ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން: ހަންނާނުގެ ކެންޑިޑެސީ ބަލައިގަނެފި

އަބްދުލް ހަންނާން ބައި-އިލެކްޝަންގައި ބައިވެރިވުމަށް އެލެކްޝަންސް ކޮމީޝަނަށް ފޯމު ހުށަހަޅުއްވަނީ---- ފޯޓޯ/އެމްއެންޕީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ފަރާތުން ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި އަބްދުލް ހަންނާނު އިދުރީސްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ޝަރުތު ހަންނާނުގެ ކިބައިގައި ފުރިހަމަ ވެފައިވާކަމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބަލައިގަތީ މިއަދުއެވެ.

ހަންނާނަކީ ކޮމަންޑޫ ދައިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލި ފުރަތަަމަ ކެންޑިޑޭޓެވެ. އޭނާ އިންތިހާބަށް ކުރިމަތި ލުމަށް ފޯމު ހަށަހެޅީ އިއްޔެގެ ވަގުތެއްގައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ހަންނާނުގެ އިތުރުން އިތުރު ދެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ. މި ދެ ކެންޑިޑޭޓުންނަކީ ވެރިކަން ކުރާ އެމްޑީޕީން ވާދަކުރާ ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދުގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުސާ ފަތުހީ އާދަމެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަނޑޫ ދައިރާ ތަމްސީލުކުރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު މި މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން މަޖިލީހުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބައި އިލެކްޝަން ބާވާނެކަމަށް އިއުލާންކޮށްފައެވެ.

comment ކޮމެންޓް