައި މީހުން އެބަ ފޫހިކޮށްލާ. މިކަމަކާ ހެދި އުޅެން އުނދަގޫވެއޭ ބުނާ ހިސާބަށް އެބަދޭ. އެހެންއެކަން އެވަނީ ބައެއް އިލްމުވެރިން އަމަލުތައް ހުންނަ ގޮތުން،" ދީނީ ތައުލީމުވެސް އުނގެނި އަދި އެހެން ދާއިރާއަކުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވިއެވެ.

ޕޮލިޓިކަލް ސައެންސްގެ ރޮނގުން މަތީ ތަޢުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ސިޔާސީ ބޭނުމަށްޓަކައި ގައުމެއްގެ ރައްޔިތުން ފިތުނަކުރުމަކީ ސިޔާސީ އެއް އުކުޅެވެ. މި ގޮތަށް ކަންތައް ކުރުމަށްޓަކައި އެ މީހުން އެންމެ ގަދަރުކުރާ ގަބޫލުކުރުންތަކާއި މީހުންގެ ގަޑުބަޑުކޮށްލުމަކީ ރޭވިގެން ކުރާކަމެކެވެ.

[އެއަށް ކިޔާނީ ސައިކޮލޮޖިކަލް ސަބްވަރޝަން. މީގެ އޮންނާނެ ހަތަރު ފިޔަވައްސެއް. ފުރަތަމަ ފިޔަހި ނިމޭއިރު މީހުންނަށް ވިސްނޭނީ ދީނީ އިލްމުވެރީންކި ޖޯކުބައެއްކަން. ދީނަކީ އެއްވެސް މާނައެއް ހުރި އެއްޗެއް ނޫންކަމަށް. މިއީ ވަރަށް އަޑި ނުބައި ނުރައްކާތެރި ރޭވުންތަކަކުން ކުރާ ކަންތައްތަކަކުން ގައުމަށް ގެންނަ ހާލަތެއް. އެންމެ ހިތާމަހުރި ކަމަކީ މިހެން މިކަން ކުރަން ދީނީ އިލްމުވެރިން ހަލާކުކޮށްލާއިރު އެ ބޭފުޅުންނަށް އެކަން ވިސްނިވަޑައިނުގަންނަވާކަން.'' އޭނާ ވިދާޅުވިއެވެ.

ގިނަ ދިވެހީންނަކީ އަދިވެސް ދީނަށް ލޯބި ކުރާބައެކެވެ. އިސްލާމް ދީން ފިޔަވާ އެހެން ދީނެއް ރާއްޖޭގައި އޮތުމަށް ނޭދޭ މީހުންނެވެ. ނަމަވެސް ރާއްޖެއަށް އެހެން ދީންތަކާއި ފިކުރުތައް ގެނައުމަށް އެބަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެމީހުންގެ ޓާގެޓްތަކުގެ ތެރޭގައި ދީނީ އިލްމުވެރިންގެ އަގު ވައްޓާލުން ހިމެނޭއިރު އެ މަޅީގައި ދީނީ އިލްމުވެރިން މިވަނީ ޖެހިފައެވެ. އަމަލާއި ވާހަކަތައް ދިމާ ނުވާ ބައެއްގެ ގޮތުގައި ސިފަވެ ނިމެނީއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެ މިސްރާބަށް މިހާރު ކަންކަން ދާއިރު އިލްމުވެރިން ހޭލަން ވެއްޖެއެވެ. މީހުން ފޫހިނުވާނެ ގޮތަށް އަމަލުތައް ބަހައްޓަން ޖެހެއެވެ.

comment ކޮމެންޓް