އޭސީސީގެ މެމްބަރުން އިސްތިއުފާ ދިނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުރިހާ މެމްބަރުން އިސްތިއުފާ ދިނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ނުފޫޒު ފޯރުވުމުން ކަމަށް މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭސީސީގެ މެންބަރުންގެ ތެރެއިން އިސްތިއުފާ ނުދެއްވާ ތިއްބެވި ތިން މެމްބަރުން މިއަދު ވަނީ އިސްތިއުފާދެއްވާފައެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲއެވެ.

އޭސީސީގެ މެންބަރުން ކުއްލިއަކަށް މިއަދު އިސްތިއުފާ ދެއްވުމުން އެކަމަށް ފާޑު ވިދާޅުވެ، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ އެކަމުން ހާމަވަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ހުދުމުހުތާރުކަމާއި އަނިޔާވެކަން ކަމަށެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސް ކުރީ އިއްޔެއެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީކޮށް ފިޔަވަޅު އެޅުމުގައި އެ ކޮމިޝަނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ބުނެއެވެ.

އެބޭފުޅުން ވަކިކުރަން ކޮމެޓީން ނިންމީ ޖަވާބު ދާރީވުމުގެ ފުރުސަތު ދިނުމަށް ފަހުގައެވެ.

comment ކޮމެންޓް